26 Jul 2014, 12:29
ފަލަސްތީންގެ އާންމުންނާއި ކުޑަކުދިން އަދި އަންހެނުންނަށް ބެލުމެއް ނެތި އިޒްރޭލުން ދެމުންގެންދާ ހަމަލާތަކުގައި އިޒުރޭލުން ޝަހީދުކޮށްލި މާބަނޑު މީހެއްގެ ބަނޑުން ކުއްޖަކު ސަލަމާތްކޮށްފި އެވެ.
ބީބީސީ އިން އިއްޔެ ބުނީ އެ ކުއްޖާ ސަލާމަތް ކުރީ، އެ ކުއްޖާގެ މަންމަގެ ފުރާނަ ނެތް ހަށިގަނޑުން ކަމަށާއި ކުއްޖާ ނެގީ އިމަޖެންސީ ސިޒޭރިއަންއެއް ހެދުމަށް ފަހު ކަމަށެވެ. އޭރު އެކުއްޖާ އަށް އަދި ދުވަސް ފުރުމަށް ދެ ހަފުތާ އޮތް ކަަމަށެވެ.
ޑޮކްޓަރުން ބުނީ އެ ކުއްޖާ ދިރިހުރުމަށް އޮތީ ފަންސާސް ފަންސާހުގެ ފުރުސަތެއް ކަމަށެވެ.
އިސްރާއީލުން ބުނަނީ އެ ގައުމުން ފަލަސްތީނަށް ދޭ ހަމަލާތަކަކީ އާންމުންނަށް ދޭ ހަމަލާތަކެއް ނޫން ކަމަށެވެ. ނަމަވެސް އިއްޔެގެ ހާދިސާގައި ވެސް މާބަނޑު މީހަކު ޝަހީދުކޮށްލުމުން އެކަން އޮތީ އެހެން ނޫން ކަމަށް ބީބީސީ އިން ސިފަ ކުރި އެވެ.
ބީބީސީ އިން އިއްޔެ ބުނީ އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް މި މަހު 8 ވަނަ ދުވަހު ފެއްޓި އުދުވާނުގައި މިހާތަނަށް ފަލަސްތީންގެ 800 މީހަކު ޝަހީދުކޮށްލާފައިވާ ކަމަށެވެ. ހަމާސްގެ ހަމަލާތަކުގައި އިޒްރާއީލުން މަރުވެފައި ވަނީ 36 މީހުން ކަމަށް ބީބީސީ އިން ބުންޏެވެ.