ޣައްޒާ (ޖުލައި 27): އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުން ގެންދާ އުދުވާން ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި މިސްރުގެ ރައީސް އަބްދުލްފައްތާޙް އައްސީސީގެ އެއްވެސް ތެދުވެރިކަމެއް އިޚްލާސްތެރިކަމެއް ނެތްކަމަށާއި ސީސީއަކީ އަނިޔާވެރިއެއް ކަމަށް ތުރުކީވިލާތުގެ ބޮޑުވަޒީރު ރަޖަބް ތައްޔިބު އުރުދުޣާން ތުހުމަތު ކުރައްވައިފި އެވެ.

ސީއެންއެން އަށް ދެއްވި ބަސްދީގަތުމެއްގައި އުރުދުޣާން ވިދާޅުވީ މިސްރުގެ މިހާރުގެ ރައީސް ސީސީ އަކީ އިސްރާއީލުގެ އުދުވާނުގެ މައްސަލާގައި މަކަރުވެރި ސިޔާސަތު ތަކެއްގެންގުޅުއްވާ ބޭފުޅެއް ކަމުގަ އެވެ. މިގޮތުން ސީސީ މަސައްކަތްކުރައް ވަނީ ޙަމާސްގެ ދުވަސްދުއްވާލުމަށް ކަމަށާ ހަމާސްގެ ދުވަސްދުއްވާލުމުގައި އިސްރާއީލާއި ސީސީގެ މަސްލަހަތު އެއްގޮތް ކަމަށްވެސް އުރުދުޣާން ތުހުމަތު ކުރެއްވި އެވެ. ސީސީ އަށް ތާއީދުކުރާ މިސްރުގެ ޓީވީތަކުން ވެސް ޣައްޒާގެ އުދުވާނުގެ ޒިންމާ އަޅުވަމުން ގެންދަނީ ޙަމާސްގެ ބޮލުގަ އެވެ.

އިސްރާއީލުގެ އަނިޔާވެރިކަމާއި އަޅުވެތިކަމާއި އަދި ޣައްޒާއާ ދެކޮޅަށް އިސްރާއީލުން އަޅާފައިވާ އަނިޔާވެރި ހިސާރުގެ ފިޔަަވަޅުތަކާ ދެކޮޅަށް ތެދުވުމުގެ ހައްގު ޙަމާސްއާއި ފަލަސްތީނުގެ މުޖާހިދުންގެ ޖަމާއަތްތަކަށް ލިބިގެންވާ ކަމުގެ އެއްވެސް ވާހަކައެއް ސީސީ އަށް ތާއީދުކުރާ މިސްރުގެ ޕްރައިވެޓް ޓިވީ ޗެނެލްތަކުން ގެނަސް ނުދޭކަމަށާ މިއީ އިސްރާއީލުގެ މީޑިޔާއިންވެސް ގެންގުޅޭ އުސޫލުތަކާ އެއްގޮތް އުސޫލުތަކެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ. މީގެ ހައެއްކަ ދުވަސްކުރިން ވެސް އުރުދުޣާން ވަނީ ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ޙަމާސް ޖަމާއަތާ ދެކޮޅަށް އިސްރާއީލާ ގުޅިގެން މަސައްކަތް ކުރައްވާ ކަމުގެ ތުހުމަތު ސީސީގެ މައްޗަށް ކުރައްވާފަ އެވެ.

