ޣައްޒާ (ޖުލައި 26) : އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ހިންގާ އުދުވާނުގައި އިއްޔެ އެކަނި ވެސް ފަލަސްތީނުގެ 100 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާ އިރު އިސްރާއީލު ސިފައިންގެ 10 މީހުން އިއްޔެ މަރާލާފައިވާނެ ކަމަށް ޙަމާސް ޖަމާއަތުން ބުނެފި އެވެ.

ޙަމާސްގެ ޢަސްކަރީ ގޮފިކަމަށްވާ އިއްޒުއްދީން އަލްގައްސާމް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޣައްޒާގެ ބައިތު ޙާނޫންގައި އިސްރާއީލުގެ އެއްގަމު ސިފައިންގެ ޔުނިޓެއް ދަންތުރައެއްގައި ޖައްސައި އޭގެ ތެރެއިން 10 މީހުން މަރާލެވުނު ކަމުގައެވެ. މި 10 މީހުންނާ އެކު އިސްރާއީލު ސިފައިންގެ 60 މީހުން މިހާތަނަށް މަރާލާފައިވާނެ ކަމަށް ވެސް އިއްޒުއްދީން އަލްގައްސާމްގެ ބަޔާން ބުނެ އެވެ. އިސްރާއީލުން ބުނެފައި ވަނީ ބައިތު ޙާނޫންގައި އިއްޔެ މަރުވެފައި ވަނީ އެގައުމުގެ ސިފައިންގެ އެންމެ މީހެއް ކަމަށާއި މިހާތަނަށް ޣައްޒާގައި މަރުވެފައި ވަނީ އިސްރާއީލު ސިފައިންގެ 35 މީހުން ކަމުގަ އެވެ.

އަނެއްކޮޅުން އިސްރާއީލުން ވަނީ ފަލަސްތީނުގެ ހިފާފައިވާ އަނެއް ސަރަހައްދު ކަމަށްވާ ހުޅަނގު އައްސޭރިން ވެސް ފަލަސްތީނުގެ ތިން މީހުން އިއްޔެ ޝަހީދުކޮށްލާފަ އެވެ. މިދިޔަ ބުރާސްފަތި ދުވަހު ވެސް އިސްރާއީލު ސިފައިން ހުޅަނގު އައްސޭރީގެ ޖެނީން އިން ހަ މީހުން ޝަހީދުކޮށްލާފައިވެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން ހުޅަނގު އައްސޭރީގެ ރައްޔިތުން ވެސް ގެންދަނީ އިސްރާއީލުގެ އަނިޔާވެރިކަމާއި އިސްތިއްމާރާއި އަދި އަޅުވެތިކަމާ ދެކޮޅަށް ތެދުވާން ފަށާފަ އެވެ. ހުޅަނގު އައްސޭރީގެ ރައްޔިތުންގެ މިތެދުވުން އިންތިފާޟާ އަކަށް ބަދަލުވެގެން ދިޔުމުގެ ފުރްސަތު ބޮޑުވަމުންދާއިރު އިސްރާއީލު އިސްތިއްމާރުން ސަލާމަތް ވުމަށް ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ލެއިން ކުރަމުންގެންދާ ހައްގު ޖިހާދު ކުރިޔަށްވުރެ ވެސް ބޮޑަށް މިހާރު ދުނިޔެއަށް ހާމަވާން ފަށާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މިއާއެކު ކުށްވެރި އަނިޔާވެރި އަދި އިންސާނިއްޔަތާ ޚިލާފު އަނިޔާވެރި އަމަލުތައް ފުޅާދާއިރާއެއްގައި ހިންގަމުންގެންދާކުށްވެރި ނުކިޔަމަންތެރި ގައުމެއްގެ ގޮތުގައި ބައިނަލްއަގްވާމީ މުޖްތަމައަށް އިސްރާއީލު ސިފަވަމުންދާ ކަމަށް މުރާސިލުން ބުނެ އެވެ. (އަލްޖަޒީރާ)