ޗެލްސީގެ ކުރީގެ ތަރި ޑިޑިއާ ޑްރޮގްބާ އެކްލަބާ އެކު އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އުމުރުން 36 އަހަރުގެ ޑްރޮގްބާ، ޗެލްސީ ދޫކޮށް ގޮސްފައި ވަނީ 2012 ވަނަ އަހަރު ޗެމްޕިއަންސް ލީގުގެ ތައްޓެއް އެކްލަބަށް ހޯދައިދިނުމަށް އެހީތެރިވެދިނުމަށް ފަހު އެވެ. މި މަހު ނިމިގެންދިޔަ ވޯލްޑް ކަޕުގައި އައިވަރީ ކޯސްޓަށް ކުޅުނު ޑްރޮގްބާ ވަނީ ޗެލްސީއަށް ކުޅުނު 341 މެޗުން 157 ލަނޑު ކާމިޔާބުކޮށްފަ އެވެ.

"މިއީ އަހަރެންނަށް ވަރަށް ފަސޭހަ ނިންމުމެއް،" ޗެލްސީގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި ޑްރޮގްބާ ބުންޏެވެ. "މޮރީނިއާ އެކު އަލުން މަސައްކަތް ކުރަން ލިބުނު ފުރުސަތު ގެއްލުވާލާކަށް އަހަރެން ބޭނުމެއް ނޫން. ކުރިން ވެސް އެންމެންނަށް އެނގޭނެ ފަދައިން އަހަރެންނާއި މި ކްލަބާ މެދު އޮތީ ހާއްސަ ގުޅުމެއް،"

ޑްރޮގްބާ ބުނީ، އޭނާ ބޭނުންވަނީ ކުރިން ވެސް ޗެލްސީއަށް އެހީތެރިވި ގޮތަށް އެހީތެރިވެދީ ކްލަބަށް ކާމިޔާބީ ހޯދައިދޭން ކަމަށާއި ކެރިޔަރުގެ އާ ސޮފްހާ ހުޅުވާލުމަށް ކެތްމަދުވެފައިވާ ކަމަށެވެ.

ޑްރޮގްބާ ވަނީ ޗެލްސީއާ އެކު 2012 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމުގެ އިތުރުން އެކްލަބާ އެކު އޭނާ ވަނީ ދެ ސީޒަނެއްގެ ޕްރިމިއާ ލީގާއި ދެ ސީޒަނެއްގެ އެފްއޭ ކަޕް އަދި ދެ އަހަރެއްގެ ކޮމިއުނިޓީ ޝީލްޑް ކާމިޔާބުކޮށްފަ އެވެ.