ފުރަތަމަ ފަހަށް ކުދި ކުށްތަކަށް އަރައިގެންފައިވާ ޒުވާނުންގެ މައްޗަށް ދައުވާ ނުކޮށް ދޫކޮށްލާނެ އުސޫލެއް ގާއިމުކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނަރަލް އަރިހުގައި އެދިވަޑައިގެންފައިވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުދާނުގައި ރޭ ބޭއްވި ރަސްމިޔާތުގައި ރައީސް ޔާމީން ވިދާޅުވީ ފުރަތަމަ ފަހަރަށް ކުދި ކުށްތަކުގައި ދައުވާ އުފުލިފައި ތިބި ޒުވާނުންގެ މައްސަލަތަކާއި ދައުވާ ކުރަން ހުށަހެޅޭ މައްސަލަތަކުގައި ޒުވާނުން ދޫކޮށްލެވޭނީ ދެ ފަރާތުގައި ވެވޭ އެއްބަސްވުމެއްގެ ދަށުން ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ފުރަތަމަ ފަހަށް ކުދި ކުށްތަކަށް އަރައިގެންފައިވާ ޒުވާނުންގެ މައްޗަށް ދައުވާ ނުކޮށް ދޫކޮށްލުމުގެ ބޭނުމަކީ ޒުވާނުންނަށް އިތުރު ފުރުސަތެއް ދިނުން ކަމަށެވެ.

"ޒުވާނުންނަށް އިތުރު ފުރުޞަތެއް ދިނުމުގެ ބޭނުމުގައި، ކުދި ކުށްތަކުގައި ދަޢުވާ އުފުލިފައި ތިބި ޒުވާނުންނާއި ދަޢުވާ އުފުލުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހެޅިފައި ހުރި މައްސަލަތަކުގައި، ފުރަތަމަ ފަހަރަށް ކުށަށް އަރައިގަނެވިފައިވާ ޒުވާނުންނާ އެކު ވެވޭ އެއްބަސްވުމެއްގެ ދަށުން، ދަޢުވާނުކޮށް ދޫކޮށްލުމުގެ އުޞޫލެއް ޤާއިމުކޮށްދިނުމަށް އަޅުގަނޑު މިހާރު ވާނީ ޕްރޮސެކިއުޓާ ޖެނެރަލް އަރިހުގައި ދަންނަވާފައި،" ރައީސް ވިދާޅުވި އެވެ.

އޭގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ ތަފާތު 4000 މައްސަލައެއްގައި ތުހުމަތު ކުރެވިފައިވާ 3588 ޒުވާނުންގެ ކުށުގެ ރެކޯޑުތައް ސާފުކޮށް ނިމިފައިވާ ކަމަށެވެ. އެއީ އެމަނިކުފާނު ވެރިކަމާ ހަވާލުވަޑައިގެންނެވި ފަހުން ކުށުގެ ރެކޯޑް ސާފްކޮށްދީފައިވާ ޒުވާނުންގެ އަދަދު ކަމަށާއި އެ މީހުންގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތަކަށް މިހާރު ވާނީ ގޮތެއް ނމިފައިކަން އެމަނިކުފާނު ފާހަގަކުރެއްވެވި އެވެ.


"އަޅުގަނޑު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމާ ޙަވާލުވި ދުވަހުން ފެށިގެން މިއަދާ ހަމައަށް ތަފާތު 4000 މައްސަލައިގައި ތުހުމަތު ކުރެވިފައިވާ 3588 ޒުވާނުންގެ ކުށުގެ ރެކޯޑުތައް ވަނީ ސާފުކޮށް ނިމިފައި. މިދެންނެވި ޒުވާނުންގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލަތަކާ މެދު މިހާރު ވަނީ ގޮތެއް ނިންމިފައި،" އެމަނިކުފާނު ވިދާޅުވި އެވެ.

ރާއްޖޭގެ 49 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ގައުމާއި މުހާތަބު ކުރައްވާ ރައީސް ޔާމީން ރޭ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ އަޒުމަކީ ދިވެހި މުޖުތަމައަކީ ސުލަހަވެރި ތަހުޒީބު މުޖުތަމުއަކަށް ހެދުން ކަމަށެވެ. ހަމައެޔާ އެކު ރާއްޖޭގެ ރައްޔިތުންނަކީ މިއަދު ދުނިޔެ ދެކެމުންދާ ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތަކުގެ ބޭނުން ފުރިހަމައަށް ހިފާ ބަޔަކަށްވުން ކަމަށް ވިދާޅުވި އެވެ.