ކާރު ރަސްމަގެއްގައި ހަލުއި ދުވެލީގައި ކުރިޔަށް ދެއެވެ. ޑްރައިވަރ ކުއްލިޔަކަށް ކާރުގެ ދުވެލި ވަރަށް ބޮޑަށް މަޑުކޮށްފިއެވެ. ވަރަށް މަޑު ގުޑުމެއް ކާރަށް އެރިއެވެ. އަނެއްކާވެސް ކާރު އޭގެ ކުރީގެ ދުވެލީގައި ކުރިޔަށް ދާން ފަށައިފިއެވެ. ބޭރު ބަލާލިއިރު މަގުކައިރީގައި ހުރި ބޯޑެއްގައި (speed breaker) މިހެން ލިޔެފައި އޮތެވެ.

އާދެ، މަގުމަތީގައި ގިނަ އެކްސިޑެންޓްތައް ހިނގަނީ ދުއްވާ އެއްޗެހި މާ ބާރަށް ދުއްވުމުގެ ސަބަބުންނެވެ. އެހެންކަމުން މަގުގެ ހުރަހަށް ތަންތަންކޮޅުގައި ކުޑަކޮށް އުސްކޮށްލާފައި ހުރެއެވެ. ދުއްވާ މީހުން ދުވެލި މަޑުކުރަން މަޖުބޫރުކުރުވުމުގެ ގޮތުންނެވެ. އެފަދަ ތަންތަނަށް ކިޔައި އުޅެނީ ސްޕީޑް ބްރޭކަރެވެ. އެހެންކަމުން އެބަހުގެ ބަދަލުގައި އަޅުގަނޑު މި ބޭނުންކުރީ "މަގޮޅި" ނުވަތަ "ދުވެލި މަތަކުރި" މިބަހެވެ. މަގޮޅި މިބަހަކީ ވަރަށް ގިނަ ބޭފުޅުންނަށް އާ ބަހަކަށް ވެދާނެއެވެ. ނަމަވެސް ގިރާކުރަން ޖެހޭ ބައެއް ކަހަލަ އުސް ތަންތަނަށް އޮޅި ކިޔާކަމީ އެންމެން ދަންނަ ކަމެކެވެ. ދުވެލި މަޑުކުރުވުމަށްޓަކައި މަގުމަތީގައި ހަދައިފައި ހުންނަ ތަންތަނަކީ ވެސް ގިރާކުރަން ޖެހޭ އޮޅިއެއް ކަހަލަ ތަނެކެވެ. އެހެންކަމުން މަގާ ގުޅުވައިގެން "މަގޮޅި" މިބަސް ބޭނުންކުރުން މާބޮޑަށް މުނާސަބު ކަމުގައި ދެކެމެވެ.

އާދެ، "މަގޮޅި" ނުވަތަ "ދުވެލި މަތަކުރި" އަކީ މަގުމަތީގެ ދަތުރުތަކަކީ ރައްކާތެރި ދަތުރުތަކަކަށް ހަދަން ބޭނުންކުރާ ވަސީލަތެކެވެ. ހަމައެފަދައިން ޙަޔާތުގެ ދަތުރު ރައްކާތެރި ދަތުރަކަށް ހެދުމަށްޓަކައިވެސް ދުވެލި މަތަކުރިތަކެއް އުފެއްދުން ބޭނުމެވެ. އިންސާނުން ތިމާމެންނަކީ މިނިވަނުންނޭ ހިތައި ވީއްލިގެން ޙައްދު ފަހަނައަޅައި ދިޔަނުދިނުމަށްޓަކައެވެ. ތިމާއަކީ އިޚްތިޔާރު ލިބިފައިވާ މީހެއް ކަމުގައި ދެކެ ބޯހަރު ވިޔަނުދިނުމަށްޓަކައެވެ. ބޭރުފުށުން ފެންނަ ފެނުމުގައި އިންސާނާ އިމެއްގެ ތެރެއަށް ގެންނަން މަސައްކަތްކުރާ އެކަކުވެސް ނެތެވެ. އެހެންވެ އޭނާ ހީކުރަނީ ތިމާ ހިތަށް އެރި ކޮންމެ ކަމެއް ކުރާންވީ ކަމުގައެވެ. ތިމާ ހިތުހުރި ތާކު ހުންނާންވީ ކަމުގައެވެ. އެހެންކަމުން އޭނާއަށް އިންތަކެއް ކަނޑަނާޅައިފިނަމަ އޭނާ ހިތުހުރި ގޮތަކަށް މުޅީން ވީއްލިގެން ހިނގައިދާނެއެވެ. މި ސަބަބާހުރެ އިންސާނީ ޙަޔާތުގައިވެސް ދުވެލި މަތަކުރިތަކެއް ބޭނުންވެއެވެ. ޙަޔާތުގެ ދަތުރުގައި ތަންތަންކޮޅުން އޭނާ މަތަކުރުވުމަށްޓަކައެވެ.

