ލޯކަލް ގަވަރުމަންޓް އޮތޯރިޓީގައި މެންބަރުން ހިމަނަން ޖެހޭ ދާއިރާތައް ގާނޫނުގައި ކަނޑައަޅާފައި ވަނިކޮށް ހޯމް މިނިސްޓްރީ ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ފައިވާ ބޭފުޅަކު އެ އޮތޯރިޓީ އަށް ލައްވައިގެން ސަރުކާރުން ގާނޫނުތަކަށް މަލާމާތް ކުރަމުން އަންނަ ކަމަށް އިދިކޮޅު ލީޑަރު އަހްމަދު ތަސްމީން އަލީ ވިދާޅުވެއްޖެ އެވެ.
ކ. ތުލުސްދޫގައި ޑީއާރުޕީން ރޭ ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ލީޑަރު އަހްމަދު ތަސްމީން އަލީ ވިދާޅުވީ، ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ތަކުރާރުކޮށް ގާނޫނުތަކާ ހިލާފުވަމުން އަންނަ ކަމަށެވެ. އެހެންކަމުން މިހާރުގެ ސަރުކާރަށް ގާނޫނީ ވެރިކަމެއް ގާއިމު ނުކުރެވޭނެ ކަމަށާއި ގައުމުގައި ގާނޫނީ ވެރިކަމެއް ގާއިމު ކުރެވޭނީ މިހާރު ވެރިކަމުގައި އޮތް އެމްޑީޕީގެ ސަރުކާރު، ތަންފީޒީ ބާރުން އެއްކިބާ ކުރެވިގެން ކަމަށެވެ.
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ބުނަނީ، ކައުންސިލްތަކުގެ މަސައްކަތްތަކާއި ހަރަކާތްތައް ހިނގަމުންދާ ގޮތް ބަލައި ކައުންސިލްތަކުގެ މަސައްކަތްތައް ވިލަރެސް ކުރުމަށްޓަކައި ލޯކަލް ގަވަރުމަންޓް އޮތޯރިޓީގެ ނަމުގައި ހަރަކާތްތެރިވާނެ ގައުމީ މުއައްސަސާއެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަވަން ވާނެ ކަމަށެވެ. އަދި އެ އޮތޯރިޓީ އެކުލެވިގެންވާނީ، ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ވަޒީރަކާއި މާލެ ނިސްބަތްވާ ސިޓީ ކައުންސިލުން އައްޔަންކުރާ ކައުންސިލްގެ މެންބަރަކާއި އަތޮޅު ކައުންސިލްތަކުން އިންތިހާބުކުރާ އެ ކައުންސިލްތަކުގެ މެންބަރުންގެ ތެރެއިން ހަތަރު މެންބަރުންނާއި ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ މަދަނީ ޖަމްއިއްޔާއެއްގެ މެންބަރަކާއި އާއްމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރަކާއި ސިޓީ ކައުންސިލްތަކުން އިންތިހާބު ކުރާ އެ ސިޓީ ކައުންސިލްތަކުގެ މެންބަރުންގެ ތެރެއިން މެންބަރެއް ހިމަނައިގެން ކަމަށެވެ.
ނަމަވެސް ތަސްމީން ވިދާޅުވީ، ގާނޫނުގައި އެގޮތަށް ބަޔާންކޮށްފައި ވަނިކޮށް ވެސް ހޯމް މިނިސްޓްރީގެ މިނިސްޓަރުގެ ގޮތުގައި އެ މިނިސްޓްރީ ހިންގެވުން ހަވާލު ކުރައްވާފައިވާ، ހަސަން އަފީފު އެ އޮތޯރިޓީ އަށް އައްޔަން ކުރައްވައިގެން ގާނޫނީ އިމުގެ ބޭރުން ސަރުކާރުން މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ޑީއާރުޕީން ކާމިޔާބު ކުރަން ޖެހޭ ސަބަބުތައް ބަޔާން ކުރައްވަމުން ތަސްމީނު ވިދާޅުވީ، ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރަކީ، ރިޔާސީ އިންތިހާބުން ފެށިގެން ހުސް ވައުދުތަކެއް ވަމުން އަންނަ ސަރުކާރެއް ކަމަށެވެ. އެ ގޮތުން ރިޔާސީ އިންތިހާބަށް ކުރި ވައުދުތަކުގެ މައްޗަށް، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް ސަރުކާރުން ރައްޔިތުންނަށް ބޮޑެތި ވައުދުތަކެއްވެފައިވާ ކަމަށް ވެސް ތަސްމީނު ވިދާޅުވި އެވެ. ނަމަވެސް އެ ވައުދުތައް ސަރުކާރަށް ފުއްދައިދެވިފައިނުވާ ކަމަށާއި މި ސަރުކާރަކީ ނުފުއްދޭ ހުސް ވައުދުތަކެއް ވަމުން އަންނަ ސަރުކާރެއް ކަމަށް ވެސް ތަސްމީނު ވިދާޅުވި އެވެ. އަދި އެ ވައުދުތައް ނުފުއްދެވުމާއި ގައުމުގެ އެކި ދިމަދިމާލުން ރައްޔިތުންނަށް ދިމާވާ ދަތި ހާލުން ރައްޔިތުން ސަލާމަތް ކުރުމަށްޓަކައި ރައްޔިތުންގެ ބާރު ރައްޔިތުން އިންތިހާބުކުރާ ބަޔަކަށް ދިނުމަށް، މި އިންތިހާބު ޑީއާރުޕީން ކާމިޔާބުކުރަން ޖެހޭ ކަމަށާއި އެކަން ކުރެވޭނީ ހަމައެކަނި ޑީއާރުޕީ އަށް ކަމަށް ވެސް ތަސްމީނު ވިދާޅުވި އެވެ.
ރޭގެ ޖަލްސާގައި، ޑީއާރުޕީން ކައުންސިލް އިންތިހާބަށް ކުރިމަތިލެއްވި ބައެއް ފަރާތްތައް ރައްޔިތުންނަށް ތައާރަފްކޮށްދިނުން އޮތެވެ. އަދި އެ ޖަލްސާގައި ޑީއާރުޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ބައެއް މެންބަރުން ވެސް ވާހަކަ ދެއްކެވި އެވެ.