ޣައްޒާ (ޖުލައި 26): އިސްރާއީލުގެ އުދުވާނުގެ ސަބަބުން ޙާލުގައި ޖެހިފައިވާ ޣައްޒާގެ އެތައް ހާސް ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ފުރްސަތު އދ. އަށް ދިނުމަށްޓަކައި އދ.ގެ އެދުމުގެ މަތިން 12 ގަޑިއިރުވަންދެން ޙަމަލާތައް ބަދަލުކުރުން ހުއްޓާލުމަށް ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ޖަމާއަތްތަކުން އެއްބަސްވެއްޖެ އެވެ.

ޙަމާސް ޖަމާއަތުގެ ތަރްޖަމާން ސާމީ އަބޫޒުހްރީ ވިދާޅުވީ މިއަދު ޣައްޒާގެ ގަޑިން 8 ން ފެށިގެން 12 ގަޑިއިރަށް ޙަމަލާތައް ހުއްޓާލުމަށް ޙަމާސްގެ އަސްކަރީ ގޮފިން ނިންމައި އެކަން އދ. އަށް އަންގާފައިވާނެ ކަމުގަ އެވެ. އިސްލާމިކް ޖިހާދު ޖަމާއަތުން ވެސް ވަނީ ޙަަމަލާތައް ވަގުތީ ގޮތުން ހުއްޓާލުމަށް އެއްބަސްވާ ކަމަށް ބުނެފަ އެވެ. އިސްރާއީލުގެ އަސްކަރީ ތަރްޖަމާނަކު ވެސް ވަނީ 12 ގަޑިއިރަށް ޙަމަލާތައް ހުއްޓާލާނެ ކަން ހާމަކޮށްފަ އެވެ. މީގެ ކުރިން ވެސް ފަސް ގަޑިއިރަށް ޙަމަލާތައް ހުއްޓާލުމަށް އިސްރާއީލުން އެއްބަސްވެފައިވީ ނަމަވެސް އެއާ އެއްގޮތަށް އިސްރާއީލުން އަމަލުކޮށްފައި ނުވާތީ މިފަހަރު ވެސް އިސްރާއީލުން ހަމަލާތައް ހުއްޓާލާނެ ކަމުގެ ގެރެންޓީނެތް ކަމަށް މުރާސިލުން ބުނެ އެވެ.

އިސްރާއީލުގެ އުދުވާން ދާއިމީ ގޮތަކަށް ހުއްޓުވުމާ ބެހޭ ގޮތުން ގަތަރާއި ތުރުކީ އިސްކޮށް އޮވެގެން އެމެރިކާއާއި ޔޫރަޕްގެ އިއްތިޙާދުގެ އިސްވެރިންނާ އިއްޔެ ވަނީ މަޝްވަރާތަކެއްކޮށްފަ އެވެ. މިމަޝްވަރާތަކުގައި ޙަމަލާތައް ހުއްޓާލުމުގެ އިތުރުން ޣައްޒާއާ ދެކޮޅަށް އިސްރާއީލުން އަޅާފައިވާ ޙިސާރުގެ ފިޔަވަޅުތައް ނައްތާލުން ވެސް މިކަމާ ބެހޭ އެއްބަސްވުމުގައި ހިމެނުމަށް ގަަތަރާއި ތުރުކީ ވަކާލާތު ކުރަމުން ގެންދާ ކަމަށް އަލްޖަޒީރާ ބުނެ އެވެ. މިކަމާ ބެހޭ އެއްބަސްވުމެއް ވުޖޫދަށް ގެނެވޭތޯ މަޝްވަރާ ކުރުމަށް ޕެރިހުގައި ބާއްވާ ބައްދަލުވުމަކަށް ޓަކައި ތުރުކީއާއި ގަތަރުގެ ޚާރިޖީ ވަޒީރުން މިއަދު ޕެރިހަށް ވަޑައިގަންނަވާނެ ކަމަށް އަލްޖަޒީރާ ބުނެ އެވެ.

އިސްރާއީލުން ވަނީ ދާއިމީ ގޮތެއްގައި ޙަމަލާތައް ހުއްޓާލުމާއި ފަލަސްތީނުގެ މުޖާހިދުންގެ އަތުގައިވާ ހަތިޔާރުތައް ނިގުޅައިގަތުމާ ގުޅުވާފަ އެވެ. ނަމަވެސް މުޖާހިދުން ވަނީ މިކަމާ ދެކޮޅު ހަދާފަ އެވެ. (އަލްޖަޒީރާ)