27 Jul 2014, 13:05
ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ ރަހުމުކުޑަ ޖަރީމާތައް އިތުރު 24 ގަޑިއިރަށް ހުއްޓާލުމަށް ހަމާސް ޖަމާއަތުން ދެކޮޅު ހަދާ އިސްރާއީލަށް ރޮކެޓް ހަމަލާތަކެއް ދިނުމުން، އިސްރާއީލުގެ ހަމަލާތައް އަލުން ފަށަން ނިންމައިފި އެވެ.
އިސްރާއީލުގެ އަސްކަރިއްޔާއާ ހަވާލާދީ ބީބީސީގައި ބުނެފައި ވަނީ، ފަލަސްތީން ރައްޔިތުންގެ ދިފާއުގައި ހަނގުރާމަކުރަމުންދާ ހަމާސް ޖަމާއަތުގެ މުޖާހިދުންނާއި ދެކޮޅަށް ވަޔާ އެއްގަމުގެ އިތުރުން ކަނޑުމަގުން ވެސް ހަމަލާތައްދޭން ނިންމާފައިވާ ކަމަށެވެ.
ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ޒަޔަނިސްޓް އިސްރާއީލުން ހިންގަމުންދާ ރަހުމުކުޑަ ޖަރީމާތައް އިތުރު 24 ގަޑިއިރަށް ހުއްޓާލުމަށް އެކުވެރި ދައުލަތް (އދ.) އިން ހުށަހެޅި ހުށަހެޅުން އިސްރާއީލުން ގަބޫލުކުރި ނަމަވެސް، ހަމާސް އިން ވަނީ އެނިންމުމަށް ދެކޮޅު ހަދައި، އިސްރާއީލަށް މިއަދުވެސް ރޮކެޓް ހަމަލާތަކެއް ދީފައެވެ.
އިސްރާއީލުގެ އަސްކަރިއްޔާއާއި ހަވާލާދީ އޭޕީގައި ބުނެފައިވަނީ ހަމާސް އިން ހަތް ރޮކެޓް ހަމަލާއެއް މިއަދު އިސްރާއީލުގެ ދެކުނަށް ފޮނުވާލާފައިވާ ކަމަށެވެ.
އިސްރާއީލުން ކުރިން ބުނެފައި ވަނީ، ހަމަލާތައް ދިނުން 24 ގަޑިއިރަށް ހުއްޓާލި ނަމަވެސް، ޣައްޒާ އިން އިސްރާއީލަށްދޭ ހަމަލާތަކުގެ ރައްދުދޭނެ ކަމުގެ އިންޒާރު ހަމާސް އަށްދީފަ އެވެ.
ހަމާސްގެ ތަރުޖަމާން ސާމީ އަބޫ ޒުހުރި ބުނެފައި ވަނީ، ހަމަލާތައް ހުއްޓާލުމަށް ހަދާ ކޮންމެ އެއްބަސްވުމެއްގައި ވެސް ޣައްޒާގައި މިހާރު ހަރަކާތްތެރިވާ އިސްރާއީލުގެ ސިފައިން ފޭބުމަށާއި ޣައްޒާ ދޫކޮށްފައި ދިޔަ އެތައް ހާސް ރައްޔިތުންނެއް އެނބުރި ޣައްޒާ އަށް އައުމުގެ ހުއްދަ ލިބިދޭންޖެހޭނެ ކަމަށެވެ.
އެގޮތުން، އިސްރާއީލުން މިހާރު ހުށަހަޅާފައިވާ ކަންކަމަކީ ގަބޫލުކުރެވޭނެ ކަންތައްތަކެއް ނޫން ކަމަށް ސާމީ އަބޫ ޒުހުރީ ނޫސްވެރިންނަށް ފޮނުވާފައިވާ މެސެއްޖެއްގައި ބުނެފައިވާ ކަމަށް އޭޕީގައި ބުނެފައިވެ އެވެ.
އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ޖަރީމާތަކަށް މިއަދަށް 20 ދުވަސްވެފައިވާ އިރު، އިއްޔެ އެކަނިވެސް ވަނީ އިސްރާއީލުގެ ހަމަލާތަކުގައި ހަލާކޮށްލާފައިވާ އިމާރާތްތަކުގެ ދަށުން މަރުވެފައިވާ 150 މީހެއްގެ ހަށިގަނޑު ނަގާފަ އެވެ. އެމީހުންނާ އެކު މިހާރު އިސްރާއީލުން ޝަހީދުކޮށްލި މީހުންގެ އަދަދު 1047 އަށް އަރަ އެވެ.
މީގެ އިތުރުން، އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ޖަރީމާތަކުގައި ޒަޚަމްވި ފަލަސްތީނު މީހުންގެ އަދަދު 6000 އަށްވުރެ މައްޗަށް އަރަ އެވެ.
އިސްރާއީލުގެ އުދުވާނުގެ ރައްދުގައި ހަމާސް ޖަމާއަތުން ދިން ހަމަލާތަކުގައި އިސްރާއީލު ސިފައިންގެ 42 މީހުން މިހާތަނަށް މަރާލާފައިވެ އެވެ.