އަރަބިއްޔާ މައްސަލައާ ގުޅިގެން ސަރުކާރާއި ސިޔާސީ ޕާޓީތަކުގެ އިސްވެރިންނާ އަރަބިއްޔާގެ ސްޓިއަރިން ކޮމެޓީން ބައްދަލު ކުރަން ފަށައިފި އެވެ.

މިފަރާތްތަކާ ބައްދަލުކޮށް މަޝްވަރާ ކުރަމުންދަނީ ސިޔާސީ ގޮތުންނާއި ޤާނޫނީ ގޮތުން އަރަބިއްޔާ މައްސަލައިގައި އެހީތެރިކަން ހޯދުމުގެ ގޮތުންނެވެ.

އަރަބިއްޔާ ބެލެނިވެރިންގެ ކޮމެޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިދިޔަ ހަފުތާގައި އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ އާއި ބައްދަލު ކޮށްފައިވާ ކަމަށާއި އެ ބައްދަލުވުމުގައި މި މައްސަލައިގައި އެހީތެރި ވެދެއްވާނެ ކަމަށާއި ބެލެނިވެރިންގެ ކަންބޮޑުވުން ރައީސް މުހައްމަދު ނަޝީދަށް ދަންނަވައިދޭނެ ކަމަށް މިނިސްޓަރު ވިދާޅުވި ކަމަށެވެ.

ބެލެނެވެރިން ބުނާ ގޮތުން މިމަހު 10 ވަނަ ދުވަހު ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ އާއިވެސް އެ ކޮމެޓީ ބައްދަލު ކުރި އެވެ. އަދި ބުނެފައި ވަނީ މަޖިލީހުގެ ތެރެއިންނާއި މިމައްސަލައިގައި ބާރު އަޅައި ދެއްވާނެ ކަމަށް ތަސްމީނު ވެސް ވިދާޅުވި ކަމަށެވެ. މީގެ އިތުރުން ބަޔާން ބުނާ ގޮތުން އެ ފަރާތުން ވަނީ ޕީއޭގެ އިސް ވެރިންނާ ވެސް ބައްދަލުކޮށްފަ އެވެ.

އަރަބިއްޔާގެ ބެލެނިވެރިން މިހާރު މަޝްވަރާ ކުރަމުންދަނީ އަރަބިއްޔާގެ މައްސަލަ ވަކި ގޮތަކަށް ހަމަ ނުޖެހެނީސް އަރަބިއްޔާ ހުރި ބިމުގައި ސަރުކާރުން އެހެން އިމާރާތެއްގެ ބިންގާ އަޅަން އުޅޭތީ އެކަމާ ދެކޮޅަށް ގައުމީ ފެންވަރުގެ މުޒާހަރާތަކެއް ކުރުމަށް ކަމަށް ބަޔާނުގައި ވެއެވެ.

މުޒާހަރާގެ ކުޑަބޮޑުމިން ކަނޑަ އެޅޭނީ ސިވިލް ކޯޓަށް ވައްދާފައިވާ އަރަބިއްޔާގެ މައްސަލައިގެ އަޑުއެހުންތައް އޮންނަ ނިސްބަތަކަށް ބެލުމަށްފަހު ކަމަށް އެ ކޮމެޓީން ވަނީ ބުނެފަ އެވެ.

އަރަބިއްޔާ ސްކޫލުގެ މައްސަލަ ސިވިލް ކޯޓަށް ވައްދާފައިވަނީ މިދިޔަ އަހަރުގެ ޑިސެންބަރު މަހު ފަހުކޮޅު އެވެ.
އަރަބިއްޔާ ސްކޫލުގެ އިމާރާތް ކުރިން ހުރި ބިމުގައި އައު އިމާރާތެއް އެޅުމުގެ ބަދަލުގައި އަރަބިއްޔާ ސްކޫލު ކުދިން ކުރީގެ އީޕީއެއްސް ސްކޫލަށް ބަދަލުކުރުމުގެ ސަބަބުން އަރަބިއްޔާ ސްކޫލްގެ ކުދިންނަށް ޖާގައިގެ ދަތިކަން ބޮޑުވެފައިވާ ކަމަށް ބުނެ އަރަބިއްޔާ ސްކޫލުގެ ބެލެނިވެރިންނާއި ބައެއް ސިޔާސީ ޕާޓީތަކުން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. އަރަބިއްޔާ ސްކޫލަށް މިއަހަރު އަލަށް ވެއްދިފައިވަނީ އެންމެ 30 ކުދިންނެވެ.