26 Jul 2014, 17:14
އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ލާއިންސާނީ ހަމަލާތަކުގެ ސަބަބުން ޣައްޒާ ދޫކޮށް ދިޔަ ހާހަކަށްވުރެ ގިނަ ރައްޔިތުން ޣައްޒާއަށް އެނބުރި އަތުވެއްޖެ އެވެ.
އިސްރާއީލުގެ އުދުވާނުގެ ސަބަބުން ހާލުގައި ޖެހިފައިވާ ޣައްޒާގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ފުރުސަތު އދ.އަށް ދިނުމަށްޓަކައި އދ.ގެ އެދުމުގެ މަތިން 12 ގަޑިއިރުވަންދެން ހަމަލާތައް ބަދަލުކުރުން ހުއްޓާލުމަށް ހަމާސްއިން ވަނީ އެއްބަސްވެފައެވެ.
އެ އުދުވާންތަކުގެ ސަބަބުން ޣައްޒާގެ ރައްޔިތުން ވަނީ ހާލުގައި ޖެހި، އެ މީހުންގެ ގެދޮރުތައް ވެސް ވީރާނާވެގެން ގޮސްފަ އެވެ. ގިނަ ގެތައް ވީރާނާވެގެން ގޮސްފައިވާ އިރު، ގިނަ މީހުން ވަނީ ވަންނާނެ ގެދޮރެއް ނެތި ނިކަމެތިވެފައެވެ. މި ހަމަލާތަކުގެ ސަބަބުން ބައެއް މީހުން އެ ސަރަހައްދުތައް ދޫކޮށް ވަނީ ގޮސްފައެވެ.
ފަލަސްތީނުގެ އަށް ކުދިންގެ މަންމައަކު ބުނީ، އެންމެ ފަހުން އޭނާގެ ދިރުއުޅުން ބަދަލުކުރި ގެއަކީ ދިހަ އަހަރު ވަންދެންް ރައްކާކުރި ފައިސާއިން އަޅާފައިވާ ގެއެއް ކަމަށެވެ. އުމުރުން 37 އަހަރުގެ އެ އަންހެން މީހާ ބުނީ އެގެއަށް އޭނާ ބަދަލުވީ މީގެ ދެ މަސްދުވަސް ކުރިން ކަމަށާއި މިހާރު އޭނާގެ އަތުގައި އެއްވެސް އެއްޗެއް ނެތް ކަމަށް އޭނާ ބުންޏެވެ.
ޣައްޒާގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރިކޮށްދިނުމަށް 12 ގަޑިއިރުވަންދެން ހަމަލާތައް ހުއްޓާލުމަށް އެއްބަސްވި ނަމަވެސް، އިސްރާއިލުގެ ޑިފެންސް މިނިސްޓްރީން ބުނީ، ޣައްޒާގެ ބިމުގައި ހިންގާ އޮޕަރޭޝަން ވަރަށް އަވަހަށް ފުޅާކުރަން ވިސްނާ ކަމަށެވެ.
މި މަހު އަށްވަނަ ދުވަހު ވައިގެ މަގުން ޣައްޒާއަށް ހަމަލާން ދޭން އިސްރާއީލުން ފަށާފައިވާ އިރު، އޭގެ ފަހުން އިސްރާއީލުން ވަނީ އެއްގަމު މަގުން ވެސް ހަމަލާ ދޭން ފަށައިފަ އެވެ. އިސްރާއީލުން ވަނީ ފާއިތުވި 19 ދުވަސްތެރޭ ގާތްގަނޑަށް ފަލަސްތީނުގެ 985 ރައްޔިތުން ޝަހީދުކޮށްލައިފައެވެ.