ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އާސަންދައިގެ ދަށުން ހިދުމަތް ފޯރުކޮށްދޭ އެސްޓީއޯ ފާމަސީއެއް ގާއިމުކުރުމަށް އެސްޓީއޯއާ ސަރުކާރު ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން އިތުރު ފާމަސީއެއް ލ. ފޮނަދޫގައި ހުޅުވައިފި އެވެ.

އެސްޓީއޯ އިން މިއަދު ބުނީ ފޮނަދޫގައި ހުޅުވި ފާމަސީ އިން އާސަންދައިގެ ހިދުމަތް ލިބޭނެ ކަމަށެވެ.

ފޮނަދޫގައި ހުޅުވި އެސްޓީއޯ ފާމަސީއާ އެކު އެ ކުންފުނީގެ ފާމަސީތަކުގެ އަދަދު މިހާރު 15 އަށް އަރަ އެވެ. އެންމެ ފަހުން އެ ކުންފުނީގެ ފާމަސީއެއް ހުޅުވީ ހއ. ހޯރަފުށީގަ އެވެ.

އެ ކުންފުނިން ބުނީ ރާއްޖޭގެ ކޮންމެ ރަށެއްގައި އެސްޓީއޯގެ ފާމަސީއެއް ގާއިމް ކުރުމަށް ކުރިއަށް ގެންދާ ބޮޑު މަޝްރޫއުއަށް ލޯކަލް ކައުންސިލްތަކާއި ރަށްރަށުގެ ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުންދާ ކަމަށެވެ.

އެސްޓީއޯ އިން ބުނީ ކޮންމެ ރަށެއްގައި ފާމަސީއެއް ގާއިމު ކުރުމުގެ ޕްރޮޖެކްޓް ދެ އަހަރު ތެރޭގައި ނިންމާނެ ކަމަށެވެ.