އުރުދުޣާންގެ މިތުހުމަތުތަކާ ގުޅިގެން މިސްރުގެ ޚާރިޖިއްޔާއިންވަނީ އުރުދުޣާނާ ދެކޮޅަށް ހަރުކަށި ބަޔާނެއްނެރުމަށް ފަހު ތުރުކީވިލާތުގައި ހުންނަވާ މިސްރުގެ ސަފީރު ވަގުތީގޮތުން އަނބުރައި ގައުމަށް ގެނަސްފަ އެވެ. ތުރުކީވިލާތަކީ އިސްރާއީލުގެ އަޅުވެތިކަމާ ދެކޮޅަށް މިނިވަންކަމުގެ ޖިހާދެއް ކުރަމުންގެންދާ ފަލަސްތީނުގެ ޙަމާސް ޖަމާއަތަށް ތާއީދުކޮށް އިސްރާއީލުގެ އުދުވާނާ ދެކޮޅަށް އެންމެ ބޮޑަށް އަޑުއުފުލާ އިސްލާމީ ގައުމެވެ. މިއާޚިލާފަށް މިސްރުގެ މިހާރުގެ ސަރުކާރަކީ ޙަމާސް ޖަމާއަތާ އިދިކޮޅު ވިސްނުމެއް ގެންގުޅޭ ސަރުކާރެކެވެ.

ހަމާސްއާ މެދު މިސްރުގެ މިހާރުގެ ސަރުކާރުން ހަރުކަށި އުސޫލުގެންގުޅެނީ އެއީ މިސްރުގެ އިޚްވާނުލްމުސްލިމޫން ޖަމާއަތުގެ ފިކުރުތަކާ އެއްގޮތް އިސްލާމީ ފިކުރުގެ ޖަމާއަތަކަށްވާތީ އެވެ. އެހެންކަމުން ޙަމާސްއަށް ކާމިޔާބު ލިބުމަކީ ސީސީގެ ސަރުކާރަށް އޮތް އޮތް ނުރައްކަލެއް ކަމަށް ސިސީ ދެކެވަޑައިގަންނަވަ އެވެ. މިސްރާއި ޙަމާސްގެ ގުޅުންތައްވަނީ އެންމެ ދަށުދަރަޖާގައި ކަމަށް ވިދާޅުވެ މިސްރުގެ ޚާރިޖީ ވަޒީރު ސާމިޙް ޝުކުރީ ދާދިފަހުން ވަނީ ޣައްޒާއާ ދެކޮޅަށް އިސްރާއީލުން ހިންގަމުން ގެންދާ އުދުވާނުގެ މައްސަލާގައި ޙަމާސްއަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ.

މިސްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކަށްވުރެެ ވެސް ބޮޑަށް ހުޅަނގުގެ ގޮނޑިކޮށްކޮ އެއް ކަަމަށް ތުހުމަތު ކުރެވޭ ސީސީއަށް މާލީގޮތުން އެންމެ ބޮޑު އެހީތެރިކަމެއްދެނީ ސައޫދީ އަރބިޔާއާއި ޔޫއޭއީ ންނެވެ. ގަލްފުގެ ގައުމުތަކުގެ ތެރޭން ހަމާސްގެ ފަހަތުގައި ވަނީ ގަތަރެވެ. ނަމަވެސް ކުވައިތަކީ ހަމާސްއަށް ހަމްދަރްދީވާ ގައުމެކެވެ. ޙަމާސްގެ އަށް މަދަދުދޭ ގައުމުތަކުގެެ ތެރޭގައި ހިމެނެނީ ތުރުކީއާއި ގަތަރާއި އީރާނާއި ސޫރިޔާއާއި ލުބްނާނުގެ ހިޒްބުﷲ ޖަމާއަތެވެ. ޙަމާސްގެ ރޮކެޓް އިންޖިނޭރުން ތަމްރީން ކޮށްދިނީ އީރާނުގެ ކުރީގެ ރައީސް އަހްމަދީ ނެޖާދުގެ ވެރިކަމުގަ އެވެ.

ޒަމާނުއްސުރެ ހަމާސްގެ ލީޑަރު ޚާލިދް މިޝްއަލްއާއި ހަމާސްގެ އެހެން ލީޑަރުން ތިއްބެވީ ސޫރިޔާ ސަރުކާރުގެ ޙިމާޔަތުގައި ދިމިޝްގުގަ އެވެ. އަދި ޙަމާސްގެ މައި މަރުކަޒާއި ހަމާސްގެ ޓްރޭނިން ކޭންޕްތައް ވެސް ހުރީ ސޫރިޔާގެ ގަ އެވެ. މިކަމުގެ ސަބަބުން ޓެރަރިޒަމަށް އެހީތެރިވާކަމުގެ ތުހުމަތު ހުޅަނގުން ސޫރިޔާގެ މައްޗަށް ކުރި އެވެ. ނަމަވެސް ސޫރިޔާގެ ދާޚިލީ ހަނގުރާމައިގެ ސަބަބުން ސޫރިޔާ ސަރުކާރާއި ޙަމާސްގެ ގުޅުންތައްވަނީ ބަލިކަށިވެގެން ގޮސްފަ އެވެ.

