26 Jul 2014, 14:17
ޔުނައިޓެޑް ނޭޝަންސް (ޔޫއެން) އިން އިސްރާއީލަށް ގޮވާލި ގޮވާލުމަށް އިޖާބަ ނުދީ ފަލަސްތީނުގެ ޣައްޒާ އަށް ދެމުންގެންދާ ރަހުމުކުޑަ ހަމަލާތައް ކުރިޔަށް ގެންދާތީ، އެ ހަމަލާތައް ހުއްޓާލުމަށް ދިވެހިން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށައަޅާ ޕެޓިޝަންގައި މިހާތަނަށް 12000 މީހުން ސޮއިކޮށްފި އެވެ.
ޕެޓިޝަންގައި ސޮއިކޮށް އިޒްރޭލާ ދެކޮޅަށް ދިވެހިން ކުރިޔަށް ގެންދާ ހަރަކާތްތައް އިންތިޒާމު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ އޮފިޝަލަކު މިއަދު 'ސަން' އަށް ވިދާޅުވީ އެ ޕެޓިޝަންގައި މިދިޔަ ބުރާސްފަތި ދުވަހާ ހަމައަށް މާލެ އިން އެކަނި ވެސް ފަސް ދުވަސް ތެރޭގައި 12،000 އަށް ވުރެ ގިނަ މީހުން ސޮއިކޮށްފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ފަލަސްތީނުގެ ޣައްޒާގައި ދިރިއުޅެމުންދާ މުސްލިމުންނަށް ދެމުންގެންދާ ހަމަލާތަކާއި ފަލަސްތީނުގެ ހާލަތާ މެދު ދިވެހިން އިތުރަށް ހޭލުންތެރި ކުރުވުމަށް މިރޭ އުސް ފަސްގަނޑުގައި ހާއްސަ ހަރަކާތެއް ކުރިޔަށް ގެންދަން ނިންމާފައިވާ ކަމަށެވެ.
"މިރޭ 9:30ގައި އުސްފަސްގަނޑުގައި އަޅުގަނޑުމެން ގެންދާނަން އިވެންޓެއް. އޭގައި ދައްކާނެ ފަލަސްތީނަކީ ކޮބައިކަމާއި އިޒްރޭލުން ހަމަލާދޭ ސަބަބުތަކާއި މިހާރު ފަލަސްތީނުގެ ހާލަތު. އޭގެ ބޭނުމަކީ އަދިވެސް ބޮޑަށް ދިވެހިން ހޭލުންތެރި ކުރުވުން،" އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އީދު ބަންދަށް ފަހު އޮންނަ މަޖިލީހުގެ ފުރަތަމަ ޖަލްސާ އޮންނަ ދުވަހު މަޖިލީހު އިދާރާ އަށް ޕެޓިޝަން ހުށައަޅާނެ ކަމަށާއި އެ ޕެޓިޝަންގައި ކުރިޔަށް އޮތް ދުވަސްތަކުގައި ވީހާ ވެސް ގިނަ ފަރާތްތަކުން ސޮއިކުރަން އެދޭ ކަމަށެވެ.