ދަވްޙާ (ޖުލައި 27) : އިސްރާއީލުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގާ އިސްރާއީލުން ކިތަންމެ ވަރަކަށް ފަލަސްތީނުގެ އާންމުން ޝަހީދުކުރަމުން ގެންދިޔަ ނަމަވެސް މިހަނގުރާމަ އިސްރާއީލަށް ކާމިޔާބު ނުކުރެވޭނެ ކަމަށް މެދުއިރުމަތީގެ މަސްރަހު ދިރާސާ ކުރައްވާ އަރަބި އެންމެ ބޮޑު އެއް މުފައްކިރު ކަމަށްވާ ޑޮކްޓަރ ޢަޒްމީ ބިޝާރާ ވިދާޅުވެއްޖެ އެވެ.

އަލްޖަޒީރާގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޑޮކްޓަރ އަޒްމީ ބިޝާރާ ވިދާޅުވީ ޣައްޒާއާ ދެކޮޅަށް އިސްރާއީލުން ފަށާފައިވާ ހަނގުރާމައިގެ މަގްސަދްތައް ޙާސިލް ކުރުމުގައި އިސްރާއީލު މިހާރު ވެސް ނާކާމިޔާބުވެފައިވާ ކަމުގައެވެ. އަދި ޙަމާސް ނައްތާލުމަށްޓަކައި ޣައްޒާއާ ދެކޮޅަށް އިސްރާއީލުންފެށި ހަނގުރާމަ ނިމިގެންދާނެ ކަމަށް ބެލެވެނީ ޣައްޒާއާ ދެކޮޅަށް އިސްރާއީލުން އަޅާފައިވާ ޙިސާރުގެ ފިޔަވަޅުތައް ވެސް ނައްތާލެވިގެން ކަމަށާ މިހަނގުރާމަ ކާމިޔާބު ކުރުމުގެ އެއްވެސް ފުރްސަތެއް އިސްރާއީލަށްނެތް ކަަމަށް އޭނާ ވިދާޅުވި އެވެ. ބޮން އަޅައިގެން ފަލަސްތީނުގެ އަންމުން ކިތަންމެ ވަރަކަށް ޝަހީދުުކުރި ނަމަވެސް ޙަމާސްގެ އިންފްރާސްޓަރަކްޗަރަށާއި ހަތިޔާރު ގުދަންތައް ހުރިތަންތަނުގެ އެއްވެސް މައުލޫމާތެއް އިސްރާއީލަށް ލިބިފައިނުވާ ކަމަށާ އިސްރާއީލުގެ ޖާސޫސީ ގާބިލްކަމާއި ހަނގުރާމައިގެ ގާބިލްކަން ނެތްމިންވަރު ޣައްޒާގެ ހަނގުރާމައިން ވަރަށް ބޮޑަށް ފެނިގެން ހިނގައްޖެ ކަމަށް ވެސް ޑޮކްޓަރ އަޒްމީ ބިޝާރާ ވިދާޅުވި އެވެ.

ޣައްޒާއަށް އެއްގަމު މަގުން އަރައިގެންވެސް ފަލަސްތީނުގެ މުޖާހިދުން ހުއްޓުވުމުގައި އިސްރާއީލުގެ ލަޝްކަރުތަކަށް ޙާސިލް ކުރެވުނު އެއްވެސް ނަތީޖާއެއް އަދިނެތެވެ. މިގޮތުން 10 ދުވަހުގެ އެއްގަމު ހަނގުރާމައަށް ފަހު ވެސް އިސްރާއީލު ސިފައިން އަދިވެސްތިބީ ތިބިތަނުގައި ކަމަށްވާތީ ޣައްޒާގެ އެތެރެއަށް ވަނުމުގައި އިސްރާއީލުގެ ލަޝްކަރުތައް ވަނީ ނާކާމިޔާބުވެފަ އެވެ.

