ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ބިލު ގާނޫނަކަށް ވުމުން ސަރުކާރުން އެންމެ މުހިންމު އިގްތިސާދީ މަޝްރޫއެއް ހިންގާނީ އިހަވަންދިއްޕޮޅުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

މިނިވަންދުވަހުގެ މުނާސަބަތުގައި ގައުމާ މުޚާތަބު ކުރައްވައި ރައީސް ޔާމީން ވިދާޅުވީ އިހަވަންދިއްޕޮޅުގައި ސަރުކާރުން ހިންގާ މަޝްރޫއަށް ދީފައިވާ ނަމަކީ "އައިހެވަން" ކަމަށާއި މިއީ ރާއްޖޭގެ އުތުރުގެ ސަރަހައްދަށް ބޮޑު ތަރައްގީއެއް ގެނެސްދޭނެ މަޝްރޫއެއް ކަމަށެވެ. އަދި އެ މަޝްރޫއު ހަގީގަތަކަށް ވެގެންދިޔުމާ އެކު އުތުރުގެ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތުތައް އިތުރުވެ ރައްޔިތުންގެ ތަނަވަސްކަން އިތުރުވެގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ އިގްތިސާދު އިތުރަށް ފުޅާކޮށް ހަރުދަނާކުރުމަށް ޓަކައި، ރާއްޖޭގައި ޚާއްސަ އިގްތިސާދީ ސަރަހައްދުތަކެއް ގާއިމުކުރުމަކީ، ސަރުކާރުގެ އިގްތިސާދީ ތަސައްވުރުގެ ވަރަށް މުހިންމު އަމާޒެއް ކަމަށެވެ. އަދި އެކަމަށް މަގުފަހިވެގެން ދާނީ އެކަމާ ބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"މި ބިލް ގާނޫނަކަށް ވެގެން އައުމުން، ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ލިބި، ރާއްޖެ އަންނަ އިންވެސްޓްމަންޓްތައް އިތުރުވެގެންދާނެ. މިއާ އެކު، ވަޒީފާގެ ފުރުސަތުތައް އިތުރުވެ، ރާއްޖޭގެ އިގްތިސާދު، ފަތުރުވެރިކަމަށް ބިނާވެފައި އޮތްއޮތުން ކުޑަކުރެވި، ރާއްޖޭގައި ވިޔަފާރިއާއި ސިނާއީ ހަރަކާތްތައް ފުޅާވެގެންދާނެ،" ރައީސް ވިދާޅުވި އެވެ.

އެ ބިލް ގާނޫނަކަށް ވެގެންދިޔުމުން ރާއްޖޭގެ އުފެއްދުންތެރިކަން އެތައް ގުނައަކަށް އިތުރުވެ، ރާއްޖޭގައި ދައުރުވާ ބޭރު ފައިސާގެ މިންވަރު އިތުރުވެގެންދާނެ ކަމަށް ވެސް ގައުމާ މުޚާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވި އެވެ.