27 Jul 2014, 08:37
މިއަދަކީ 1435 ވަނަ އަހަރުގެ ރަމަޟާން މަހުގެ 29 ވަނަ ދުވަހެވެ. މިއަދުގެ އިރު ރާއްޖެއަށް އޮއްސޭއިރު، ހަނދު ފެންމަތީގައި ހުންނާނެ ކަމަށް ފަލަކީ ހިސާބުތަކުން ދައްކަ އެވެ.
ފަލަކީ ހިސާބުތަކުން ދައްކާގޮތުގައި، މިއަދު މާލެއަށް ހަނދު އޮއްސޭނީ އިރުއޮއްސުމުގެ 16 މިނެޓު ފަހުންނެވެ. ރާއްޖޭގެ އެންމެ އުތުރަށް ހަނދު އޮއްސޭނީ އިރު އޮއްސުމުގެ 15 މިނެޓު ފަހުންނެވެ. ރާއްޖޭގެ އެންމެ ދެކުނަށް ހަނދު އޮއްސޭނީ އިރުއޮއްސުމުގެ 18 މިނެޓު ފަހުންނެވެ. މާތްވެގެންވާ މައްކާއަށް ހަނދު އޮއްސޭނީ އިރުއޮއްސުމުގެ 12 މިނެޓު ފަހުންނެވެ. އަދި ސަޢޫދީޢަރަބިއްޔާގެ ޖިއްދާއަށް ހަނދު އޮއްސޭނީ އިރުއޮއްސުމުގެ 12 މިނެޓު ފަހުންނެވެ. އިންޑޮނޭޝިޔާގެ ޖަކާޓާއަށް ހަނދު އޮއްސޭނީ އިރު އޮއްސުމުގެ 17 މިނެޓު ފަހުންނެވެ. ތުރުކީގެ އިސްތަންބޫލަށް ހަނދު އޮއްސޭނީ އިރު އޮއްސުމުގެ 2 މިނެޓު ކުރިންނެވެ. މިޞްރުގެ ޤާހިރާއަށް ހަނދު އޮއްސޭނީ އިރު އޮއްސުމުގެ 7 މިނެޓު ފަހުންނެވެ. ސެނަގޯލްގެ ޑާކާރަށް ހަނދު އޮއްސޭނީ އިރު އޮއްސުމުގެ 22 މިނެޓު ފަހުންނެވެ.
ދިވެހިރާއްޖެ އާއި އަދިވެސް ގިނަ އިސްލާމީ ގައުމުތަކުގައި ހަނދުމަސް ފެށިއްޖެ ކަމުގައި ބަލަނީ، ހިނގަމުންދާ ހަނދު މަހެއްގެ 29 ވަނަ ދުވަހު އިރު އޮއްސުމަށް ފަހު، ހަނދު ފެންމަތީގައި ހުރެ، ލޮލަށް ހަނދު ފެނިއްޖެކަން ސާބިތު ވުމުންނެވެ. ނުވަތަ ހިނގަމުންދާ މަހެއްގެ 30 ދުވަސް ހަމަކޮށް އެދުވަހުގެ އިރު އޮއްސުމުންނެވެ. އަދި ހަމަ އެހެންމެ އިތުބާރު ހުރި ފަލަކީ ހިސާބަށް ބަލާއިރު، ހަނދު ނުފެންނާނެ ކަމަށް ދައްކާ ނަމަ ދެންވެސް އޮތީ ހިނގަމުންދާ މަހުގެ 30 ދުވަސް ހަމަކުރުމެވެ.
ހަމަ ލޮލަށް ހަނދު ފެނުން ބިނާވެފައިވަނީ އިރު އޮއްސޭ ވަގުތު ހަނދު ފެންމަތީގައި ހުރުމާ އެކު، ހަނދު ހުންނަ އުސްމިނަށާއި އިރާއި ހަނދާ ދެމެދުގައިވާ ދުރުމިނަށާއި އުޑުމަތި ސާފުވުން ފަދަ ބައެއް ސަބަބު ތަކުގެ މައްޗަށެވެ. އެހެންކަމުން ހަގީގަތުގައި ހަނދު ފެންނާން ހުންނާނެ ދުވަހެއްގައި ވެސް އުޑުމަތި ބަނަވުމުގެ ސަބަބުން ނުވަތަ އިރުގެ ދަޅައިގެ ސަބަބުން ހަނދު ނުފެނިދާނެ އެވެ.
އިސްލާމީ ޤައުމުތަކަށް ބަލާއިރު މާދަމާއަކީ ފިޠުރު ޢީދު ދުވަސް ކަމަށް، ފަލަކީ ހިސާބަށް ބަލައިގެން ހަނދު މަސް ފަށާ ތުރުކީ ފަދަ ގައުމުތަކުން މިހާރު ވެސް ވަނީ އިއުލާން ކޮށްފައެވެ. މީގެ އިތުރުން އުތުރު އެމެރިކާގެ ފިޤުހު ކައުންސިލުން ވެސް ވަނީ މި އަހަރުގެ ޝައްވާލު މަހުގެ ފުރަތަމަ ދުވަހަކީ ޖުލައި މަހުގެ 28 ވާ ހޯމަ ދުވަސް ކަމަށް އިއުލާންކޮށްފަ އެވެ.