27 Jul 2014, 00:53
ޣައްޒާގައި ތިބެގެން އިސްރާއީލަށް ރޮކެޓް ހަމަލާތައްދޭ ހަމާސް ޖަމާއަތުގެ ބިންގަރާސްތައް ހަލާކުކުރުމަށް ކަމަށްބުނެ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް މިހާރު ހިންގަމުންދާ އުދުވާނުގައި ޝަހީދުކޮށްލި މީހުންގެ އަދަދު 1000 އަށްވުރެ މައްޗަށް އަރައިފި އެވެ.
ޣައްޒާގެ ސިއްހީ އޮފިޝަލް އަޝްރަފް އަލް ކިދްރީއާ ހަވާލާދީ އެސޯސިއޭޓެޑް ޕްރެސް (އޭޕީ) ގައި ބުނެފައި ވަނީ، އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ގަތުލްއާންމުގައި އިއްޔެ އެކަނިވެސް 132 މީހުން ޝަހީދުކޮށްލާފަައިވާ ކަމަށެވެ. އެމީހުންނާއި އެކު މިހާރު އިސްރާއީލުން ޝަހީދުކޮށްލި މީހުންގެ އަދަދު 1032 އަށް އަރައެވެ.
މީގެ އިތުރުން، އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ޖަރީމާތަކަށް 19 ދުވަސް ވެފައިވާއިރު، ޒަޚަމްވި ފަލަސްތީނު މީހުންގެ އަދަދު 5800 އަށްވުރެ މައްޗަށް އަރައެވެ.
އިސްރާއީލުގެ އުދުވާނުގެ ރައްދުގައި ފަލަސްތީން ރައްޔިތުންގެ ދިފާއުގައި ހަނގުރާމަ ކުރަމުންދާ ހަމާސް ޖަމާއަތުން ދިން ހަމަލާތަކުގައި އިސްރާއީލު ސިފައިންގެ 40 މީހުން މިހާތަނަށް މަރުވެފައި ވާއިރު، އިސްރާއީލުގެ ދެ މީހަކު ވަނީ ހަމާސްގެ ހަމަލާތަކުގައި މަރާލާފައެވެ.
ހާލުގައި ޖެހިފައިވާ ޣައްޒާގެ އެތައް ހާސް ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް އދ.ގެ އެދުމުގެ މަތިން 12 ގަޑިއިރު ވަންދެން ހަމަލާތައް ބަދަލުކުރުން ހުއްޓާލިއިރު، އެ ވަގުތު ހަމަވުމުން، އިސްރާއީލުން ވަނީ އިތުރު ހަތަރު ގަޑިއިރަށް ހަމަލާތައް ބަދަލުކުރުން ހުއްޓާލަން ނިންމާފައެވެ. އެވަގުތު ރާއްޖެ ގަޑިން މެންދަރު 2:00 ގައި ހަމަވާނެ އެވެ.
އިތުރު ހަތަރު ގަޑިއިރަށް ހަމަލާތައް ބަދަލުކުރުން އިސްރާއީލުން ނިންމި ނަމަވެސް، ހަމާސް އިން ވަނީ އެކަމަށް ދެކޮޅު ހަދައި ފަސް ރޮކެޓް ހަމަލާއެއް އިސްރާއީލަށް މިއަދު ފޮނުވާލާފަ އެވެ.