ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އާސަންދައިގެ ދަށުން ހިދުމަތް ފޯރުކޮށް ދޭ އެސްޓީއޯ ފާމަސީއެއް ގާއިމް ކުރުމަށް އެސްޓީއޯއާ ސަރުކާރު ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން އިތުރު ފާމަސީއެއް ހއ. ހޯރަފުށީގައި ހުޅުވައިފި އެވެ.

ހޯރަފުށީގައި ހުޅުވި ފާމަސީ އިން އާސަންދައިގެ ހިދުމަތް ލިބޭނެ އެސްޓީއޯއިން ބުންޏެވެ. އެ ކުންފުނިން ބުނީ ރާއްޖޭގެ ކޮންމެ ރަށެއްގައި އެސްޓީއޯގެ ފާމަސީއެއް ގާއިމް ކުރުމަށް ކުރިއަށް ގެންދާ ބޮޑު މަޝްރޫއުއަށް ލޯކަލް ކައުންސިލް ތަކާއި ރަށްރަށުގެ ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުންދާ ކަމަށެވެ.

ހޯރަފުށީގައި ހުޅުވި އެސްޓީއޯ ފާމަސީއާ އެކު އެ ކުންފުނީގެ ފާމަސީތަކުގެ އަދަދު މިހާރު 13އަށް އަރަ އެވެ. އެންމެ ފަހުން އެ ކުންފުނީގެ ފާމަސީއެއް ހުޅުވީ ހއ. ކެލާގަ އެވެ.

އެސްޓީއޯއިން ބުނީ ކޮންމެ ރަށެއްގައި ފާމަސީއެއް ގާއިމް ކުރުމުގެ ޕްރޮޖެކްޓް ދެ އަހަރު ތެރޭގައި ނިންމާނެ ކަމަށެވެ.