26 Jul 2014, 14:12
ފަލަސްތީނުގެ ޣައްޒާގައި އިސްރާއީލުގެ ސިފައިން ހިންގަމުން ގެންދާ ލާއިންސާނީ އަމަލުތަކާ ގުޅިގެން ހާލުގައި ޖެހެމުންދާ ޣައްޒާގެ ރައްޔިތުންނަށް އެހީވުމަށް ހުޅުވާލާފައިވާ ފަންޑަށް އިއްޔެގެ ނިޔަލަށް 2.3 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
އަދާލަތު ޕާޓީގެ ތަރުޖަމާނު އަލީ ޒާހިރު މިއަދު "ސަން"އަށް ވިދާޅުވީ، ޣައްޒާ ފަންޑަށް އިއްޔެއާ ހަމައަށް ރެކޯޑް އަދަދަކަށް ފައިސާ ލިބިފައިވާ ކަމަށާއި އެގޮތުން އިއްޔެ އެކަނި 642،049 ރުފިޔާ ލިބިފައިވާ ކަމަށެވެ. އަދި މި މަހުގެ 17 ހުޅުވި އެ ފަންޑަށް އިއްޔެއާ ހަމައަށް ޖުމްލަ 2،322،647 ދިވެހި ރުފިޔާ އާއި 8098 ޔޫއެސް ޑޮލަރު ލިބިފައިވާ ކަމަށެވެ.
ޣައްޒާ ފަންޑަށް އިއްޔެއާ ހަމައަށް ގިނަ އަދަދަކަށް ފައިސާ ލިބިފައިވާ އިރު މާލޭގެ އެކި ހިސާބުތަކުގަ އާއި އަތޮޅުތެރޭގެ ބައެއް ރަށްރަށުގައި މިހާރު ވަނީ ފަންޑު ފޮށި ބަހައްޓާފަ އެވެ.
އެއްމަސް ދުވަހަށް ހުޅުވާލާފައިވާ އެ ފަންޑަށް ލިބޭ ރުފިޔާ ފަލަސްތީނަށް ފޯރުކޮށްދޭން ނިންމާފައި ވަނީ ގަތަރު ރެޑްކްރެސެންޓް މެދުވެރިކޮށް ކަމަށް ފަންޑު ހޯދުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނެ އެވެ.