ޑީ ބާސްކެޓްބޯލް ކްލަބް (ޑީބީސީ)އިން އިންތިޒާމު ކޮށްގެން ބޭއްވި ތްރީ އޮން ތްރީ ބާސްކެޓްބޯޅަ މުބާރާތް ނިމިއްޖެ އެވެ.

"ކޯސްޓް ތްރީ އޮން ތްރީ ބެޓަލް"ގެ ނަމުގައި ރާޅުގަނޑުގައި ކުރިއަށްދިޔަ މި މުބާރާތް ނިމުނީ އިއްޔެ ހަވީރު ކުޅުނު ފިރިހެން ޑިވިޝަންގެ ފައިނަލު މެޗަށް ފަހު އެވެ.

ފިރިހެން ޑިވިޝަނުގެ ފައިނަލު މެޗުގައި ވާދަކޮށްފައި ވަނީ ޓީމް މޮންސްޓާޒް އާއި ޓީމް އޭލިއަންސް އެވެ. ކުޅި ބަލަން ތިބި ގިނަ ބައެއްގެ ކުރިމަތީގައި ކުޅުނު ފޯރިގަދަ މެޗު 21-17 ޕޮއިންޓުން ކާމިޔާބުކޮށް، ޗެމްޕިއަންކަން ހޯދީ ޓީމް މޮންސްޓާޒް އެވެ.

އެ މެޗަށް ފަހު، ވަނަވަނައަށް ހޮވުނު ފަރާތްތަކަށް ވަނީ ތައްޓާއި އިނާމު ހަވާލުކޮށްފަ އެވެ. މުބާރާތުގެ ފެއާ ޕްލޭ ޓީމަށް ދޭ 3000 ރުފިޔާގެ ފައިސާގެ އިނާމު ހަވާލުކޮށްދެއްވީ އޮލިމްޕިކް ކޮމިޓީގެ ކުރީގެ ރައީސް ޒާހިރު ނަސީރެވެ. އަދި މި މުބާރާތުގެ ތެރޭގައި ކުރިއަށްދިޔަ ޝޫޓިންގް ޗެލެންޖް ކާމިޔާބުކުރީ ހަސަން އަދި މަފާޒުގެ ޓީމެވެ.

އަންހެން ޑިވިޝަނުގެ ރަނަރަޕް މަގާމް އަދި ޗެމްޕިއަން ޓީމަށް ދޭ ތައްޓާއި މެޑެލް ހަވާލުކޮށްދެއްވީ ބާސްކެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް އަހްމަދު ހާފިޒެވެ. އަންހެން ޑިވިޝަނުގެ ރަނަރަޕް މަގާމު ހޯދީ ޓީމް ރޯޒާޒް އެވެ. އަދި ޗެމްޕިއަންކަން ހޯދީ ޓީމް ކިއުޓީޒް އެވެ.

ފިރިހެން ޑިވިޝަނުގެ ވަނަވަނަ އަށް ދިޔަ ޓީމުތަކަށް ތައްޓާއި އިނާމު ހަވާލުކޮށްދެއްވީ ބީއެޗްއެމް ޓްރޭޑާސްގެ މާކެޓިންގް މެނޭޖަރު، އިބްރާހިމް ޝަރީފެވެ. ފިރިހެން ޑިވިޝަނުގެ ތިންވަނަ ހޯދީ ޓީމް ކޮޒީނާ އެވެ. ރަނަރަޕްކަން ހޯދި ޓީމް އޭލިއަންސްއަށް 5000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބުނު އިރު، ޗެމްޕިއަންކަން ހޯދި މޮންސްޓާޒްއަށް ލިބުނީ 15000 ރުފިޔާގެ ފައިސާގެ އިނާމެކެވެ.

ފަސް ދުވަހުގެ މުއްދަތަށް ކުރިއަށް ދިޔަ މި މުބާރާތުގެ މެއިން ސްޕޮންސަރުންނަކީ ބީއެޗްއެމް ޓްރޭޑާސް އެވެ.