މެންޗެސްޓާ ޔުނައިޓެޑްގެ އާ ކޯޗު ލުއިސް ވެން ހާލްގެ ކުޅުމުގެ ސްޓައިލަށް ހޭނެން އެ ޓީމަށް ވަގުތު ނަގާނެ ކަމަށް ޔުނައިޓެޑްގެ ސްޕެއިން މިޑްފީލްޑަރު ހުއާން މަޓާ ބުނެފި އެވެ.

މި މަހު ނިމިގެން ދިޔަ ވޯލްޑް ކަޕު ފުޓްބޯޅަ މުބާރާތުގައި ނެދަލެންޑްސް އަށް އިރުޝާދު ދިން ވެން ހާލްގެ ކޯޗުކަމުގެ ދަށުން ޔުނައިޓެޑް ކުޅުނު ފުރަތަމަ މެޗުން މޮޅުވީ 7-0 ލަނޑުންނެވެ. އެމެރިކާގެ ލޮސް އެންޖެލެސް ގެލެކްސީއާ ދެކޮޅަށް ކުޅުނު އެ މެޗުގައި ޔުނައިޓެޑްގެ ޓީމުން ކުޅުނީ 3-4-1-2 ގެ ފޯމޭޝަނަކަށެވެ.

"އަހަރެމެން ކުޅެމުން މިދަނީ އާ ސިސްޓަމަކަށް،" މަޓާ ބުންޏެވެ. "އެ ސިސްޓަމަށް ހޭނަން ކިހާ ދުވަހެއް ނަގާނެކަމެއް އަހަރެންނަކަށް ނޭނގޭ. ފަހަރެއްގައި އެކަމަށް މަހެއް ނުވަތަ ދެ މަސް ނަގާފާނެ. އަހަރެން ކުޅެނީ ދެ ފޯވަޑުންގެ ފަހަތުން. އެއީ އަހަރެންނަށް ރަނގަޅު މަގާމެއް. މި ސިސްޓަމަކީ ނުރައްކާތެރި ސިސްޓަމަކަށް ވާނެ. ނަމަވެސް އެކަން ފުރިހަމަވާނީ ވާހަކަ ދެކެވި، އެކުގައި މަސައްކަތް ކުރެވިގެން،"

ޑޭވިޑް މޮއިސްގެ ކޯޗުކަމުގައި ޕްރިމިއާ ލީގުގެ ސީޒަނު ހަތްވަނައިގައި އޮވެ ނިންމާލަން ޖެހުނު ނަމަވެސް ކުރިއަށް އޮތް ސީޒަނުގައި ޔުނައިޓެޑުން ވަރުގަދަ ކުޅުމެއް ދައްކާ، އެޓީމަށް ތައްޓަށް ވާދަކުރެވޭނެ ކަމަށް މަޓާ ގަބޫލުކުރެ އެވެ.

"މި ކްލަބު އެކުލަވާލެވިފައި އޮތީ މޮޅުވުމަށް،" އޭނާ ބުންޏެވެ. "އަހަރެން ކުޑައިރު، ޔުނައިޓެޑުން ފެނުނީ ކާމިޔާބު ހޯދަމުން ނުވަތަ އެކަމަށް ވާދަކުރަން މަސައްކަތްކުރާތަން. ކުރިއަށް އޮތްތާ އަހަރެމެން މަސައްކަތް ކުރަންވީ އެގޮތަށް."

މަޓާ ބުނީ، ދަނޑުމަތީ އިނގިރޭސި ބަހުން މުއާމަލާތު ކުރުމަށް ކޮންމެ ކުޅުންތެރިއަކަށް ވެސް ވެން ހާލް ބާރުއަޅާ ކަަމަށާއި އެއީ ވަރަށް ރަނގަޅު ކަމެއް ކަމަށެވެ. އަދި ވެންހާލްއަކީ ވަރަށް ތެދުވެރި ކޯޗެއްގެ ގޮތުގައި ވެސް އޭނާ ފާހަގަކުރެ އެވެ.