26 Jul 2014, 21:59
ޒަޔަނިސްޓް އިސްރާއީލުން ހިސާރުކޮށްފައިވާ ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް އެ ގައުމުން މިހާރު ހިންގަމުންދާ އުދުވާނުތައް އިތުރު ހަތަރު ގަޑިއިރަށް ހުއްޓާލަން އިސްރާއީލުން ނިންމައިފި އެވެ.
އިސްރާއީލުގެ ޓީވީއަަކަށް ދިން އިންޓަވިއުއެއްގައި ކެބިނެޓް މިނިސްޓަރު ޔުވަލް ސްޓެއިނިޓްޒާ ބުނެފައި ވަނީ، ޙާލުގައި ޖެހިފައިވާ ޣައްޒާގެ އެތައް ހާސް ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް އދ.ގެ އެދުމުގެ މަތިން 12 ގަޑިއިރު ވަންދެން ޙަމަލާތައް ބަދަލުކުރުން ހުއްޓާލާފައިވާއިރު، އެ ވަގުތު އިތުރު ހަތަރު ގަޑިއިރަށް އިތުރުކުރަން އެގައުމުން ނިންމާފައިވާ ކަމަށެވެ.
މީގެ އިތުރުން، އެ ވަގުތު އިތުރަށް ދިގު ކުރުމަށް ކެބިނެޓްގައި މަޝްވަރާކުރާނެ ކަމަށް ވެސް ސްޓެއިނިޓްޒާ ބުނެފައިވާ ކަމަށް އެސޯސިއޭޓެޑް ޕްރެސް (އޭޕީ)ގައި ބުނެފައިވެ އެވެ.
އިސްރާއީލުގެ އުދުވާން ދާއިމީ ގޮތަކަށް ހުއްޓުވުމާ ބެހޭ ގޮތުން ގަތަރާއި ތުރުކީ އިސްކޮށް އޮވެގެން އެމެރިކާ އާއި ޔޫރަޕްގެ އިއްތިޙާދުގެ އިސްވެރިންނާ އިއްޔެ ވަނީ މަޝްވަރާތަކެއްކޮށްފަ އެވެ.
އެ މަޝްވަރާތަކުގައި ޙަމަލާތައް ހުއްޓާލުމުގެ އިތުރުން ޣައްޒާއާ ދެކޮޅަށް އިސްރާއީލުން އަޅާފައިވާ ޙިސާރުގެ ފިޔަވަޅުތައް ނައްތާލުން ވެސް މިކަމާ ބެހޭ އެއްބަސްވުމުގައި ހިމެނުމަށް ގަަތަރާއި ތުރުކީ ވަކާލާތު ކުރަމުން ގެންދާ ކަމަށް އަލްޖަޒީރާ ބުނެ އެވެ.
މީގެ އިތުރުން، އެކަމާ ބެހޭ އެއްބަސްވުމެއް ވުޖޫދަށް ގެނެވޭތޯ މަޝްވަރާ ކުރުމަށް ޕެރިހުގައި ބާއްވާ ބައްދަލުވުމަކަށް ޓަކައި ތުރުކީ އާއި ގަތަރުގެ ޚާރިޖީ ވަޒީރުން މިއަދު ޕެރިހަށް ވަޑައިގަންނަވާނެ ކަމަށް އަލްޖަޒީރާ ބުނެ އެވެ.
ޣައްޒާގެ ސިއްހީ އޮފިޝަލް އަޝްރަފް އަލް ކިދްރީ އާއި ހަވާލާދީ އެސޯސިއޭޓެޑް ޕްރެސް (އޭޕީ) ގައި މިއަދު ބުނެފައިވަނީ، އިސްރާއީލުން ޢައްޒާގައި ހިންގަމުންދާ ގަތުލުއާންމަށް މިއަދު 19 ދުވަސްވެފައިވާއިރު، ޝަހީދުވި މީހުންގެ އަދަދު 1000 އަށްވުރެ މައްޗަށް އަރާފައިވާ ކަމަށެވެ.
އިސްރާއީލުގެ އުދުވާނުގެ ރައްދުގައި ހަމާސް ޖަމާއަތުން ދިން ހަމަލާތަކުގައި އިސްރާއީލު ސިފައިންގެ 40 މީހުން މިހާތަނަށް މަރުވެފައި ވެއެވެ.