އިސްލާމް ދީނުގެ ޙުކުމްތަކަކީ އެއް ޙައިޘިއްޔަތަކުން ބަލާއިރު އިންސާނާގެ ދުވެލި މަތަކުރާ ކަންތައްތަކެކެވެ. އެ ޙުކުމްތައް އިރުއިރުކޮޅާ އިންސާނާ ހުއްޓުވައެވެ. އޭނާގެ މުއާމަލާތުތަކުގައި ޙައްދު ފަހަނައަޅައި ދިޔަނުދިނުމަށްޓަކައެވެ.

އިންސާނާ ދުނިޔޭގެ މަސައްކަތުގައި ހޭބޯނާރައި އުޅެނިކޮށް ކުއްލިޔަކަށް މިސްކިތުން ބަންގީގެ އަޑު އުފުލޭން ފަށައެވެ. ތިމާގެ މަސައްކަތް ހުއްޓައިލައިފައި ނަމާދަށް އަންނާށޭ ގޮވައިލެވެއެވެ. އިންސާނާ ހީކުރަނީ އޭނާގެ މުދަލަކީ ހަމައެކަނި އޭނާގެ އެއްޗެއް ކަމުގައެވެ. އެހެން ހީކޮށް ހުއްޓައި އެއިން އެހެން މީހުންނަށް ޙިއްސާއެއް ނެރެން ގޮވައިލެވިދެއެވެ. އިންސާނާ ރެއެއް ދުވާލެއް ބެލުމެއް ނެތި ކައިބޮއި އުޅެނިކޮށް ކުއްލިޔަކަށް ރަމަޟާން މަސް އަތުވެދެއެވެ. އެމަސް އައިސް އޭނާއަށް އަންގައެވެ. ކެއުމާއި ބުއިން ދުވާލަށް ހުއްޓާލާށެވެ. އިންސާނާ އޭނާގެ ޢާއިލާއާއި އޭނާގެ އެކުވެރީންގެ މެދުގައި ހުއްޓައި ޙުކުމް އަތުވެދެއެވެ. އެންމެންނާ ވަކިވެ ޙައްޖަށް ދާށެވެ. މިބާވަތުގެ އެތައް އެތައް ކަމެކެވެ.

މި ހުރިހާ ކަންތައްތަކަކީވެސް ޙަޔާތުގެ މަގޮޅިތަކެއް ނުވަތަ ދުވެލި މަތަކުރިތަކެއް ފަދައެވެ. އެކަންތައް އިންސާނާ ދުނިޔެއާހުރެ ހޭބޯނާރައި ދުވާ ދުވެލި އިރުއިރުކޮޅާ ހުއްޓުވައެވެ. އޭނާ ޙައްދުން ނެއްޓުނަނުދިނުމަށްޓަކައެވެ. އިންސާފުވެރިކަމާއި ރައްކާތެރިކަމުގައި ދިރިއުޅުން ވޭތިކުރުވުމަށެވެ. ކޮންމެ ކަމެއްގައިވެސް ކޮންމެ ތަނެއްގައިވެސް އޭނާ މެދުމިންވަރުގައި ބެހެއްޓުމަށްޓަކައެވެ.