26 Jul 2014, 14:10
ރީދަ މަހާ ދިމާކޮށް، ދ. ވިލުރީފް ބީޗް އެންޑް ސްޕާ ރިސޯޓުގެ ޑިޕާޓްމަންޓްތަކުގެ މެދުގައި ކުޅުނު ފުޓްސަލް މުބާރާތް ނިމިއްޖެ އެވެ.
މި މަހު 17 އިން 25 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދިޔަ އެ މުބާރާތުގައި އަށް ޓީމެއް ބައިވެރިވެފައިވެ އެވެ. ހަތަރު ޓީމު ހިމެނޭ ދެ ގްރޫޕަށް ބަހާލައިގެން ކުޅުނު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އެފްސީ ބަކުމް އެވެ.
ވިލުރީފް އިންޓަ ޑިޕާޓްމަންޓް ފުޓްސަލް މުބާރާތުގައި ބައިވެރިވި ޓީމުތަކަކީ އެ ރިސޯޓުގެ އަށް ޑިޕާޓްމަންޓަކަށް ހިމެނޭ އަށް ޓީމެވެ. މި މުބާރާތުގައި ބައިވެރިވި ޓީމުތަކަކީ އެފްޓީ ވަކުން އާއި، ނައިޓް ރައިޑާސް އާއި، އެފްސީ ފޯކް އެންޑް ނައިފް އާއި، އެފްސީ ހައުސް ކީޕިންގް އާއި އެފްސީ ބަކުމް އާއި ދަ އަންޓެކަބަލް އަދި އެފްޑަބްލިޔުބީ ސްޕޯޓްސް އެވެ.
މުބާރާތުގެ ގްރޫޕް ސްޓޭޖު ނިމުނު އިރު، ސެމީ ފައިނަލަށް ދަތުރުކުރީ ގްރޫޕް ސްޓޭޖުގައި އެންމެ ގިނަ ޕޮއިންޓް ހޯދި ހަތަރު ޓީމެވެ. ސެމީގެ ފުރަތަމަ މެޗުގައި އެފްސީ ހައުސް ކީޕިންގް އާއި އެފްޑަބްލިޔުބީ ސްޕޯޓްސް އެވެ. މި މެޗުން މޮޅުވެ، ފައިނަލުގެ ޖާގައެއް ހޯދީ އެފްޑަބްލިޔުބީ ސްޕޯޓްސް އިންނެވެ. އަދި ދެ ވަނަ ސެމީގައި އެފްސީ ފޯކް އެންޑް ނައިފްއާ ވާދަކޮށް ފައިނަލުގެ ފަހު ޖާގަ ހޯދީ އެފްސީ ބަކުމް އެވެ.
ސެމީގެ ދެ މެޗުން ބަލިވި ދެ ޓީމުކަމަށްވާ އެފްސީ ހައުސް ކީޕިންގް އާއި އެފްސީ ފޯކް އެންޑް ނައިފް ދެން ނުކުތީ ތިންވަނަ ހޮވާ މެޗަށެވެ. އެ މެޗުން މޮޅުވެ، މުބާރާތުގެ ތިން ވަނަ މަގާމު ހޯދީ އެފްސީ ހައުސް ކީޕިންގް ޓީމުންނެވެ.
މުބާރާތުގެ ފައިނަލު މެޗުގައި އެފްޑަބްލިޔުބީ ސްޕޯޓްސްއާ ބައްދަލުކޮށް، ޗެމްޕިއަންކަން ހޯދީ އެފްސީ ބަކުމް އެވެ. ރޭ ކުޅުނު މުބާރާތުގެ ފައިނަލު މެޗުން އެފްސީ ބަކުމް މޮޅުވީ 6-3 ލަނޑުންނެވެ. މި މެޗުގައި އެފްސީ ބަކުމްއަށް އާދަމް މިނާފް ހަތަރު ލަނޑު ކާމިޔާބުކޮށްދިން އިރު، އަލީ ޝިނާޒް އާއި އާތިފް މަހްމޫދު، މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ އެފްސީ ބަކުމްއަށް އެއް ލަނޑު ކާމިޔާބުކޮށްދީފަ އެވެ. އެފްޑަބްލިޔުބީ ސްޕޯޓްސްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ޝާހިދު މޫސާ އާއި މޫސާ ސަމާހު އަދި މުހައްމަދު ވިޝާހު އެވެ.
ފައިނަލު މެޗަށް ފަހު، ވަނަވަނައަށް ހޮވުނު ފަރާތްތަކަށް އިނާމު ހަވާލުކޮށްދެއްވީ މެޗުގެ ޝަރަފުވެރި މެހެމާން، ސަން ޓީމު އަދި އެފްއެމްގެ ވައިޑީޕީ ކޯޗު މުހައްމަދު މައުމޫނެވެ.
މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް އެފްސީ ބަކުމްގެ އަލީ ޝިނާޒް ހޮވުނު އިރު، މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށް ހޮވުނީ އެ ޓީމުގެ މުހައްމަދު މިނާފެވެ. މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި އެފްސީ ބަކުމް އާއި، ރަނަރަޕް މަގާމު ހޯދި އެފްޑަބްލިޔުބީ ސްޕޯޓްސް އަދި ތިންވަނަ ހޯދި ހައުސް ކީޕިންގް ޓީމަށް ވެސް އިނާމު ވަނީ އިނާމު ހަވާލުކޮށްފައެވެ. އަދި މުބާރާތުގެ ފެއާ ޕްލޭ ޓީމަކަށް ހޮވުނީ އެފްސީ ފޯކް އެންޑް ނައިފް އެވެ.
މި މުބާރާތާ ބެހޭގޮތުން 'ސަން' އަށް މައުލޫމާތު ދެއްވަމުން ވިލުރީފް ރިސޯޓުގެ ހިއުމަން ރިސޯސް މެނޭޖަރު މުހައްމަދު ޝާހިދު ވަނީ ސްޓާފް ރެކްރިއޭޝަނާއި މުވައްޒަފުންގެ މޯޓިވޭޝަން އިތުރުކޮށްދެއްވުމަށް ރިސޯޓްގެ ޗެއާމަން އަދި މެނޭޖިންގް ޑިރެކްޓަރު އަހްމަދު ސިޔާމް މުހައްމަދު ކުރައްވާ މަސައްކަތް ފާހަގަކޮށް، މުވައްޒަފުންގެ ނަމުގައި ސިޔާމްއަށް ވަރަށް ހާއްސަ ޝުކުރެއް އަދާކޮށްފަ އެވެ. އަދި މުވައްޒަފުންނާ ގެންގުޅުއްވާ ގާތްކަމަށްޓަކައި ވިލުރީފް ރިސޯޓް ހިންގުމާ ހަވާލުވެ ހުންނެވި އެ ރިސޯޓްގެ އެސިސްޓަންޓް ޑިރެކްޓާ އޮފް އޮޕަރޭޝަންސް އަލީ ޔޫސުފަށް ވެސް ޝާހިދު ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.
ވިލު ރީފް ރިސޯޓްގެ މެނޭޖްމަންޓާއި އެޗްއާރު ޑިޕާޓްމަންޓުން ހިންގައި، އިންތިޒާމުކުރި މި ފުޓްސަލް މުބާރާތް އިއްޔެ ނިމުނު އިރު، މިދިޔަ އަހަރު ވެސް މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކޮށް ގުޅުން ބަދަހިކުރުމުގެ މަގުސަދުގައި އެ ރިސޯޓުން ވަނީ ފުޓްސަލް މުބާރާތެއް ބާއްވައިފަ އެވެ.