26 Jul 2014, 01:13
ގަން އިންޓަނޭޝަނަލް އެއާޕޯޓާއި އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫއެއް މިހާރު ފަށާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
މިނިވަންދުވަހުގެ މުނާސަބަތުގައި ގައުމާ މުޚާތަބު ކުރައްވައި ރައީސް ޔާމީން ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަނީ އައްޑޫ ސިޓީ އަކީ ޒަމާނީ ފެންރުގެ ސިޓީއަކަށް ހެދުމަށް ކަމަށެވެ. އެ މަސައްކަތް ނިމިގެންދާއިރު ގަން އިންޓަނޭޝަނަލް އެއާޕޯޓާއި ހިތަދޫ ސަރަހައްދީ ބަނދަރުގެ ފެންވަރު މަތިވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ހިތަދޫ ސަރަހައްދީ ބަނދަރުގެ ފެންވަރުމަތިކޮށް، އެތަނުގައި އިގްތިސާދީ ހަރަކާތްތައް އިތުރުކޮށް އެތަންތަން ހިންގުން ހަރުދަނާކުރުމަކީ، ސަރުކާރުގެ ވަރަށް މުހިންމު އަމާޒެއް. މިގޮތުން، ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްގީކުރުމުގެ ބިޔަ މަޝްރޫއެއް މިހާރުދަނީ ހިނގަމުން،" ރައީސް ވިދާޅުވި އެވެ.
ހިތަދޫ ސަރަހައްދީ ބަނދަރު ތަރައްގީކޮށް، އެތަނުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި، އެ ބަނދަރު މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ ދަށަށް ބަދަލުކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"މި ގެނޭވޭ ބަދަލާއެކު، އެ ބަނދަރުން ދެވޭ ޚިދްމަތްތައް އިތުރަށް ފުޅާކޮށް، ޒަމާނީ ވިޔަފާރި ބަނދަރަކުން ދެވޭފަދަ ގިނަ ޚިދްމަތްތަކެއް އައްޑޫ ސިޓީއާއި އެ ސަރަހައްދުގެ ރައްޔިތުންނަށް ލިބިގެންދާނެ،" ރައީސް ވިދާޅުވި އެވެ.
އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއަޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއާ ބެހޭގޮތުން އެމަނިކުފާނު ވިދާޅުވީ އެ އެއާޕޯޓްގެ މާސްޓާ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ދުނިޔޭގެ އެންމެ ނަންހިނގާ އެއަޕޯޓްތަކުގެ ތެރޭގައި ހިމެނޭ ސިންގަޕޫރުގެ ޗަންގީއާއެކު އެބަ ކުރެވެމުން އަންނަ ކަމަށެވެ. އަދި އެ މާސްޓާ ޕްލޭންގެ ދަށުން އިމާރާތް ކުރެވޭ އާ ޓާމިނަލް އިމާރާތް ކުރެހުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"އެއަޕޯޓް މާސްޓާ ޕްލޭންގެ ދަށުން ގެނެވޭނެ ބަދަލުތަކުގެ ތެރޭގައި މިހާރު އޮތް ރަންވޭގެ އިތުރަށް، އިތުރު ރަންވޭ ހެދޭނެ. ހަމައެހެންމެ، ސަރަހައްދީ ވައިގެ ބަނދަރުތައް ތަރައްގީކޮށް، އިތުރު ވައިގެ ބަނދަރުތަކެއް ގާއިމުކުރުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރެވެމުން،" ރައީސް ވިދާޅުވި އެވެ.