26 Jul 2014, 10:39
ލަންޑަން (ޖުލައި 26) : އިސްރާއީލުން ޣައްޒާ އަށް ދެމުން ގެންދާ ޙަމަލާތަކުގައި ގިނަ އަދަދެއްގެ އާންމުން މަރުވަމުންދާތީ ވިލާތުގެ ގައުމުތަކުގެ އާންމުންގެ ތާއީދާއި ހަމްދަރްދީ އިސްރާއީލަށް ގެއްލެމުންދާ ކަމުގެ އިންޒާރު އިނގިރޭސިވިލާތުގެ ޚާރިޖީ ވަޒީރު ފިލިޕް ހާމޮންޑް ދެއްވައިފި އެވެ.
ސްކައި ނިއުޒް ނެޓްވާކަށް ދެއްވި ބަސްދީގަތުމެއްގައި ހާމޮންޑް ވިދާޅުވީ އިސްރާއީލަށް ތާއީދުކުރާ ޔޫރަޕްގެ ގައުމުތަކުގެ އާންމުންގެ ވިސްނުން ޣައްޒާގެ ޙަމަލާތަކާ ގުޅިގެން ވަރަށްބޮޑަށް ބަދަލުވަމުންދާ ކަމަށާ ސޯޝަލް މީޑިޔާގެ ދުވަސްވަރުގައި މިކަން ނުހުއްޓުވޭނެ ކަމުގައެވެ. މިގޮތުން އިސްރާއީލުން ޣައްޒާއަށްދޭ ޙަމަލާތަކުގައި ފަލަސްތީނުގެ ކުޑަކުދިންނާއި އަންހެނުން ގިނައަދަދަކަށް މަރުވެފައިވާ މަންޒަރުތައް ފެންނަމުން ދިޔުމަކީ އިސްރާއީލާ މެދު އާންމުންގެ މެދުގައި ނަފްރަތު އުފައްދާ އަމަލުތަކެއް ކަމަށް އިނގިރޭސި ޚާރިޖީ ވަޒީރު ވިދާޅުވި އެވެ. އަދި މިކަމުގެ ސަބަބުން އިސްރާއީލަށް ވިލާތުގެ އާންމުންގެ ހިތްތައް ގެއްލި ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެ ކަމުގެ އިންޒާރު ވެސް އިނގިރޭސި ޚާރިޖީ ވަޒީރު ދެއްވި އެވެ.
އިސްރާއީލުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ދެމުންގެންދާ އުދުވާނީ ޙަމަލާތައް މައިގަނޑު ގޮތެއްގައި އަމާޒު ކުރަމުންގެންދަނީ ފަލަސްތީނުގެ އާންމުންގެ ގެދޮރަށާއި ހޮސްޕިޓަލްތަކަށާއި ސްކޫލްތަކަށެވެ. މައިގަނޑު ގޮތެއްގައި އިސްރާއީލުން ޝަހީދު ކުރަމުން ގެންދަނީ އާރެއް ބާރެއްނެތް ކުޑަކުދިންނާއި އަންހެނުންނާއި މުސްކުޅިންނެވެ. އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ޙަމަލާތަކުގައި މިހާތަނަށް 886 މީހުން ޝަހީދުކޮށްލާފައިވާ އިރު ފަސް ހާހަށް ވުރެ ގިނަ މީހުން ޒަޚަމްކޮށްލާފައިވެ އެވެ. މިއާ އެކު ޣައްޒާގެ އާންމުންނާ ދެކޮޅަށް ހަނގުރާމައިގެ ޖަރީމާ ހިންގާ ކަމުގެ ތުހުމަތު އިސްރާއީލުގެ ހަރުކަށި ވެރިންގެ މައްޗަށްވަނީ ކުރެވިފަ އެވެ.
އިނގިރޭސި ޚާރިޖީ ވަޒީރު މިމޭރުމުން ވާހަކަ ދެއްކެވުމުގެ ކުރިން އޭނާ އާއި އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމެރޮން ވަނީ އިސްރާއީލުގެ އުދުވާނަށް ތާއީދުކުރައްވައި ވާހަކަ ދައްކަވާފަ އެވެ. އިސްރާއީލުގެ އުދުވާނަށް ތާއީދުކުރައްވައި ވާހަކަ ދެއްކެވުމުގެ ސަބަބުން އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކާއި އިނގިރޭސި ވިލާތުގެ މުސްލިމުންގެ ފާޑުކިޔުންތައް އެދެބޭފުޅުންނަށް ވަނީ އަމާޒުވެގެން ގޮސްފަ އެވެ. (އަލްޖަޒީރާ)