19:00


ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްގެ ދަށުން ސަރުކާރުން ވިޔަފާރީގެ އުޞޫލުން ހުޅުވައިލާ ކަންކަމުގައި، ބައިނަލްއަޤްވާމީ ފަރާތްތަކާ ވާދަކޮށްގެން، ދިވެހި ވިޔަފާރިވެރިންނަށް ކުރި ނުހޯދޭންވީ ހަމަ އެއްވެސް ސަބަބެއް ނެތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.


ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން، ސީ.އެޗް.އެސް.ސީ އެނެކްސް، ވިލާ ކޮލެޖާ ޙަވާލުކުރެއްވުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކަމަށް ރައީސް އޮފީހުގެ ވެބްސައިޓްގައިވެ އެވެ. މިއެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ މުޞްޠަފާ ލުޠުފީ އެވެ. ވިލާ ކޮލެޖުގެ ފަރާތުން ސޮއިކުރެއްވީ، އެ ކޮލެޖުގެ ރެކްޓަރ ޑޮކްޓަރ އަޙްމަދު އަންވަރެވެ.


މިކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި އެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ވިލާ ކޮލެޖަށް މިފުރްޞަތު ލިބިފައިވަނީ، ބައިނަލްއަޤްވާމީ ފަރާތްތަކާ ވާދަކޮށްގެން ކަމަށާއި، އެއްވެސް ޙާލެއްގައި ޕްރައިވަޓައިޒޭޝަން ކޮމިޓީއިން ވިލާ ކޮލެޖަށް ކުޑަވެސް ދުލެއް ދީގެން ނޫން ކަމުގައި ވިދާޅުވި އެވެ. އަދި އަމިއްލަ ފަރާތްތައް ބައިވެރިކުރައްވައިގެން ހިންގެވެން ހުރި ގިނަ ކަންކަން އަމިއްލަ ފަރާތްތަކަށް ދޫކުރައްވައިގެން ހިންގެވުމަކީ، ރާއްޖޭގެ ރައްޔިތުންނަށާއި، ރާއްޖޭގެ ތަރައްޤީއަށް އަދި ސަރުކާރަށްވެސް ނުހަނު ފައިދާހުރި ގޮތެއްކަން ބަޔާންކުރައްވަމުން، ސަރުކާރުގެ އަމާޒަކީ ސަރުކާރުން ކުރާ ޚަރަދަށް ރަނގަޅު ފައިދާއެއް، ރަނގަޅު ޚިދްމަތެއް ލިބުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.


މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ސީ.އެޗް.އެސް.ސީ އެނެކްސްގައި މިހާރު ކިޔަވަމުންދާ 800 ކުދިންގެ ފީ، ވިލާ ކޮލެޖަށް ސަރުކާރުން ދައްކައިދޭނެ ކަމަށާއި، ސީ.އެޗް.އެސް.ސީ. އެނެކްސްގެ ގްރޭޑް 11 އަށް އަލަށް ވަންނަން ބޭނުންވާ ކުދިންނަށް އަންނަ އަހަރުވެސް ސަރުކާރުން އެހީއެއް ދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.


ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޤައުމެއް ތަރައްޤީވެދިއުމަށް ބޭނުންވާ އެންމެ މުހިންމު ވަސީލަތަކީ، ތަޢްލީމުކަން ބަޔާންކުރައްވަމުން، ތަރައްޤީ މިނަނީކީއެއް ރަށްރަށަށް އަޅާ ކޮންކްރީޓްގެ ޢަދަދަކުން ނޫން ކަމުގައި ވިދާޅުވި އެވެ. ޙަޤީޤީ ތަރައްޤީއަކީ އަޅުގަނޑުމެންގެ ސިކުނޑީގެ ތަރައްޤީ ކަމަށާއި، ތަންދޮރު އެނގުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.


ސީ.އެޗް.އެސް.ސީ އެނެކްސް މިހާރު ހިންގާ އުޞޫލުން ސަރުކާރުން ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި، މަދުވެގެން މިބާވަތުގެ އަށް މަދަރުސާ ރާއްޖެއަށް ތަޢާރުފު ކުރަން އަމާޒު ކޮށްފައިވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވި އެވެ. އަދި ވިލާ ކޮލެޖުގެ ބާނީ ޤާސިމް އިބްރާހީމް، ދިވެހި މުޖްތަމަޢަށް ކޮށްދެއްވަމުން ގެންދަވާ ޚިދްމަތްތައް ފާހަގަކުރައްވައި، އޭނާއަށް ވަރަށް އިޚްލާޞްތެރިކަމާއެކު ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވި އެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި، ޤާސިމް އިބްރާހީމަކީ އަބަދުވެސް މި ދިވެހި މުޖްތަމަޢުގައި އެހެން ބޭބޭފުޅުންނަށްވުރެ ދެތިން ފިޔަވަޅު ކުރީގައި ހުންނަވާ ބޭފުޅެކެވެ.


ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި އެ ރަސްމިއްޔާތު ތަޢާރުފު ކުރެއްވުމުގެ ގޮތުން ވާހަކަފުޅު ދެއްކެވީ، ޕްރައިވަޓައިޒް ކޮމިޓީގެ ޗެއަރމަން، މިނިސްޓަރ އޮފް ސިވިލްއޭވިއޭޝަން އެންޑް ކޮމިއުނިކޭޝަން މަޙްމޫދު ރާޒީ އެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ މުޞްޠަފާ ލުޠުފީއާއި، ވިލާ ކޮލެޖުގެ ރެކްޓަރ ޑޮކްޓަރ އަޙްމަދު އަންވަރުވެސް ވާހަކަފުޅު ދެއްކެވި އެވެ.