ގައުމު ހަމަޖެހުމުގެ ނޭވާއެއް ލަމުންދާ މި ދަނޑިވަޅުގައި، ގައުމު ހަލަބޮލި ކަމުގެ ތެރެއަށް ސޮއްސާލާކަށް ސަރުކާރުން ފުރުސަތެއް ނުދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

މިނިވަންދުވަހުގެ މުނާސަބަތުގައި ގައުމާ މުޚާތަބު ކުރައްވައި ރައީސް ޔާމީން ވިދާޅުވީ ސިޔާސީ އިދިކޮޅު ފަރާތްތަކުން ގަސްދުގައި ހަމަޖެހުން ނަގާލުމަށް މަސައްކަތްކުރާ ކަމަށާއި އެކަން އެގޮތަށް ކުރަމުންދަނީ މުޖުތަމައުގައި ނުތަނަވަސްކަމުގެ އުދާސް އުފައްދައިގެން ކަމަށެވެ.

ރައީސް ވިދާޅުވީ ސިޔާސީ ބޭނުމުގައި އުފަންކުރުވާ އުދާސްކަން މިނިވަންކަމަށް އަސަރުފޯރާ ހިސާބަށް ގެންގޮސްފައި އެބަހުރި ކަމަށާއި ދިވެހި ތާރީޚުން އެކަން ތަކުރާރުކޮށް ފެނިގެން ގޮސްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައްޔިތުންގެ ރުހުމާއި ލޯބި ހޯދުމުގައި ކާމިޔާބީ ހާސިލު ނުވުމަކީ، ގައުމު ނަފްރަތާއި ހަސަދައިގެ ފުންވަޅުގަނޑަށް ވައްޓާލަންޖެހޭ ސަބަބެއްކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" ރައީސް ވިދާޅުވި އެވެ.

ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރުން ހުއްޓުވުމަށް މަސައްކަތް ކުރުމާއި، މަސްވެރިން ރެޔާއިދުވާލު ބުރަ މަސައްކަތް ކޮށްގެން ބާނާ މަސް ގަތުން ހުއްޓުވުމަށް މަސައްކަތްކުރުމަކީ، އުދާސްކަމާއި ހާސްކަން އުފެއްދުމަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން ގަސްދުގައި ކުރާކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

"ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓް ކުރުމަށާއި، ރާއްޖޭގެ މަސްވެރިން ބާނާ މަސްގަންނަ ފަރާތްތަކުގެ ހިތްތަކުގައި ޝައްކު އުފައްދައި މަސްވެރިކަން ހަލާކުކުރުމަށް ވަކިފަރާތްތަކަކުން ކުރަމުން ގެންދާ މަސައްކަތް އަޅުގަނޑު ކުށްވެރިކުރަން. ދިވެހި ރައްޔިތުން ފަގީރުކުރުމަށް ކުރާ ހުރިހާ މަސައްކަތެއް ބަލިކޮށް، ސުލްޙަވެރި ޒުވާން ޖީލެއް ބިނާކޮށް، ދިވެހިންނަށް ތަނަވަސްކަން ހޯދައިދިނުމުގައި މި ސަރުކާރު ކުރިއަށްދާނެ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މިއަދު ގައުމަށް އަންނަ ހަމަލާތަކުގެ ބަޑިބޭހަކީ، އިގްތިސާދީ ގޮތުން ދަތިކުރުމާއި، ރައްޔިތުން ފަގީރުކަމުގެ ތެރެއަށް އެއްލާލުން ކަމަށާއި އިގްތިސާދީ ގޮތުން ގައުމު ނިކަމެތިކުރުމަށް މަސައްކަތްކުރުމަކީ މިނިވަންކަން ނަގާލުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ.

"އެހެންކަމުން، ރާއްޖޭގައި މިއޮތް ހަމަޖެހުން، ސިޔާސީ އެކިއެކި ބޭނުންތައް ފުއްދުމަށްޓަކައި ނަގައިނުލުމަށް ރާއްޖޭގެ ރައްޔިތުންނަށާއި، ރާއްޖޭގައި ހަރަކާތްތެރިވާ ސިޔާސީ ޕާޓީތަކަށާއި، ސިޔާސީ ވެރިންނަށް، މި ފުރްސަތުގައި އަޅުގަނޑު ގޮވާލަން،" ރައީސް ވިދާޅުވި އެވެ.