27 Jul 2014, 01:57
ދިރާގު ދިވެހި ލީގުގައި މަހިބަދޫ ސްޕޯޓްސް ކްލަބުން ކްލަބު ވެލެންސިއާ ހިފަހައްޓައިފި އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗު ނިމިގެންދިޔައީ 3-3 ލަނޑުން ދެ ޓީމު އެއްވަރުވެގެންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ރަނގަޅު ކުޅުމެއް ފެނިގެންދިޔަ އެވެ.
މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ހޯދީ މަހިބަދޫއިންނެވެ. މެޗުގެ އަށްވަނަ މިނެޓްގައި މަހިބަދޫއަށް ލިބުނު ހިލޭ ޖެހުމަކުން އެޓީމަށް ލީޑު ހޯދައިދިނީ އަބްދުﷲ މިދުހަތު ފަހުމީ އެވެ. ނަމަވެސް މެޗުގެ ފުރަތަމަ ހާފު ނިމެން 15 މިނެޓަށް ވެފައި ވަނިކޮށް ވެލެންސިއާއިން ވަނީ ލަނޑެއް ކާމިޔާބުކޮށް ނަތީޖާ ހަމަހަމަކޮށްފަ އެވެ. ވެލެންސިއާއަށް އެލަނޑު ކާމިޔާބުކޮށްދިނީ އަބްދުﷲ ހަނީފް (ބެންޖޯ) އެވެ.
މެޗުގެ 64 ވަނަ މިނެޓްގައި މަހިބަދޫއިން އަލުން ލީޑު ހޯދިއެވެ. މިދުހަތުގެ ބޯޅައަކުން މަހިބަދޫއަށް އެލަނޑު ކާމިޔާބުކޮށްދިނީ ހުސައިން ނިޒާޒް (ބޮކުރީ) އެވެ. ބޮކުރީގެ އެލަނޑާއެކު މަހިބަދޫއަށް މާކަށް ގިނައިރަކު ލީޑުގައި އޮވެވޭ ގޮތެއް ނުވެއެވެ. މަހިބަދޫއިން ލީޑު ނެގިތާ މިނެޓެއް ފަހުން އަހްމަދު ރިލްވާން ވަނީ ވެލެންސިއާއަށް އަލުން ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.
މެޗުގައި ވެލެންސިއާއަށް ފުރަތަމަ ފަހަރަށް ލީޑު ހޯދުނީ 76 ވަނަ މިނެޓްގައެވެ. ވެލެންސިއާއަށް އެލަނޑު ކާމިޔާބުކޮށްދިނީ އަބްދުލް ރަޝީދު މާހިރު އެވެ. ވެލެންސިއާއަށް ވެސް ލީޑުގައި އޮވެ މެޗު ނިންމާލެވޭ ގޮތެއް ނުވި އެވެ. މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް، ވެލެންސިއާގެ އަހްމަދު ނިޝާން އަތުން ބައިކޮޅަށް ވަން ލަނޑާއެކު މެޗު ނިމިގެންދިޔައީ 3-3 ލަނޑުން އެއްވަރުވެގެންނެވެ.
ފަސް މެޗުން ލިބުނު 15 ޕޮއިންޓާއެކު ލީގުގެ އެއްވަނައިގައި އެންމެ ފަހުގެ ޗެމްޕިއަން ނިއު ރޭޑިއަންޓް އޮތް އިރު، ލިބުނު 13 ޕޮއިންޓާއެކު ދެވަނައިގައި އޮތީ މާޒިޔާ އެވެ. ހަ މެޗުން ލިބުނު 12 ޕޮއިންޓާއެކު ތިންވަނައިގައި އޮތީ އީގަލްސް އެވެ. ހަތަރު ވަނައިގައި އޮތް ވިކްޓަރީ އާއި ފަސް ވަނައިގައި އޮތް މަހިބަދޫއަށް ލިބިފައި ވަނީ ހަތް ޕޮއިންޓެވެ. ވިކްޓަރީއަށް ލީގުގެ ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ. ލީގުގެ ހަ ވަނައިގައި އޮތް ވެލެންސިއާއަށް ލިބިފައިވަނީ ހަ ޕޮއިންޓެވެ. ލީގުގެ ހަތްވަނައިގައި ލިބުނު އެންމެ ޕޮއިންޓަކާއެކު ބީޖީ އޮތް އިރު، އެންމެ ފުލުގައި އޮތް އޭވައިއެލްއަށް ވެސް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.
ދިރާގު ދިވެހި ލީގުގައި މާދަމާ ބައްދަލުކުރާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) އެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅޭ އެ މެޗު ފަށާނީ މާދަމާ ރޭ 10:00 ގައެވެ.