26 Jul 2014, 21:08
މިއަދު އަޅުގަނޑުމެންގެ ތެރެއިން ނެތެމުންދާ ގައުމީ ލޯތްބާއި ޖޯޝް އިތުރުކުރުމަށް ޓަކައި ކަމާ ބެހޭ ހުރިހާ ފަރާތްތަކުން ޚާއްސަ މަސައްކަތްތަކެއް ފެށުމަށް އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްދު ކަމާ ބެހޭ އެންމެހައި ފަރާތްތަކަށް ގޮވާލައްވައިފި އެވެ.
މިއަދު ފާހަގަކުރަމުން މިއަންނަ ރާއްޖޭގެ 49 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އެމްޑީއޭގެ ލީޑަރު ފޮނުއްވި ތަހުނިޔާގެ މެސެޖުގައި މިނިވަން ދުވަހުގެ ތަހުނިޔާ އެމްޑީއޭގެ މެމްބަރުންނަށާއި ދިވެހި ލޮބުވެތި ރައްޔިތުންނަށް އިޚްލާސްތެރިކަމާ އެކު ފޮނުއްވާ ކަމުގައި ވިދާޅުވި އެވެ.
އެމްޑީއޭގެ ލީޑަރު ސިޔާމްގެ މެސެޖުގައި ޒުވާނުންގެ ހިތްތަކުގައި ގައުމީ ލޯބި އިތުރުކުރުމަށް ޓަކައި މައިންބަފައިންނާއި ބެލެނިވެރިންގެ އިތުރުން ކަމާ ބެހޭ އެންމެހައި ފަރާތްތައް ގުޅިގެން އިތުރު މަސައްކަތްތަކެއް ކުރުމަށް އިލްތިމާސް ކުރެއްވި އެވެ.
މިނިވަންކަމަކީ އަގުހުރި ނިއުމަތެއް ކަމަށްވީ ހިނދު 49 އަހަރު ވަންދެން އަޅުގަނޑުމެންގެ މިނިވަންކަން ހިމާޔަތްކޮށް ދެމެހެއްޓުމަށް މަސައްކަތްކޮށްދެއްވި އެންމެހައި ފަރާތްތަކަށް ވެސް އެމްޑީއޭގެ ލީޑަރު ޝުކުރު އަދާކުރެއްވި އެވެ.
އެމްޑީއޭގެ ލީޑަރު ވިދާޅުވީ ރާއްޖެ އަށް ސިޔާސީ މިނިވަންކަން ހޯއްދަވައި ދެއްވުމަށް ޓަކައި ކުރީގެ ރައީސް ސުމުއްވުލް އަމީރު އިބްރާހީމް ނާސިރު ރަންނަބަނޑޭރި ކިލެގެފާނު ކުރެއްވި މަސައްކަތްޕުޅަކީ އޭގެ އަގު އަޅުގަނޑުމެންނަށް އަދާކުރެވޭ ވަރަށް ވުރެ މާ އަގުހުރި މަސައްކަތްޕުޅެއް ކަމަށެވެ.
"އެކަމަށްޓަކައި ރައީސް އިބްރާހީމް ނާސިރާއި އެމަނިކުފާނާ އެކު ދިވެހިރާއްޖެ އަށް ސިޔާސީ މިނިވަންކަން ހޯއްދަވައިދެއްވުމަށް މަސައްކަތްކުރެއްވި އެންމެހައި ފަރާތްތަކަށް ކުރުނީސް ކުރަމެވެ،" އެމްޑީއޭގެ ލީޑަރު ފޮނުއްވި ތަހުނިޔާގެ މެސެޖުގައި ވެއެވެ.
އެމްޑީއޭގެ ލީޑަރުގެ މެސެޖުގައި އަޅުގަނޑުމެންނަކީ ސައްތައިން ސައްތަ މުސްލިމުން ކަމުގައި ވީހިނދު މިނިވަންދުވަސް ފާހަގަކުރާއިރު މުސްލިމުންގެ އަތުން އިސްލާމީ މުގައްދަސް ބިންތައް ފޭރިގެންފައިވާކަން ހަނދާނަށް ގެންނަން ޖެހޭ ކަމަށް ވިދާޅުވެފައި ވެއެވެ. އަދި ފަލަސްތީނުގެ ބިންތަކުގައި އުޅޭ ލޮބުވެތި އަޚުންނާއި އުޚުތުންގެ މިނިވަންކަމާ ނުލައި އަޅުގަނޑުމެންގެ މިނިވަންކަން ފުރިހަމަ ނުވާނެ ކަމުގައި ވެސް ވިދާޅުވެފައިވެ އެވެ.