ޗައިނާގެ ސިޓީއެއް ކަމަށްވާ ޒިއެންޖިއަންގް ޕްރޮވިންސްގެ އުތުރުގައި ހުންނަ ފެހި ކުލައިގެ ކޯރުގެ ފެންގަނޑު ގަދަ ރަތް ކުލައަކަށް ބަދަލުވެއްޖެއެވެ.

އެކޯރުގެ ކައިރީގައި ދިރިއުޅޭ މީހުން ބުނި ގޮތުގައި އެކޯރު ފެހި ކުލައިން ގަދަ ރަތް ކުލައަކަށް ބަދަލުވެގެން ދިޔައީ އެންމެ ގަޑިއިރެއްގެ ތެރޭގައެވެ.

އެމީހުން ބުނި ގޮތުގައި ބެއިޖިންގްގެ ގަޑިން ހެނދުނު ފަހެއް ޖެހިއިރު އެކޯރު އޮތީ ފެހި ކުލައިގައެވެ. ނަމަވެސް އޭގެ ގަޑިއެއްހާއިރު ފަހުން އާދަޔާ ޚިލާފު ވަހެއް ދުވުމަށްފަހު އެކޯރުގެ ކުލަ ބަދަލުވީ ކަމަށް އޭބީސީ ނިއުސްއަށް މައުލޫމާތު ދެމުން އެކޯރު ކައިރީގައި ދިރިއުޅޭ މީހަކު ބުންޏެވެ. ހަމަ އެދުވަހުގެ ހަވީރު ފަހެއް ޖެހި އިރު އެކޯރުގެ ކުލަ އަނެއްކާވެސް ވަނީ ކުރިން އޮތް ފެހި ކުލައަށް ބަދަލުވެފައެވެ.

އެއަވަށުގެ ތިމާވެށި ހިމާޔަތް ކުރުމަށް ހަދާފައިވާ ޖަމްއިއްޔާ އެއް ކަމަށްވާ ވެންޒޫ އެންވާރަމެންޓަލް ޕްރޮޓެކްޝަން ބިއުރޯ އިން ދަނީ އެކޯރުގެ ފެންގަނޑު ކުއްލިގޮތަކަށް ރަތް ކުލައަށް ބަދަލުވާންވީ ސަބަބު ތަހުގީގުކުރަމުން ކަމަށް އެނޫހުން ބުންޏެވެ.

އެ ޖަމްއިއްޔާއިން ބުނާގޮތުގައި އެކޯރުގެ ކުލަ ބަދަލުވީ އާޓިފިޝަލް ކަލަރިންގް (ހަދާފައިވާ ކުލަ ނުވަތަ ޑައި) އެޅުމުންނެވެ. އަދި އެކުލަ އެޅި މީހަކު ހީކުރާނީ ކުލައެޅިކަމުގައި ވިޔަސް އިއްޔެ އައި ތޫފާނުގެ ސަބަބުން އެކަން މީހަކަށް ނޭނގޭނެ ކަމުގައި ކަމަށް އެ ޖަމްއިއްޔާއިން ބުންޏެވެ.

"އަޅުގަނޑުމެން ޝައްކުކުރާގޮތުގައި ކޮންމެވެސް މީހަކު ކޯރަށް އާޓިފިޝަލް ކަލަރިންގް އެޅީ އަދި އެމީހަކު ހީކުރީ އިއްޔެ އައި ތޫފާނު ނިމުމުން ބޯކޮށް ވާރޭވެހި އެއްވެސް މީހަކަށް ކުލައެޅި ކަން ފާހަގަނުވާނޭ ކަމަށް. ނަމަވެސް އިއްޔެ ވާރޭ ނުވެހުމުގެ ސަބަބުން ކުލަ އެޅިކަމުގެ ހެކި ފެންނަން އެހުރީ" ވެންޒޫ އެންވާރަމެންޓަލް ޕްރޮޓެކްޝަން ބިއުރޯގެ ޗީފް ޒިއާއޯ ޗައިނާ ނިއުސްއަސް ބުންޏެވެ.

ވެންޒޫ އެންވާރަމެންޓަލް ޕްރޮޓެކްޝަން ބިއުރޯގެ ޗީފް، ޒިއާއޯ ވިދާޅުވީ އެކޯރު ހުރި ސަރަހައްދުގައި ކަރުދާސް އުފައްދާ ކުންފުންޏަކާއި ކާކުލަ އުފައްދާ ކުންފުންޏެއްގެ އިތުރުން ފޮތި ހަދާ ކުންފުންޏެއް ވެސް ހުންނަ ކަމަށާއި އެއީ ހުސް އާޓިފިޝަލް ކުލަ ބޭނުންކުރާނެ ކުންފުނިތަކެއް ކަމަށެވެ.