27 Jul 2014, 12:27
ރާއްޖޭގެ 49 ވަނަ މިނިވަންދުވަހާއި 1435 ވަނަ އަހަރުގެ ފިތުރު އީދާ ގުޅިގެން ޗައިނާ ސަރުކާރުން ރާއްޖޭގެ ރައްޔިތުންނަށް ތަހުނިޔާ ކިޔައިފި އެވެ.
ރާއްޖޭގައި ހުންނަވާ ޗައިނާގެ އެމްބެސެޑަރް ވާންގް ފޫކާން މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ މިނިވަން ދުވަހާއި ފިތުރު އީދާ ގުޅިގެން ދިވެހި ރައްޔިތުންނަށް އެންމެ ހޫނު މަރުހަބާ އާއި ހެޔޮއެދުންތައް ފޮނުއްވާ ކަމަށެވެ.
ރާއްޖެއާ ޗައިނާއާ ދެމެދު 1972 ވަނަ އަހަރު ސިޔާސީ ގުޅުން ގާއިމްކުރި ފަހުން ދެގައުމުގެ ގުޅުން ކުރިއަށް ދިޔައީ ވަރަށް ރަނގަޅަށް ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ. އެގޮތުން ޗައިނާ އިން ރާއްޖެ އަށް ކޮށްދީފައިވާ ބައެއް ކަންތައްތައް އޭނާ ފާހަގަކުރައްވާފައިވެ އެވެ.
ވާންގްގެ ބަޔާނުގައި ޗައިނާގެ މުސްލިމުންގެ ވާހަކަވެސް ފާހަގަކުރައްވާފައިވެ އެވެ. އެގޮތުން ވިދާޅުވެފައި ވަނީ އެގައުމުގެ މުސްލިމުން މިއަހަރުގެ ރަމަޟާން މަސް ނިންމައި އެލަނީ އުފާވެރި ކަމުގައި ކަމަށެވެ.
"ޗައިނާގައި 56 ނަސްލުގެ ތެރެއިން 10 ނަސްލެއްގެ މީހުންނަކީ މުސްލިމުންނެވެ. އެގޮތުން އަންދާޒާ ކުރެވޭ ގޮތުގައި ޗައިނާގައި މުސްލިމުންގެ އާބާދީއަކީ 23 މިލިޔަނެވެ. އެމީހުން ވަނީ ހަމަ ރާއްޖޭގައި ތިބި އެމީހުންގެ އަޚުންނާ އުޚުތުންނެކޭ އެއްފަދައިން މާތް އަދި އުފާވެރި ރަމަޟާން މަހެއް ވެއަތުކޮށްފަ އެވެ. އަދި އެއުޅެނީ އާއިލާގެ މެމްބަރުންނާ އެކު އުފާވެރި އީދެއް ފާހަގަ ކުރާށެވެ،" ބަޔާނުގައިވެ އެވެ.