ތައިލެންޑުގެ އުތުރުގައި އޮންނަ އަވަށެއް ކަމަށްވާ ޔާލާ ޕްރޮވިންސްގައި އިއްޔެ ހިނގި ބޮންގޮއްވުމުގެ ހާދިސާއެއްގައި ދެ މީހުން މަރުވެ 36 އަށް ވުރެ ގިނަ މީހުން ޒަޚަމްވެއްޖެ އެވެ.

އަލްޖަޒީރާ އަށް މައުލޫމާތު ދެމުން ތައިލޭންޑުގެ ޔާލާ ޕްރޮވިންސްގެ ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ ބޮން ހަރުކޮށްފައި ހުރީ އެ އަވަށުގެ ހޮޓަލެއް ކުރިމަތީގައި ހުރި ލޮރީއެއްގައި ކަމަށާއި އެހަމަލާ ދިނީ އެއަވަށުގައި އުޅޭ ތައިލެންޑުގެ އަސްކަރިއްޔާއާ ޚިޔާލުތަފާތުވެފައިވާ މުސްލިމް ޖަމާއަތަކުން ކަމަށެވެ.

"ބޮން ފޮރުވާފައި ހުރީ ޔާލާ ޕްރޮވިންސްގެ ބޭޓޯންގް ޑިސްޓްރިކްޓްގައި ހުންނަ ހޮޓެލް ހޮލިޑޭ ކުރިމަތީގައި ޕާކުކޮށްފައި ހުރި ލޮރީއެއްގައި،" ޔާލާ ޕްރޮވިންސް ފުލުހުންގެ އޮފިޝަލަކު ވިދާޅުވި އެވެ.

ބޮންގޮއްވި ކަމަށް ތުހުމަތުކުރެވޭ އެ އަވަށުގެ ބައިގިނަ މުސްލިމް ޖަމާއަތުގެ އެންމެ ބޮޑު ޝަކުވާ އަކީ ތައިލެންޑްގެ އަސްކަރިއްޔާއިން އެގައުމުގެ މުސްލިމުންގެ އިންސާނީ ހައްގުތަކަށް އަރައިގަންނަ ކަމާއި އެމީހުންގެ ދީނާއި ސަގާފަތައް ހުރުމަތްތެރިކޮށް ހިތާފައި ނުވާ ކަމެވެ.

ތައިލެންޑުގެ އަސްކަރިއްޔާ އާއި އެގައުމުގެ މުސްލިމުންނާ ދެމެދު އޮންނަ ދާޚިލީ ހަނގުރާމަ ފެށިފައި ވަނީ މީގެ 54 އަހަރު ކުރިން އެގައުމުގެ ސަރުކާރުން މުސްލިމު މަދަރުސާތަކުގައި ކިޔަވައިދިނުން ހުއްޓުވައި ކޮންޓްރޯލު ކުރުމަށް މަސައްކަތްކުރުމުން ކަމަށް މީޑިއާގެ ރިޕޯޓުތައް ބުނެއެވެ.

ނިމުމެއް ނުފެންނަ ތައިލެންޑުގެ ދާޚިލީ ހަނގުރާމަ ވަނީ 2004 ވަނަ އަހަރުން ފެށިގެން ކުރިއަށް ވުރެ ނުރައްކާތެރިވެފައެވެ. ބޮމުގެ ނުވަތަ ބަޑީގެ ހަމަލާއެއް ނުލިބޭ ދުވަހެއް މިހާރަކު ނުދެއެވެ. ޒަމާންވީ އެ ހަމަނުޖެހުންތަކުގައި މިހާތަނަށް މުސްލިމުންނާއި ބުޑިސްޓުންގެ 6000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ އިރު 10،000 އަށް ވުރެ ގިނަ މީހުނަށް ޒަހަމުވެފައިވެ އެވެ.

އެހަމަނުޖެހުންތައް ހުއްޓުވުމަށް ޓަކައި ތައިލެންޑުގެ ސަރުކާރާއި އެގައުމުގެ މުސްލިމުންނާ ދެމެދު ދެކެވެމުން އައި ސުލްހައިގެ ވާހަކަ ވެސް މިދިޔަ އަހަރު ބެންކޮކްގައި ދިމާވި ސިޔާސީ މައްސަލައެއްގައި ވަނީ ހުއްޓާލާފަ އެވެ.