ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ޒަޔަނިސްޓް އިސްރާއީލުން ހިންގަމުންދާ ރަހުމުކުޑަ ޖަރީމާތައް އިތުރު 24 ގަޑިއިރަށް ހުއްޓާލުމަށް އެކުވެރި ދައުލަތް (އދ.) އިން ހުށަހެޅި ހުށަހެޅުން އިސްރާއީލުން ގަބޫލުކޮށްފި އެވެ.

އެސޯސިއޭޓެޑް ޕްރެސް (އޭޕީ) ގައި ބުނެފައި ވަނީ، އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ގަތުލްއާންމުތައް 24 ގަޑިއިރަށް ހުއްޓާލުމަށް އިސްރާއީލުގެ ކެބިނެޓުން ނިންމި ނަމަވެސް، ޣައްޒާއިން އިސްރާއީލަށްދޭ ހަމަލާތަކުގެ ރައްދުދޭނެ ކަމުގެ އިންޒާރު ހަމާސް އިން ވަނީ ދީފަ އެވެ.

ނަމަވެސް ހަމާސްގެ ތަރުޖަމާން ސާމީ އަބޫ ޒުހުރި ބުނެފައި ވަނީ، ހަމަލާތައް ހުއްޓާލުމަށް ހަދާ ކޮންމެ އެއްބަސްވުމެއްގައި ވެސް ޣައްޒާގައި މިހާރު ހަރަކާތްތެރިވާ އިސްރާއީލުގެ ސިފައިން ފޭބުމަށާއި ޣައްޒާ ދޫކޮށްފައި ދިޔަ އެތައް ހާސް ރައްޔިތުންނެއް އެނބުރި ޣައްޒާއަށް އައުމުގެ ހުއްދަ ލިބިދޭންޖެހޭނެކަމަށް އިސްރާއީލުން އެއްބަސްވާން ޖެހޭނެ ކަމަށެވެ.

އެގޮތުން، އިސްރާއީލުން މިހާރު ހުށަހަޅާފައިވާ ކަންކަމަކީ ގަބޫލުކުރެވޭނެ ކަންތައްތަކެއް ނޫން ކަމަށް ސާމީ އަބޫ ޒުހުރީ ނޫސްވެރިންނަށް ފޮނުވާފައިވާ މެސެއްޖެއްގައި ބުނެފައިވާ ކަމަށް އޭޕީގައި ބުނެފައިވެ އެވެ.

އިސްރާއީލާއި ފަލަސްތީން ރައްޔިތުންގެ ދިފާއުގައި ޖިހާދު ކުރަމުންދާ ހަމާސް ޖަމާއަތުން ވަނީ، ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ގަތުލްއާންމުގެ ސަބަބުން ޙާލުގައި ޖެހިފައިވާ ޣައްޒާގެ އެތައް ހާސް ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް އދ.ގެ އެދުމުގެ މަތިން 12 ގަޑިއިރުވަންދެން ހަމަލާތައް ބަދަލުކުރުން އިއްޔެ ހުއްޓާލާފަ އެވެ.

އެވަގުތު ހަމަވުމުން، އިސްރާއީލުން ވަނީ ޣައްޒާގައި ހިންގަމުންދާ ޖަރީމާތައް އިތުރު ހަތަރު ގަޑިއިރަށް ހުއްޓާލަން ނިންމާފައިވާކަން ހާމަކޮށްފަ އެވެ. އެވަގުތު ހަމަވެފައި ވަނީ ރާއްޖެ ގަޑިން ދަންވަރު 2:00 ގައެވެ.
އިތުރު ހަތަރު ގަޑިއިރަށް ހަމަލާތައްދިނުން އިސްރާއީލުން ހުއްޓާލި ނަމަވެސް، ހަމާސް އިން ވަނީ އެނިންމުމަށް ދެކޮޅު ހަދައި އިސްރާއީލަށް ރޮކެޓް ހަމަލާތަކެއްދީފަ އެވެ.

އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ޖަރީމާތަކަށް މިއަދަށް 20 ދުވަސްވެފައިވާ އިރު، އިއްޔެ އެކަނިވެސް ވަނީ އިސްރާއީލުގެ ހަމަލާތަކުގައި ހަލާކޮށްލާފައިވާ އިމާރާތްތަކުގެ ދަށުން މަރުވެފައިވާ 150 މީހެއްގެ ހަށިގަނޑު ނަގާފަ އެވެ. އެމީހުންނާ އެކު މިހާރު އިސްރާއީލުން ޝަހީދުކޮށްލި މީހުންގެ އަދަދު 1047 އަށް އަރަ އެވެ.

މީގެ އިތުރުން، އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ޖަރީމާތަކުގައި ޒަޚަމްވި ފަލަސްތީނު މީހުންގެ އަދަދު 6000 އަށްވުރެ މައްޗަށް އަރައެވެ.

އިސްރާއީލުގެ އުދުވާނުގެ ރައްދުގައި ހަމާސް ޖަމާއަތުން ދިން ހަމަލާތަކުގައި އިސްރާއީލު ސިފައިންގެ 42 މީހުން މިހާތަނަށް މަރާލާފައިވެ އެވެ.