ބެއިޖިން : ޗައިނާގެ ޚާޒާނާގައިވާ ބޭރުފައިސާގެ ރިޒާވް ގާތްގަނޑަކަށް ތިންހާސް ބިލިޔަން ޑޮލަރަށް އަރައިފިކަން އެޤައުމުން ހާމަކޮށްފިއެވެ.

ޗައިނާގެ މަރުކަޒީ ބޭނުންކުން ބުނިގޮތުގައި ފާއިތުވި 2010 ވަނަ އަހަރު ޗައިނާގެ ބޭރުފައިސާގެ ރިޒާވްއަށް 18.7 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވެއެވެ. މިއީ ގާތްގަނޑަކަށް 200 ބިލިޔަން އެމެރިކާ ޑޮލަރަށްވުރެ ބޮޑު އިތުރުވުމެކެވެ.

ޗައިނާއަކީ ދުނިޔޭގައި ބޭރުފައިސާގެ ރިޒާވް އެންމެ ބޮޑު ޤައުމެވެ. މިއީ އެޤައުމުގެ އިޤްތިސާދީ ބާރުދައްކުވައިދޭ ކަމެކެވެ. ޗައިނާގެ ބޭރުފައިސާގެ ރިޒާވް އިތުރުވުމުގެ ފަހަތުގައިވާ މައިގަނޑު ސަބަބުތަކަކީ އެހެން ޤައުމުތަކާއެކު ކުރާ ވިޔަފާރީގެ މުޢާމަލާތްތަކުން ބޮޑު ފައިދާއެއް ޗައިނާއަށް ލިބެމުން ދިޔުމާއި އެހެން ޤައުމުތަކުގައި ޗައިނާ ކޮށްފައިވާ އިންވެސްޓްމަންޓްތަކުން ލިބެމުންދާ އާމްދަނީ އިތުރުވަމުން ދިޔުމެވެ.
ޗައިނާވަނީ އެމެރިކާގެ އިޤްތިސާދަށް އެހީތެރިވުމުގެ ގޮތުން އެތަށް ސަތޭކަ ބިލިޔަން ޑޮލަރުގެ ޓްރެޜަރީ ބިލްތަކެއް އެމެރިކާއިންވެސް ގަނެފައެވެ. މިއިންވެސް އިންޓްރެސްޓްގެ ގޮތުގައި ބޮޑުުފައިދާއެއް ޗައިނާއަށް ލިބިގެންދާނެއެވެ.