26 Jul 2014, 14:51
އިސްރާއީލުގެ ފުޓްބޯޅަ ޓީމެއް ކަމަށްވާ މައްކާބީ ހައިފާ އާއި ފްރާންސްގެ ލިލީއާ ދެމެދު އެކުވެރިކަމުގެ މެޗެއް ކުޅެނިކޮށް ޣައްޒާއަށް އިޒްރޭލުން ދެމުންދާ ލާއިންސާނީ ހަމަލާތަކާ ދެކޮޅަށް ނިކުތް ފަލަސްތީނަށް ތާއީދުކުރާ ބަޔަކު ދަނޑަށް އަރައި މެޗު ހުއްޓުވައިފި އެވެ.
އިނގިރޭސިވިލާތުގެ ނޫހެއް ކަމަށްވާ ޑެއިލީމެއިލް އިން ބުނިގޮތުގައި މިދިޔަ ހަފުތާގެ ފަހުކޮޅު އޮސްޓްރިއާގައި މައްކާބީ ހައިފާ އާއި ލިލީ ކުޅެމުންދިޔަ މެޗުގެ 86 ވަނަ މިނެޓުގައި މެޗު ހުއްޓާލަން ޖެހުނީ ގިނަ އަދަދެއްގެ ފަލަސްތީނު ސަޕޯޓަރުން ދަނޑު މައްޗަށް އަރައި އިސްރާއީލްގެ ކުޅުންތެރިން ގައިގައި ތަޅައިގަތުމުންނެވެ. އަދި ފަލަސްތީނުގެ ސަޕޯޓަރުން އިސްރާއީލް ޓީމުގެ ކެޕްޓަން ޔޮއްސި ބެނަޔޫން އަށް ވެސް ހަމަލާ ދީފައިވާ ކަމަށް އެ ނޫހުގައި ވަނީ ބުނެފަ އެވެ.
މެޗު ބަލަން ތިބޭ ގޮނޑިބަރީގެ ބައެއް ހިސާބުތަކުގައި ތިބި ފަލަސްތީނުގެ ސަޕޯޓަރުން ވަނީ އިސްރާއީލުގެ އަތް ދަށުން ފަލަސްތީނު ސަލާމަތްކުރުމަށް ގޮވާލައި ބެނާ ހިފައިގެން ތިއްބެ ޝުއޫރުފާޅުކޮށްފަ އެވެ.