26 Jul 2014, 12:12
މިހާރުގެ ސަރުކާރުން އިއުލާނު ކޮށްފައިވާ ފަޅުރަށްތަކުގައި ދިވެހި އިންވެސްޓަރުން ގެސްޓް ހައުސް އަޅައިގެން، ޓޫރިސްޓް ވިޔަފާރި ކުރުމުގެ މަޝްރޫއު، "ގެސްޓް ހައުސް އައިލެންޑް ޕްރޮޖެކްޓް"ގެ ދަށުން ތަރައްގީ ކުރާ ލ. ތުނބުރީގެ 20 ބްލޮކުސް ތަރައްގީ ކުރާނެ ފަރާތެއް ހޯދުމަށް އިއުލާން ކުރުމުން 45 ފަރާތަކުން ބިޑް ފޮތްގަނެފި އެވެ.
މޯލްޑިވްސް މާކެޓިން ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެނޭޖިން ޑިރެކްޓާ އަބުދުﷲ ޒިޔަތު މިއަދު ސަން އަށް ވިދާޅުވީ އެ 20 ބްލޮކުސް ތައްޔާރުކުރުމަށް 45 ފަރާތަކުން ބިޑް ފޮތް ގަނެފައިވާ އިރު "މިއީ އުންމީދު ކުރިވަރަށް ވުރެ ވެސް ބޮޑު ތަރުހީބެއް" ކަމަށެވެ.
ފުރަތަމަ އިއުލާން ކުރި 20 ބުލޮކުސް ތެރޭގައި ހިމެނެނީ 5000 އަކަފޫޓްގެ ބިމާއި 10000 އަކަފޫޓްގެ ބިންތަކެވެ. އެ 20 ބްލޮކުސް އަށް ބިޑް ފޮތް ވިއްކުން ނިންމާލާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
ޒިޔަތު އިތުރަށް ވިދާޅުވީ މައުލޫމާތު ދިނުމުގެ ސެޝަން ވެސް މިހާރު ބާއްވާފައިވާ އިރު އެކަމަށް ވެސް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ.
ތުނބުރިއަކީ 150 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ.
އެ ރަށް ތަރައްގީ ކުރަނީ ދިވެހި މެދު ފަންތީގެ ވިޔަފާރިންތަކަށް ފުރުސަތު ދީގެންނެވެ. އެޕުރޮޖެކްޓްގެ ދަށުން އެ ރަށުގެ އެކިއެކި ސަރަހައްދުތަކުގައި އިންވެސްޓް ކުރުމުގެ ފުރުސަތު ދެނީ ތަފާތު އެކިއެކި ކުންފުނިތަކަށެވެ. އަދި އެ މަޝްރޫއުގެ ދަށުން ޓޫރިޒަމް ދާއިރާގައި މިހާރު ބޮޑެތި އިންވެސްޓްތައް ނުކުރާ ކުންފުނިތަކަށް އިސްކަންދެ އެވެ. އެ ޕްރޮޖެކްޓްގެ ދަށުން ތުނބުރީގައި 2100 އެނދު ތަރައްގީ ކުރެވޭއިރު އެ ރަށުން 4000 އަށް ވުރެ ގިނަ ވަޒީފާ އުފެދޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީ އިން ބުންޏެވެ.