ކަމެއް ކުރެވެނީ އެކަކު ދެމީހަކު، ނުވަތަ އެއްބަޔަކު ދެބަޔަކު އެކަނި އެކުވެގެން ނޫންކަން ވަރަށް ގިނަ ކަންކަމުގައި އެނގިފެންނަން އޮވެ އެވެ. އިތުރު ވާހަކަ ތަކަކަށް ނުގޮސް މިފަހަރު މިވެގެން އުޅޭގޮތް ސާފު ކޮށް ކިޔާލަ ދޭނަމެވެ.

ކުރިން ގަވައިދުން ހުރިހާ ނޫހެއް ކިޔަމުންގެންދެވުނު ދުވަސްތަކުގައި ވެސް ތާރީޚުތަކުގެ މައްސަލައަކީ ފިސާރި ބޮލަށް އުދަނގޫވާ ކަމެކެވެ. އިއުލާނެއްގައި އެކަމެއް ނިމޭ ތާރީޚު ކަނޑައެޅިގެން ދީފައި އޮތަސް ހަމަ އެ އިއުލާނު އޭގެ އެތަކެއް ދުވަސް ފަހުން ވެސް ކިޔަމުން/ޖަހަމުން ގެންދިއުމަކީ އެއިރުއެއްމެ އަޅައިގަނެވޭ އެފަދަ އެއްކަމެވެ. މިހާރު މިއަދާ ހަމައަށް އައިއިރު އެކަން މިއޮތީ ހައްދުފަހަނައަޅައިފަ އެވެ. އިޝްތިހާރުތަކާއި އަދި އެކި އެކި އެންގުންތައް އޭގެ މުއްދަތު ހަމަވެ ދާ އިރު ވެސް ނޫހުގައި/ސައިޓުގައި ޖެހުމަކީ އާދައިގެ ކަމެކެވެ. ހަމަ އެބީދައިން ރޭޑިއޯ ޓީވީތަކުން ގޮވާ ހަޅޭއްލެވުމަކީ ވެސް އެހެން އޮންނަ ކަމެކެވެ.

މިކަމުގައި ހައިރާންވާން ޖެހޭ އެއްކަމަކީ ކަމުގެ ބާވަތުން ބޭކާރު ހޭދަތަކެއް ވެގެންދާއިރު އޭގެ ޒިންމާ ނަގަންޖެހޭ އެކަކުވެސް ނުހުންނަނީ ބާވައޭ ހިތަށް އަރާ ކަމެވެ. ޓީވީ އަކުން އިޝްތިހާރެއް ކުރަން ބޭނުންވެގެން އެ އިޝްތިހާރު ލިޔެ އަގު ހަމަޖައްސައި އެއްބަސްވުމަށް ފަހު ދެފަރާތުން ރުހިގަބޫލުވެގެން އެކަން ފަށަ އެވެ. ހަމަ ޖައްސާފައިއޮތީ (މިސާލަކަށް) ދުވާލަކު ތިންފަހަރު ތިންދުވަސް ވަންދެން ކިޔާގޮތަށެވެ. ފެށީ އެވެ. އަދި އެއްބަސް ވެފައިވާގޮތަށް ތިން ދުވަހު ކިޔައި ނިމުނީ އެވެ. ދެން އިތުރަށް ކިޔެމުން ދައްކަމުން އެގެންދަނީ ކީއްވެގެންބާ އެވެ. އެ އިޝްތިހާރުގައި ބުނެފައިވާ ކަމުގެ ކަންތައް ވެސް ނިމި ހިނގައްޖެ އެވެ. ދުނިޔޭގެ ތަށީގެ އިޝްތިހާރު ފޮނުވި ފޮނުވުމުގައި އެތަށިދީ މުބާރާތް ނިމި ހިހޫވެ ދިޔަފަހުން އަދި މިހާރު ވެސް ބައެއް މީޑިއާތަކުން އެފަދަ އެކަމާ ގުޅޭ ގޮތުން ތައްޔާރު ކޮށްފައި ހުރި އިޝްތިހާރު ވެސް އެތިބަ ފޮނުވަނީ އެވެ. ހަމަ ގައިމުވެސް އެވެގެން ދަނީ ބޭކާރު ހޭދައެކެވެ. އުސޫލަކުން އިޝްތިހާރު ފޮނުވި ފަރާތުން އޭގެ ޒިންމާ އުފުލާކަށް ނުޖެހޭނެ އެވެ. ( މިހެން ލިޔާއިރު ފަހަރެއްގައި ގާނޫނީ ނުގުތާއެއް އޭގައި އޮތީތީ އެހެންނުވެ ދިއުމަކީ ވެދާނެ ކަމެއްވެސް މެއެވެ.)

ނޫސް މަޖައްލާ ޓީވީ ރޭޑިއޯތަކުގައި ތިބޭ ފައިސާއާ ބެހޭ ބައިގެ އެއްމެންމެ ތިބެންޖެހޭނީ މިކަމުގައި ފިސާރި ފަރުވާވެގެންކަމާ މެދަކު ޝައްކެއްނެތެވެ. ޒިންމާ ބޮލުގައި އެޅޭނެތީ އެވެ. އިތުރަށް ފޮނުވިގެން/ޖެހިގެން ތަނަށް ލިބުނު ގެއްލުމުގެ ސުވާލު އަންނާނެ ކަމަށް ޓަކަ އެވެ. އެއާ ތަފާތުކޮށް އެފަދަ މަގާމެއްގައި ހުރި ޒުވާން މުއައްޒިފަކީ ތަނުގެ ބޮޑުމީހާގެ ޚާއްސަ އިނާޔަތް ލިބިލިބި ހުންނަ މީހެއް ކަމުގައި ވަނީ ނަމަ މިއީ މިކަން އޮންނަންވީ ގޮތެވެ.