ގައުމީ އެއާލައިން މޯލްޑިވިއަންއިން ސީ ޕްލޭން ދަތުރުތައް އަންނަ މަހުގެ ތެރޭގައި ހއ. އަތޮޅަށް ފެށުމަށް ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މޯލްޑިވިއަންގެ ސީ ޕްލޭން އިން މިހާރު ދަނީ ތ. އަތޮޅަށް ދަތުރުތައް ކުރަމުންނެވެ.

އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލްހާރިޝް ވިދާޅުވީ މޯލްޑިވިއަންގެ ސީ ޕްލޭން ދަތުރުތައް ފުޅާ ކުރުމުގެ ގޮތުން އަންނަ މަހު ހއ. އަތޮޅަށް ސީ ޕްލޭން ދަތުރުތައް ފެށުމަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެ ދަތުރުތަކުގެ ތަފްސީލެއް އަދި ހާމައެއް ނުކުރެ އެވެ.

ހާރިޝް އިތުރަށް ވިދާޅުވީ ރާއްޖޭގެ ރިސޯޓްތަކަށް އެކުންފުނިން ސީ ޕްލޭން ދަތުރުތައް ފެށުމަށް ޓަކައި އެ ރިސޯޓްތަކާއެއްކޮށް ހަދަން ޖެހޭ އެއްބަސްވުންތައް ހެދުމަށް ޓަކައި ތަފާތު މަޝްވަރާތައް ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

މިއަހަރުގެ ތެރޭގައި މޯލްޑިވިއަން އިން އިތުރު ދެ ސީ ޕްލޭން ރާއްޖެ ގެނައުމަށް ނިންމާފައިވާ ކަމަށް ވެސް ހާރިޝް ވަނީ ވިދާޅުވެފަ އެވެ. މޯލްޑިވިއަން އިން މިހާރު ވެސް އޮޕަރޭޝަންގައި ދެ ސީ ޕްލޭން ގެންގުޅެ އެވެ.

މޯލްޑިވިއަންގެ ސީ ޕްލޭންގެ ދަތުރުތަކަށް ބޭނުންކުރަނީ "ޑީއެޗް ސިކްސް ޓްވިން އޮޓާ އެއާކްރާފްޓް"ގެ ފްލައިޓްތަކެވެ.

ގައުމީ އެއާލައިނުން ސީ ޕްލޭންގެ ހިދުމަތް ދިނުމަށް ނިންމައި އެކަމުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ 2013 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.