އިގްތިސޯދީ ކުރިއެރުން ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު މިނިވަންކަން ނުގެއްލޭ ވަރަށް ގައުމުގެ ދޮރުތައް ހުޅުވާނީ ކިހިނަކުންކަން މިއަދު ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ 49 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރު އުމަރު ވިދާޅުވީ ގައުމެއްގެ ސިޔާސީ މިނިވަންކަމާއި އިގްތިސޯދީ މިނިވަންކަމަކީ މިއަދު ގުޅިލާމެހިފައިވާ ދެކަމެއް ކަމަށެވެ. އެހެންކަމުން އިގްތިސޯދީ ކުރިއެރުން ހޯދުމުގެ މަސައްކަތް ކުރަމުންދާ އިރު ގައުމުގެ މިނިވަންކަމުގެ ވަލަށް ދޫދޭނީ ކިހާ މިންވަރަކަށްތޯ މިއަދު ވިސްނަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އިގްތިސޯދީ މަސައްކަތްތަކަށް ޓަކައި ބޭރުގެ ފަރާތްތަކާ މުއާމަލާތްކުރާއިރު މިއީ އަދުގެ ވެރީން ހިތްޕަވާންޖެހިފައިވާ ވަރަށް ހިމަ އެހާމެ ނާޒުކު ވާފަށެއް. މިދެންނެވި ފަދަ ހިމަ ވާފަށެއްގައި ބެލެންސް ކުރެއްވުމަކީ ފަސޭހަކަމެއް ނޫން،" އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ މިއަދަކީ އަޅުވެތިކުރުމުގެ ގޮތާއި ބާވަތް ބަދަލުވެފައިވާ ޒަމާނެއް ކަމަށާއި މިއަދުގެ ހަތިޔާރަކީ އަދި އުކުޅުތަކަކީ ގައުމެއްގެ ތެރެއަށް ވަދެގަނެވެން ހުންނަ ގޮތްތަށް ކަމަށެވެ.

އިގްތިސޯދީ ކުރިއެރުން ހޯދުމުގެ މަސައްކަތް ކުރަމުންދާ އިރު އަދުގެ ސަރުކާރުގެ ސިޔާސަތު ވަރަށް ސާފު ކަމަށާއި އެއީ އުފާވެރި ޚަބަރެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގެ އިގްތިސޯދު މުޅި ދުނިޔެއަށް ހުޅުވާލެވި އިގްތިސޯދީ ސަރަހައްދުތަކެއް ކަނޑައެޅިގެންދާ އިރު ގައުމިއްޔަތާއި ގައުމުގެ ސިޔާދަތަށް ޓަކައި އުސޫލުތަކެއް ހިފެހެއްޓެން ޖެހޭ ކަމަށާއި އެކަންކަން ހުންނާނީ ހިފެހެއްޓިފައި ކަމަށް އުމަރު ވިދާޅުވި އެވެ.

"ދިވެހި ގައުމުގެ އިގްތިސޯދު މުޅި ދުނިޔެއަށް ހުޅުވާލެވި ރާއްޖޭގައި އިގްތިސޯދީ ޒޯންތަކެއް ކަނޑައެޅިގެންދާ އިރު އުސޫލުތަކާއި ހަމަތަކާއި ގާނޫނުތަކުގެ ތެރެއިން ދިވެހި ގައުމިއްޔަތާއި ގައުމުގެ ސިޔާދަތަށް ޓަކައި ހިފެހެއްޓެން ޖެހޭ ކަންކަން ހުންނާނީ ހިފެހެއްޓިފައި. ބެނދެވެންޖެހޭ ތަންތަން ހުންނާނީ ބެނދެވި ބަރައްކީލު އެޅިފައި. އޭގައި ކުޑަ ވެސް ދޯހަޅި ކަމެއް ގެލެރީކަމެއް ނޯންނާނެ. ދިވެހި ރައްޔިތުންގެ ހައްގަކަށް ތަރިކައަކަށް ކުޑަވެސް އުނިކަމެއް ނާންނާނެ،" އުމަރު ވިދާޅުވި އެވެ.