މެލޭޝިއާ އެއާލައިންސްގެ ފްލައިޓް އެމްއެޗް17 ވައްޓާލި ހާދިސާއާ ގުޅިގެން ނެދަލެންޑްސްގައި ދިރިއުޅެމުންދާ ރަޝިއާގެ ރައީސް ވްލަޑިމޭރު ޕޫޓިންގެ ދަރި، އެގައުމު ދޫކޮށް ރަޝިއާ އަށް ހިނގައްޖެ އެވެ.

އެމްއެޗް 17 ވައްޓާލި ކަމަށް ތުހުމަތުކުރާ ޔޫކްރޭނުގެ ބާޣީންނަށް ރަޝިއާ އިން ހަތިޔާރުދޭ ކަމަށް އެމެރިކާގެ އިންޓެލިޖެންސް އިން ހާމަކުރުމާ ގުޅިގެން ނެދަލެންޑްސްގެ ބައެއް ރައްޔިތުންގެ މެދުގައި ރަޝިއާއާ ދޭތެރޭ ވަނީ ރުޅިވެރިކަން އުފެދިފަ އެވެ.

އެ ރުޅިވެރިކަމުގެ ސަބަބުން ނެދަލެންޑްސްގެ ބައެއް މީހުން ވަނީ އެގައުމުގައި ދިރިއުޅެމުންދާ ޕޫޓިންގެ އަންހެން ދަރި ޑީޕޯޓްކޮށްލުމަށް އެގައުމުގެ ސަރުކާރަށް ގޮވާލައި، ރުޅުވެރިކަން ފާޅުކޮށްފަ އެވެ.

ބްރިޖްމަތީ މީހުން އެއްވެފައި --

"ފްލައިޓް ވެއްޓުނު ފަހުން އޭނާ ފެނިފައެއް ނުވޭ،" މާރިއާ ޕޫޓިންގެ އަވަށްޓެރިއަކު ބްރިޓިޝް މިރާ ނޫހަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.

ރަޝިއާ ރައީސްގެ 29 އަހަރުގެ އަންހެން ދަރި ނެދަލެންޑްސްގައި ދިރިއުޅެމުން ދަނީ އޭނާގެ ލޯބިވެރިޔާ ޖޮރިޓް ފާސެންއާ އެކު އެވެ. އެމީހުން ދިރިއުޅެމުންދަނީ ނެދަލެންޑްސް އިން އެމްއެޗް 17ގެ ދަތުރުފެށި އެމްސްޓެޑަމްގެ އެއާޕޯޓާ 20 މޭލު ދުރުގަ އެވެ.

"އޭނާ މިތަނުގައި ދިރުއުޅެން ފެށީ މިދިޔަ އަހަރު. އޭރު އޭނާ އުޅެމުންދިޔަ އިރު، މީހުންނަކަށް އެއީ ކާކުކަމެއް ނޭނގޭ،" އަވައްޓެރިޔާ ބުންޏެވެ. "އޭނާއަކީ ކާކުކަން އެނގުމާ އެކު އޭނާގެ ދިރުއުޅުން ވަރަށް ބޮޑަށް ބަދަލުވި. މި ހިނގައި ދިޔަ ހާދިސާގައި އޭނާގެ އެއްވެސް މައްސަލައެއް ނެތް. އެއީ އޭނާގެ ނިންމުންތަކެއް ނޫން. އެއީ އޭނާގެ ބައްޕަގެ ނިންމުންތަކެއް،"

ޔޫކްރޭނުގެ ބާޣީން ފޮނުވާލި މިސައިލަކުން ވައްޓާލި ކަމަށް ތުހުމަތުކުރެވޭ އެމްއެޗް 17ގައި މަރުވި 298 މީހުންގެ ތެރެއިން ތެރެއިން 193 މީހުންނަކީ ނެދަލެންޑްސްގެ ރައްޔިތުންނެވެ.