އެތުލެޓިކޯ މެޑްރިޑަށް އަލަށް ގުޅުނު ކްރޮއޭޝިއާ ފޯވަޑް މާރިއޯ މަންޒޫކިޗްއަކީ އެތުލެޓިކޯގެ ކުރީގެ ފޯވަޑް ޑިއެގޯ ކޮސްޓާއަށް ވުރެ ތަފާތު ކުޅުންތެރިއެއް ކަމަށް މަންޒޫކިޗް ބުނެފި އެވެ.

ޑިއެގޯ ސިމިއޯނީގެ އިރުޝާދުގެ ދަށުން ކުޅެމުންދާ މަންޒޫކިޗް އެތުލެޓިކޯއަށް ސޮއިކުރީ މި މަހުގެ ކުރީކޮޅު އެވެ. އެތުލެޓިކޯއަށް 15 މިލިޔަން ޔޫރޯގެ އަގަކަށް އުމުރުން 28 އަހަރުގެ މަންޒޫކިޗް ސޮއިކުރުމާއެކު، ޑިއެގޯ ކޮސްޓާ ވަނީ 40 މިލިޔަން ޔޫރޯގެ އަގަކަށް އެތުލެޓިކޯ ދޫކޮށް ޗެލްސީއާ ގުޅިފައެވެ.

އެތުލެޓިކޯގެ އެންމެ ކާމިޔާބު އެއް ސީޒަނުގެ ގޮތުގައި މިދިޔަ ސީޒަނު ހިމެނެ އެވެ. ވާދަވެރި ރެއާލް މެޑްރިޑާއި ބާސެލޯނާ ފަހަތަށް ޖައްސާލުމަށްފަހު، އެތުލެޓިކޯއިން މިދިޔަ ސީޒަނުގެ ސްޕެނިޝް ލަލީގާ ކާމިޔާބުކުރި އިރު، އެ ކްލަބުން ވަނީ މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ވެސް ދަތުރުކޮށްފަ އެވެ. ޗެމްޕިއަންސް ލީގުގެ ފައިނަލުން އެތުލެޓިކޯ ބަލިވީ ރެއާލް މެޑްރިޑް އަތުންނެވެ.

"ކޮސްޓާއަކީ ކޮސްޓާ. އަހަރެންނަކީ މާރިއޯ މަންޒޫކިޗް،" ކުރީގެ ބަޔާން މިއުނިކް ފޯވަޑް ބުންޏެވެ. "ކޮންމެ ކުޅުންތެރިއެއް ވެސް ތަފާތު ސްޓައިލެއް ގެންގުޅޭނެ. އަހަރެން ކުޅޭނީ ކޯޗުގެ އިރުޝާދާއެކު، އޭނާ ބުނާގޮތަކަށް. އަހަރެންގެ އާ ކޯޗަކަށް ސިމިއޯނީ ހުންނާތީ ވަރަށް އުފާކުރަން. ފުޓްބޯޅަ ކުޅުންތެރިއެއްގެ ގޮތުގައި ހުރި އިރު ވެސް އޭނާއަކީ މޮޅު މީހެއް."

އެތުލެޓިކޯ ދޫކޮށް ޗެލްސީއަށް ބަދަލުވި ކޮސްޓާއަކީ މިދިޔަ ސީޒަނުގައި އެތުލެޓިކޯއިން އެންމެ ފާހަގަކޮށްލެވުނު ކުޅުންތެރިޔާ އެވެ. އޭނާ ވަނީ މިދިޔަ ސީޒަނުގައި އެތުލެޓިކޯއަށް 36 ލަނޑު ކާމިޔާބުކޮށްދީފައެވެ.