26 Jul 2014, 13:56
އިސްރާއީލުގެ ލާއިންސާނީ ހަމަލާތަކުން ފަލަސްތީނުގެ ޣައްޒާގެ ފެނާއި ނަރުދަމާ ނިޒާމަށް ގެއްލުން ލިބި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ޣައްޒާއިން ބޯފެން ހުސްވާނެކަމަށް އިންޓަނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސް (އައިސީއާރްސީ) އިން ބުނެފިއެވެ.
އައިސީއާރްސީ އިން ބުނީ ޣައްޒާގެ ފެން ބަލަހައްޓައި ރައްޔިތުންނަށް ފެން ފޯރުކޮށްދިނުމާ ހަވާލުވެގެން ތިބި ކުންފުންޏެއްގެ ގިނަ އަދަދެއްގެ ޓެކްނީޝަނުން ފާއިތުވި ދުވަސްތަކުގައި އިސްރާއީލުގެ ހަމަލާތަކުގައި ޝަހީދުކޮށްލާފައި ކަމަށެވެ. އެކަމުގެ ސަބަބުން ޣައްޒާގެ ފެން ސަޕްލައިކޮށްދޭ ކުންފުނިން ވަނީ އެކުންފުނީގެ މުއައްޒަފުންގެ ސަލާމަތީ ކަންކަން ގެރެންޓީ ނުވާހާ ހިނދަކު އެއްވެސް ޚިދުމަތެއް ނުދޭނެކަމަށް ބުނެފައެވެ.
އައިސީއާރްސީ އިން ބުނިގޮތުގައި ޣައްޒާގައި ހުންނަ ހޮސްޕިޓަލުތަކާއި ރެފިއުޖީ ކޭމްޕްތަކާއި ސްކޫލްތަކުގެ އިތުރުން ޣައްޒާގެ އާންމު ރައްޔިތުން ދިރިއުޅޭ ގެތަކުގައި ކަރަންޓާއި ބޯން ބޭނުންކުރެވޭނެ ފަދަ ސާފު ފެން ހުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ނަމަވެސް އިސްރާއީލުގެ މިސައިލު ހަމަލާތަކުގައި ޣައްޒާގެ ފެނާއި ނަރުދަމާ ނިޒާމު މިހާރު މުޅިން ސުންނާފަތި ކޮށްލާފައި ވާ ކަމަށް ވެސް އައިސީއާރްސީ އިން ބުންޏެވެ.
"ހާހެއްހާ މީހުން މިހާރު ޣައްޒާގައި ތިބީ ފެނަށް ބޭނުންވެފައި. މަދު ދުވަސްކޮޅެއްގެ ތެރޭގައި ޣައްޒާގެ ހުރިހާ އެންމެން ވެސް ތިބެންޖެހޭނީ ފެނަށް ބޭނުންވެފައި" އައިސީއާރްސީގެ އިސްރާއީލު ގޮފީގެ އެންމެ އިސް މަގާމުގައި ހުންނަ ޖާކް ޑި މާއިއޯ ވިދާޅުވިއެވެ.
އައިސީއާރްސީ އިން ބުނިގޮތުގައި އިސްރާއީލްގެ ހަމަލާތައް ހުއްޓާނުލައިފިނަމަ ޣައްޒާ އިން ފެން ހުސްވެ، ޣައްޒާގެ ނަރުދަމާ ނިޒާމު މުޅިން ހަލާކުވެ މިހާރު ހުރި ފެންވެސް ނަޖިސްވެ އޭގެ ސަބަބުން ތަފާތު ބަލިތައް އާންމު ވުމުގެ ބިރު އެބައޮތެވެ.
"ޣައްޒާގައި ބޯފެނުގެ ނިޒާމު ހަލާކުވަމުން އަންނަތާ މިހާރު އަހަރުތަކެއް ވެއްޖެ. ނަމަވެސް ހުއްޓުމެއް ނެތި އިސްރާއީލުން ދެމުންދާ ހަމަލާތަކުން ޣައްޒާގެ ފެނުގެ ނިޒާމު ވަނީ އެއްކޮށް ފޫއަޅުވާލައި ހަލާކުކޮށްލާފައި. ޣައްޒާގެ ނަރުދަމާ ނިޒާމު ހަލާކުވެ ސާފުކޮށް ހުރި ފެންވެސް މިހާރު ދަނީ ނަޖިސްވަމުން. އޭގެ ސަބަބުން ގިނަ އަދަދެއްގެ ބަލިތަކެއް އާންމުވުމަކީ އެކަށީގެންވާ ކަމެއް." އައިސީއާރްސީގެ ފެނާއި ފެން ސާފުކުރުމުގެ އެކްސްޕާޓެއް ކަމަށްވާ ގުއިލޯމް ޕިއެރްހަމްބާޓް ވިދާޅުވިއެވެ.