26 Jul 2014, 21:32
މިއަހަރުގެ ފިތުރު އީދު ބަންދާ ދިމާކޮށް އަތޮޅުތަކުގެ ރަށްރަށަށް ދަތުރުތަށް ކުރުމަށް ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)އިން ހަމަޖައްސާފައިވާ ސީޕްލޭންތަކަށް އާދަޔާ ހިލާފު ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށް ޓީއެމްއޭ އިން ބުނެފި އެވެ.
ޓީއެމްއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޓީއެމްއޭ އިން އީދު ބަންދަށް ހާއްސަކޮށް ހަތަރު އަތޮޅަކަށް ދަތުރުކުރަން ހަމަޖައްސާފައިވާ ސީޕްލޭންތަކަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށާއި ޓީއެމްއޭގެ ޑޮމެސްޓިކް ފްލައިޓް ތަކަށް ވެސް ހާއްސަ ތަރުހީބެއް ލިބެމުންދާ ކަމަށެވެ.
ޓީއެމްއޭގެ މެނޭޖާ ޕްބެލިކް ރިލޭޝަންސް އެންޑް މާކެޓިން އިބްރާހިމް ޝިފާން ވިދާޅުވީ ރަށްރަށުގެ ކައުންސިލްތަކުގެ ފަރާތުން އީދު ފްލައިޓްތަށް އެރޭންޖް ކުރުމުގައި ލިބެމުންދާ ތަރުހީބަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
ޓީއެމްއޭގެ ފުލައިޓެއްގައި ނ. އަތޮޅަށް ކުރާ ދަތުރުތަކަށް ހަރަދުކުރަން ޖެހޭނީ ކޮޅަކަށް 1000 ރުފިޔާ އެވެ. އަދި ށ. އަތޮޅަށް ކޮޅަކަށް 1350 ރުފިޔާ ހަރަދު ކުރަންޖެހޭއިރު ޅ. އަތޮޅާއި މ. އަތޮޅަށް ކުރާ ދަތުރުތަކުގައި ދައްކަން ޖެހޭނީ ކޮޅަކަށް 900 ރުފިޔާ އެވެ.
އޭގެ އިތުރުން 12 އަހަރުން ދަށުގެ ކުޑަ ކުދިންނަށް 40 ޕަސެންޓް ޑިސްކައުންޓް ލިބޭނެ ކަމަށާއި ދެ އަހަރުން ދަށުގެ ކުޑަކުދިންނަށް އެއްވެސް ހަރަދެއް ނުދީ ދަތުރު ކުރެވޭނެ ކަމަށް ޓީއެމްއޭ އިން ބުންޏެވެ. އަދި ދަތުރުކުރާ ފަރާތްތަކަށް ކޮންމެ ޕަސެންޖަރަކަށް ވެސް 15 ކިލޯގެ މުދާ އުފުލޭނެ އިންތިޒާމް ޓީއެމްއޭ އިން ވަނީ ހަމަޖައްސާފަ އެވެ.