26 Jul 2014, 12:52
ވ. ރަކީދޫ ކައުންސިލް އިދާރާގެ ތިޖޫރި ފަޅާލައި މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގި މައްސަލައާ ގުޅިގެން ހައްޔަރު ކުރި ދެ މީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި އެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރު ކުރި އުމުރުން 40 އަހަރުގެ މީހާ ކޯޓުން ދޫކޮށްލާފައިވާ ކަމަށެވެ. ސަން އަށް އެނގިފައިވާ ގޮތުގައި ކޯޓުން ދޫކޮށްލި 40 އަހަރުގެ މީހާއަކީ ރަކީދޫ ކައުންސިލްގެ މެމްބަރެކެވެ. އޭނާ ހައްޔަރު ކުރީ މި މަހުގެ ދެ ވަނަ ދުވަހު އެވެ.
ތިޖޫރީ ފަޅާލި މައްސަލައިގައި އެކަކު ދޫކޮށްލާފައިވާ އިރު، އެ މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށުގައި މިހާރު ތިބީ ތިން މީހުން ނެވެ.
އެ ތިން މީހުންގެ ތެރެއިން 22 އަހަރުގެ މީހާ އާއި 25 އަހަރުގެ މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފައި ވަނީ މިމަހުގެ 14 ވަނަ ދުވަހު އެވެ.
އަދި އެ މައްސަލައިގައި ހައްޔަރު ކުރި 24 އަހަރުގެ މީހާގެ ބަންދުގެ މުއްދަތު ބުރާސްފަތި ދުވަހު ވަނީ އިތުރުކޮށްފަ އެވެ.