މެދުއިރުމަތީގެ މަސްރަހު ދިރާސާ ކުރައްވާ އަރަބި އެންމެ ބޮޑު އެއްމުފައްކިރު ކަމަށްވާ ޑޮކްޓަރ ޢަޒްމީ ބިޝާރާ ޣައްޒާގެ ހަނގުރާމައާބެހޭ ގޮތުން ވާހަކަ ދައްކަވަމުން ވިދާޅުވީ ހުޅަނގު އައްސޭރީގެ ރައްޔިތުން ވެސް މިހާރު ގެންދަނީ އިސްރާއީލުގެ އަޅުވެތިކަމާ ދެކޮޅަށް އިންތިފާޟާ އެއް ފެށުމަށް ނުވަތަ އުތުރި އެރުމަކަށް ދިޔުމަށް ތައްޔާރުވަމުންކަމުގަ އެވެ. ގާތްގަނޑަކަށް ތިން މިލިޔަނަށް ވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ރައްޔިތުން އިސްރާއީލާ ދެކޮޅަށް އުތުރިއަރަން ފެށުމަކީ އިސްރާއީލު އެންމެ ބޮޑަށް ބިރުގަންނަ ކަންތައް ކަމަށް ވެސް އަޒްމީ ވިދާޅުވި އެވެ.
ޣައްޒާއާއި ހުޅަނގު އައްސޭރީގެ ރައްޔިތުން އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް އެއްފަހަރާ ނުކުތުމަކީ އިސްރާއީލަށް ތަހައްމަލް ކުރެވޭނެ ކަމެއް ނޫންކަމަށާ މިފަދަ ޙާލަތެއްގައި ދޫދޭން އިސްރާއީލަށް މަޖްބޫރުވެގެންދާނެ ކަމަށް ވެސް ފަލަސްތީނު މައްސަލައިގެ ތަޖްރިބާކާރުން ދެކެ އެވެ.

އިސްރާއީލުގެ އަނިޔާވެރިކަމުގެ ޝިކާރައަކަށް ވެފައިވާ ޣައްޒާގެ ރައްޔިތުންނަށް ހަމްދަރްދީ ފާޅުކުރުމުގެ ގޮތުން ހުޅަނގު އައްސޭރީގައި އަޑުއުފުލަމުން ދިޔަ ފަލަސްތީނުގެ އެތަށް ބައެއްގެގަޔަށް އިސްރާއީލު ސިފައިން ބަޑިޖަހައި އޭގެތެރެއިން ނުވަމީހަކު ފާއިތުވި ދެދުވަހުގެ ތެރޭގައި ވަނީ ޝަހީދުކޮށްލާފަ އެވެ. ހުޅަނގު އައްސޭރީގެ ރައްޔިތުން އިސްރާއީލާ ދެކޮޅަށް މިނިވަންކަމުގެ ޖިހާދެއްގައި އުތުރިއަރަން ފަށައިފި ނަމަ އިސްރާއީލަށް ގޮތްހުސްވެ ދޫދޭން މަޖްބޫރުވާނެ ކަމަށާއި އިސްރާއީލުގެ އަޅުވެތިކަމުގައި ތިބެންބޭނުންނުވާ ރައްޔިތަކު ތިބިކަން މިކަމުގެ ސަބަބުން ދުނިޔެއަށް އިތުރަށް ހާމަވެ އަޚްލާގީގޮތުން އިސްރާއީލުގެ އިސްތިއްމާރު ބަލިކަށިވެގެންދާނެ ކަަމަށް ވެސް އަޒްމީ ވިދާޅުވި އެވެ.