އަނެއްކޮޅުން އިސްރާއީލަކީ ނައްތާލަންޖެހޭ ކެންސަރު ސެލްއެއް ކަމަށް ސިފަކުރައްވާ އީރާނުގެ ކުރީގެ ރައީސް އަމްމަދީ ނެޖާދުގެ ބަދަލުގައި އީރާނުގެ ޒަޢާމަތަށް ޑރ. ހަސަން ރޫހާނީ ވަޑައިގެންނެވުމާ އެކު ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތަކުން ސަލާމަތް ވުމުގެ މުޅިން އައު ސީޔާސަތެއް އީރާނުން ގެންގުޅެން ފަށާފައި ވާތީ އާއި ހުޅަނގާއެކު ސުލްހައިގެ ވާހަކަތަކެއް ކުރިޔަށްގެންދާތީ އީރާނާއި ޙަމާސްގެ ގުޅުންތައް ވެސް ވަނީ ހީނަރުވެފަ އެވެ. އެހެންކަމުން މިއީ ޙަމާސްގެ ތާރީޚުގައި ވެސް އެޖަމާއަތަށް އެންމެ ދަތި އަދި އުނދަގޫ ދުވަސްތައް ކަމަށް ވެ އެވެ. ނަމަވެސް މިފަހަކަށް އައިސް ޗައިނާ ވަނީ ހަމާސްގެ ލީޑަރުންނާ ވާހަކަ ދައްކަން ފަށާފަ އެވެ. މިގޮތުން ގަތަރުގައި ޙަމާސްގެ ވެރިޔާ ޚާލިދް މިޝްއަލް އާއި ޗައިނާގެ އިސްމަސްއޫލުވެރިއަކު ދާދިފަހުން ވަނީ ބައްދަލުކުރައްވާފަ އެވެ.

އިސްރާއީލުގެ އިސްތިއްމާރާ ދެކޮޅަށް މިނިވަންކަމުގެ ޖިހާދެއް ކުރަމުން ގެންދާތީ އެމެރިކާއާއި ޔޫރަޕުން ޙަމާސް ސިފަކުރަނީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގަ އެވެ. އަދި އިސްރާއީލުން ފަލަސްތީނުގެ ކުށެއްނެތް ރައްޔިތުން ޝަހީދުކޮށް ހަނގުރާމައިގެ ޖަރީމާ ހިންގަމުން ގެންދާތީ އުރުދުޣާން، އިސްރާއީލު ސިފަކުރައްވާފައި ވަނީ ޓެރަރިސްޓް ދައުލަތެއްގެގޮތުގަ އެވެ. ތުރުކީއަކީ ނޭޓޯގައި ވެސް ބާރުގަދަ ގައުމަކަށް ވެފައި ޔޫރަޕްގައި ވެސް ތުރުކީއަކީ އިގްތިސާދީގޮތުންނާއި އަސްކަރީ ގޮތުން ބާރާއި ނުފޫޒުހުރި ގައުމަކަށްވާތީ އުދުދުޣާން އިސްރާއީލާ ދެކޮޅަށް ކިތަންމެ ވަރަކަށް އަޑުއުފުއްލެވި ނަމަވެސް ތުރުކީއާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް އެޅުމަށް އެމެރިކާއަށް ވެސް އަދި ޔޫރަޕްގެ އިއްތިޙާދަށް ވެސް ކެރިފައެއް ނުވެ އެވެ. (އަލްޖަޒީރާ)