ދިރާގު ދިވެހި ލީގުގައި ވިކްޓަރީ ސްޕޯޓްސް ކްލަބު އަތުން ހަނިތަފާތަކުން ކްލަބު އީގަލްސް މޮޅުވެއްޖެ އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުން ވިކްޓަރީ އަތުން އީގަލްސް މޮޅުވީ 3-2 ލަނޑުންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނުކަން ފާހަގަކޮށްލެވެއެވެ.

މެޗުގެ ފުރަތަމަ ހާފުގައި ފެނުނު ހަމައެކަނި ލަނޑު، ހާފު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް، ކާމިޔާބުކުރީ އީގަލްސްއިންނެވެ. އިސްމާއިލް އީސާ (މެސީ)ގެ ބޯޅައަކުން އީގަލްސްއަށް ލީޑު ހޯދައިދިނީ އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ އަންހެލް ކަރަސްކޯސާ މުނޯޒް އެވެ.

މެޗުގެ 59 ވަނަ މިނެޓްގައި އީގަލްސްއިން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ލީޑު ފުޅާކޮށްފަ އެވެ. އެ ލަނޑަކީ އީގަލްސްގެ އަންހެލްގެ ހުރަހަކުން ވިކްޓަރީގެ އަލީ ޝަރީފް އަތުން ބައިކޮޅަށް ވަން ލަނޑެވެ. ނަމަވެސް އީގަލްސްއިން ލީޑު ފުޅާކުރިތާ ދެ މިނެޓް ފަހުން ވިކްޓަރީގެ ބިދޭސީ ކުޅުންތެރިޔާ ހާންސްލޭ އޭވީ އަވީލޯ ވަނީ ވިކްޓަރީއަށް ލަނޑެއް ކާމިޔާބުކޮށް އީގަލްސްއިން ދަމަހައްޓަމުން ދިޔަ ލީޑު ހަނިކޮށްފަ އެވެ.

މެޗުގެ 78 ވަނަ މިނެޓްގައި އީގަލްސްގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު މުސްލިހު އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ މެސީގެ ބޯޅައަކުންނެވެ. ވިކްޓަރީއިން މެޗުގެ ނަތީޖާ 3-2 ލަނޑަށް ބަދަލުކުރީ މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށެވެ. ވިކްޓަރީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ ވިކްޓާ ބްރަނިމިރޯވް މަޓީވް އެވެ.

މި ނަތީޖާގެ ސަބަބުން ލީގު ތާވަލެއް އެއްވެސް ބަދަލެއް އައިސްފައެއް ނުވެ އެވެ. ފަސް މެޗުން ލިބުނު 15 ޕޮއިންޓާއެކު ލީގުގެ އެއްވަނައިގައި އެންމެ ފަހުގެ ޗެމްޕިއަން ނިއު ރޭޑިއަންޓް އޮތް އިރު، ލިބުނު 13 ޕޮއިންޓާއެކު ދެވަނައިގައި އޮތީ މާޒިޔާ އެވެ. ހަ މެޗުން ލިބުނު 12 ޕޮއިންޓާއެކު ތިންވަނައިގައި އީގަލްސް އޮތް އިރު، ހަތަރު ވަނައިގައި އޮތް ވިކްޓަރީއަށް ލިބިފައި ވަނީ ހަތް ޕޮއިންޓެވެ. ހަ ޕޮއިންޓާއެކު ފަސް ވަނައިގައި މަހިބަދޫ އޮތް އިރު، ހަ ވަނައިގައި އޮތް ވެލެންސިއާއަށް ލިބިފައިވަނީ ފަސް ޕޮއިންޓެވެ. ލީގުގެ ހަތްވަނައިގައި ލިބުނު އެންމެ ޕޮއިންޓަކާއެކު ބީޖީ އޮތް އިރު، އެންމެ ފުލުގައި އޮތް އޭވައިއެލްއަށް ވެސް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

ލީގުގައި މާދަމާ ބައްދަލުކުރާނީ ކްލަބު ވެލެންސިއާ އާއި މަހިބަދޫ ސްޕޯޓްސް ކްލަބެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅޭ އެ މެޗު ފަށާނީ މާދަމާ ރޭ 10:00 ގައެވެ.