ޣައްޒާއާ ދެކޮޅަށް ހިންގަމުން ގެންދާއުދުވާނުގައި ފާއިތުވި 18 ދުވަހުގެ ތެރޭގައި އިސްރާއީލުން ޝަހީދުކޮށްލި ފަލަސްތީނުގެ އާންމު ރައްޔިތުންގެ އަދަދު ހާހަކަށްވުރެ މައްޗަށް ގޮސްފައި ވީނަމަވެސް ޙަމާސް ޖަމާއަތުގެ ރޮކެޓް ޙަމަލާތައް ހުއްޓުވުމުގައާއި ޙަމާސްގެ ޖިހާދުގެ މަރުކަޒުތައް ނައްތާލުމުގައި އިސްރާއީލަށް އެއްވެސް ކާމިޔާބެއް ނުލިބެ އެވެ. އުދުވާނުގައި އިސްރާއީލަށް ކުރިއެރުން ނުލިބުމަކީ ފަލަސްތީނުގެ ރައްޔިތުންނަށްލިބޭ ބޮޑު ހިއްވަރެއް ކަމަށްވަނީ ވެފަ އެވެ.

ޙަމާސް އިން މިހާރު ވެސް ދުވާލަކު 100 އަށްވުރެ ގިނަ ރޮކެޓް ފޮނުވާއިރު މިރޮކެޓް ފޮނުވަނީ ކޮންތާކުންކަން ވެސް އަދި އިސްރާއީލުގެ ޖާސޫސީ އިދާރާއަށް ރޭކާނުލާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ޣައްޒާއަށް އެއްގަމު މަގުން އެރުމަށް މަސައްކަތްކުރާ އިސްރާއީލު ސިފައިންގެ 42 މީހުން ފާއިތުވި އަށެއްކަ ދުވަހުގެ ތެރޭގައި ފަލަސްތީނު މުޖާހިދުންގެ ޙަމަލާތަކުގައި މަރުވެފައިވާ ކަމަށް އިސްރާއީލުން ވެސް ވަނީ އެއްބަސްވެފަ އެވެ. މިއީ ދިގުމުއްދަތަކަށް އިސްރާއީލަށް ތަހައްމަލް ކުރެވޭނެ ކަމެއްނޫން ކަމަށާ އިސްރާއީލަށް އެންމެ ފަހުން ޖެހޭނީ ޣައްޒާގެ ޙިސާރު ނައްތާލުމަށް އެއްބަސްވެ އަދި ޣައްޒާގެ އުދުވާން ވެސް ހުއްޓާލުމަށް ކަމަށާ ނަމަވެސް އިސްރާއީލުގެ ގޮތްދޫނުކުރުންތަކާއި ބަލިގަބޫލުނުކުރުމުގެ މައްސަލަ އަށް ވަގުތުތަކެއް ނަގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހަމާސްގެ ޝަރުތުތައް ހިމަނައިގެން ޙަމަލާތައް ހުއްޓުވުމުގެ އެއްބަސްވުމެއްް ވުޖޫދަށް ގެނެވޭތޯ އެމެރިކާ މަސައްކަތްކުރަނީ އިސްރާއީލުގެ ރުހުން އޮވެގެން އަދި ހަމަލާތައް ހުއްޓާލަން އިސްރާއީލަށް މަޖްބޫރުވާނެތީ ކަމަށް ވެސް ޑޮކްޓަރ ޢަޒްމީ ބިޝާރާ ވިދާޅުވި އެވެ. އަދި އިސްތިއްމާރީ ބާރުތަކާއި މިނިވަން ކަމަށް ޖިހާދުކުރާ މުޖާހިދުންނަކީ ހަތިޔާރާއި ބާރުގެ ގޮތުން ހުރިހާ ދުވަސްވަރެއްގައި ވެސް އުޑާބިމާހާ ތަފާތު ދެބައެއް ކަމަށާ ނަމަވެސް ބަލިވަނީ އިސްތއްމާރީ ބާރުތައްކަން ތާރީޚު ހެކިދޭކަމަށް ވެސް އަޒްމީ ބިޝާރާ ވިދާޅުވި އެވެ. (އަލްޖަޒީރާ)