27 Jul 2014, 01:34
އިސްރާއީލުގެ ސިފައިން ދެމުންގެންދާ ލާއިންސާނީ ހަމަލާތަކާ ގުޅިގެން ފަލަސްތީނުގެ ޣައްޒާގެ މުސްލިމުންނަށް ދިމާވެފައިވާ ހިތާމައިގައި ބައިވެރިވުމުގެ ގޮތުން ދިރާގު އީދުޝޯ ކެންސަލްކޮށްފި އެވެ.
ދިރާގުގެ އެސިސްޓެންޓް މެނޭޖާ، ޕަބްލިކް ރިލޭޝަންސް، އިބްރާހީމް އިމްޖާދު ޖަލީލް 'ސަން' އަށް ވިދާޅުވީ ދިރާގު އީދުޝޯއަކީ ކޮންމެ އަހަރެއްގައި ވެސް އީދު އުފާ ފާހަގަކުރުމަށްޓަކައި މާލޭގައި ބާއްވަމުން އަންނަ ކުލަގަދަ ހަރަކާތެއް ކަމަށެވެ. ނަމަވެސް މިއަހަރު ބާއްވާ އީދު ޝޯ ކެންސަލް ކުރީ ޣައްޒާގެ މުސްލިމުންގެ ހިތާމައިގައި ބައިވެރިވުމުގެ ގޮތުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ކޮންމެ ފަހަރަކުވެސް އީދުއުފާ ފާހަގަކުރުމަށް އަޅުގަނޑުމެން ބާއްވަމުން އަންނަ ވަރަށް ކުލަގަދަ ހަރަކާތެއް މިއީ. ނަމަވެސް މިހާރު ޣައްޒާގެ މުސްލިމުންނަށް ދިމާވެފައިވާ ހިތާމައިގައި ބައިވެރިވާން އަޅުގަނޑުމެން މިފަހަރު އީދުޝޯ ކެންސަލް ކޮއްލީ،" އިމްޖާދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އީދު ޝޯ ކެންސަލް ކުރި އިރު މިހާތަނަށް އެ ޝޯ އަށް ގިނަ ތައްޔާރީތަކެއް ވެފައިވާ ކަމަށާއި ކިތަންމެ ގިނަ ތައްޔާރީތަކެއްވި ކަމުގައި ވިޔަސް އިސްރާއީލުގެ ލާއިންސާނީ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ އެތަކެއް ހާސް ރައްޔިތުނެއް ގޯތިގެދޮރު ގެއްލި ނިކަމެތި ހާލުގައި އުޅޭ މިފަދަ ދަނޑިވަޅެއްގައި އީދު އުފާ ފާހަގަ ކުރުމަކީ ރަނގަޅުކަމެއް ކަމަށް ނުފެންނަ ކަމަށެވެ. އަދި ވިދާޅުވީ އަޟުހާ އީދާ ދިމާކޮށް އެ ޝޯ ބާއްވަން މިހާރު ރާވާފައިވާ ކަމަށެވެ.
އިސްރާއީލުގެ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުވި މީހުންގެ އަދަދު މިހާރު ވަނީ 1000 އަށް ވުރެ މައްޗަށް އަރާފަ އެވެ. އަދި ޒަޚަމްވި މީހުންގެ އަދަދު 5800 އަށްވުރެ މައްޗަށް ވަނީ އަރާފަ އެވެ.
ޔަހޫދީންގެ އަނިޔާވެރި ހަމަލާތަކުގައި މިދުނިޔެ ދޫކޮށްފައިވާ މީހުންގެ ތެރޭގައި ކުޑަކުދިންނާއި މާބަނޑު އަންހެނުން ވެސް ހިމެނެއެވެ.