26 Jul 2014, 22:25
ހަލާލް ސެޓްފިކެޓް ދޫކޮށްފައިވާ ކުންފުނިތަކުން އުފައްދާ ތަކެތީގައި ޖަހާފައިވާ ހަލާލު ލޯގޯ ބަލައިގަންނަން ސިންގަޕޫރުން ނިންމައިފި އެވެ. މިއީ ރާއްޖޭގެ ހަލާލް ސެޓްފިކެޓް ބޭރު ގައުމަކުން ގަބޫލު ކުރި ފުރަތަމަ ފަހަރެވެ.
އިސްލާމިކް މިނިސްޓަރުގެ ނައިބު ޑރ. އައިޝަތު މުނީޒާ "ސަން" އަށް މިރޭ ވިދާޅުވީ ހަލާލް ސެޓްފިކެޓްގެ ކަންތައްތައް ސިންގަޕޫރުން ބަލަހައްޓަމުން އަންނަ އިދާރާއިން ރާއްޖޭގެ ހަލާލު ސެޓްފިކެޓް ބަލައިގެންފައިވާ ކަމަށެވެ.
ހަލާލް ސެޓްފިކެޓުގެ ކަންތައްތައް ސިންގަޕޫރުގައި ބަލަހައްޓަނީ އެ ގައުމުގެ އިސްލާމީ ކަންތައްތަކާ ބެހޭ މުއައްސަސާ ނުވަތަ މަޖިލިސް އުގަމާ އިސްލާމިކް ސިންގަޕޫރާ (މުއިސް) އިނެވެ. އެ އިދާރާއިން ރާއްޖޭގެ ހަލާލް ސެޓްފިކެޓް ޖެހި އުފެއްދުންތައް ބަލައިގެންފައި ވަނީ އިއްޔެ އެވެ.
މުނީޒާ ވިދާޅުވީ އިސްލާމިކް މިނިސްޓްރީ އިން ދޫކުރާ ހަލާލް ސެޓްފިކެޓް ގަބޫލުކުރަން "މުއިސް"އިން ނިންމާފައިވަނީ ތިން އަހަރަށް ކަމަށާއި މިކަމުގެ ސަބަބުން ރާއްޖޭގެ ހަލާލް ލޯގޯ ޖެހި އުފެއްދުންތަކުގެ އިތުބާރު ދުނިޔޭގެ ބާޒާރުގައި ބޮޑުވެގެންދާނެ ކަމަށް ވެސް މުނީޒާ ވިދާޅުވި އެވެ.
"ސިންގަޕޫރުން ރާއްޖޭގެ ހަލާލް ސެޓްފިކެޓް ގަބޫލުކުރުމުން ބައިނަލް އަޤްވާމީ ފެންވަރުގެ ޤަބޫލުކުރުމެއް ރާއްޖޭގެ ހަލާލް ލޯގޯ އަށް ލިބި ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) އާއި އާސިއާން ގެ ގައުމުތަކުން ރާއްޖޭގެ ހަލާލް ލޯގޯ އަށް އިތުބާރާއި ޔަޤީންކަން ލިބޭނެ. އަދި މި ކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ފައިދާވާނެ. ބައިނަލްއަޤްވާމީ ފެންވަރުގައި ރާއްޖޭގެ ޙަލާލު ލޯގޯ ޖެހި އުފެންދުންތަކަށް މާރކެޓް ލިބިގެންދާނެ،" އިސްލާމިކް މިނިސްޓަރުގެ ގެ ނައިބް ވިދާޅުވި އެވެ.
ހަލާލު ސެޓްފިކެޓަކީ އެ އުފެއްދުމަކީ އިސްލާމްދީނުގެ މިންގަނޑުތަކާއި އެއްގޮތަށް އުފައްދާފައިވާ އެއްޗެއްކަން ޔަގީންކޮށްދިނުމުގެ ގޮތުން ކަމާބެހޭ އިދާރާއަކުން އެ އެއްޗެއް އުފެއްދިގޮތް ބަލައި ދިރާސާކުރުމަށްފަހު، އެ އެއްޗެއް ބޭނުންކުރާ ފަރާތްތަކަށް އެއީ އިސްލާމީ ޝަރީޢާ ހުއްދަ ކުރާ އެއްޗެއްކަން އަންގައިދިނުމަށް ދެވޭ ލިޔުމެކެވެ.
ޙަލާލު ސެޓިފިކެޓް ލިބިފައިވާ އުފެއްދުމެއްކަން ޔަޤީންކުރެވޭނެ ގޮތަކީ އެ ެުފެއްދުމުގައި ޙަލާލު ލޯގޯ އިންތޯ ބަލައިގެންނެވެ.