ނ. މާފަރުގެ އެކި ސަރަހައްދުތަކުން ކިނބުލެއްގެ ފިޔަވަޅު ފެންނާތީ ރައްޔިތުންނަށް ރައްކާތެރިވެގެން ތިބުމަށް އަންގައިފި އެވެ.

މާފަރު ކައުންސިލް މެންބަރު މުސްލިމް މުހައްމަދު ވިދާޅުވީ ރައްޔިތުންގެ ސަމާލުކަމަށް އެކަން ގެނައީ މީހަކަށް، އެ ރަށު ހުޅަނގުފަރާތު ގޮނޑު ދޮށުން މޫދަށް ކިނބުލެއް ފައިބައިގެން ދިޔަތަން ފެނުމާ ގުޅިގެން ކަމަށެވެ.

"މިހާރު ދުވަސް ކޮޅެއް ވެއްޖެ ކިނބުލުގެ ފިޔަވަޅު ފެންނަތާ. މިއަދު ހެނދުނު އުމުރުން ދުވަސްވީ މީހަކަށް ކިނބުލެއް ފެނުނު ވާހަކަ ބުނުމުން އަޅުގަނޑުމެން ގޮސްބެލި އިރު އޭތީގެ ފިޔަވަޅުތައް ފެންނަން ހުރީ،" ކައުންސިލަރު ވިދާޅުވި އެވެ.

މުސްލިމް ވިދާޅުވީ ކިނބޫގެ ހިލަންވުމާ އެކު ލޯޑް ސްޕީކަރު ބޭނުންކޮށްގެން، ރަށުގެ ރައްޔިތުންނަށް ސަމާލުވުމަށް އަންގާފައިވާ ކަމަށެވެ.

މާފަރުން ވާހަކަ ދެއްކި މީހަކު ބުނީ އެރަށުގެ އެކި ހިސާބުތަކުން ކިނބުލުގެ ފިޔަވަޅު ފެންނަ ކަމަށާއި ނަމަވެސް ސަމާލުކަން ލިބުނީ މީހަކަށް މިއަދު ފަތިހު ކިނބޫ ފެނުމާ ގުޅިގެން ކަމަށެވެ.

ނ. އަތޮޅުގެ އެކި ރަށްރަށުން މީގެ ކުރީން ވެސް ވަނީ ކިނބޫ ފެނިފަ އެވެ.