Last Updated: 1 decade 1 year ago
Last Updated:
1 decade 1 year ago
ރާއްޖޭގެ މިނިވަން ދުވަހުގެ ހާއްސަ އިހްތިފާލް
00:40
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ބްރާސް ބޭންޑުގައި ކުޅެވުނު ގައުމީ ސަލާމާއެކު މިނިވަންދުވަހުގެ މުނާސަބަތުގައި ބޭއްވި ހާއްސަ އިހްތިފާލު ނިންމާލައިފި.
00:32
މިހާރު ކުރިއަށްދަނީ، މިނިވަންދުވަހުގެ މުނާސަބަތުގައި ކުރެވޭ ހާއްސަ ދުއާ.
00:31
މިނިވަން ދުވަހާއި ފިތުރު ޢީދުގެ ތަހްނިޔާ ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަރިސް ކުރަމުން ރައީސްގެ ވާހަކަފުޅު ނިންމަވާލައްވައިފި.
00:30ރައީސް ޔާމީން
ޒުވާނުންނަށް އިތުރު ފުރުސަތެއް ދިނުމުގެ ބޭނުމުގައި، ކުދި ކުށްތަކުގައި ދައުވާ އުފުލިފައި ތިބި ޒުވާނުންނާއި ދައުވާ އުފުލުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހެޅިފައި ހުރި މައްސަލަތަކުގައި، ފުރަތަމަފަހަރަށް ކުށަށް އަރައިގަނެވިފައިވާ ޒުވާނުންނާއެކު ވެވޭ އެއްބަސްވުމެއްގެ ދަށުން، ދައުވާނުކޮށް ދޫކޮށްލުމުގެ އުސޫލެއް ގާއިމުކޮށްދިނުމަށް އަޅުގަނޑު މިހާރުވާނީ ޕްރޮސިކިއުޓާ ޖެނެރަލަށް ދަންނަވާފައި.
00:29ރައީސް ޔާމީން
އަޅުގަނޑު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމާ ޙަވާލުވި ދުވަހުން ފެށިގެން މިއަދާ ހަމައަށް ތަފާތު 4000 މައްސަލައިގައި ތުހުމަތު ކުރެވިފައިވާ 3588 ޒުވާނުންގެ ކުށުގެ ރެކޯޑުވަނީ ސާފުކުރެވިފައި. މިދެންނެވި ޒުވާނުންގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލަތަކާމެދު މިހާރުވަނީ ގޮތެއް ނިންމިފައި.
00:29ރައީސް ޔާމީން
ޒުވާނުންނާއި މުޖުތަމައުގެ އެންމެހައި ފަރުދުންގެ ހަމަޖެހުމަށްޓަކައި ޒުވާނުންނަށް ފަހި މުޖުތަމައެއް ބިނާކުރުމުގެ މަސައްކަތް ސަރުކާރުން މިދަނީ ކުރަމުން. މައްސަލަތަކުގެ ޝިކާރަޔަކަށް ޒުވާނުން ވިޔަނުދިނުމަށް ކެނޑިނޭޅިދަނީ މަސައްކަތް ކުރެވެމުން.
00:28ރައީސް ޔާމީން
ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓް ކުރުމަށާއި، ރާއްޖޭގެ މަސްވެރިން ބާނާ މަސްގަންނަ ފަރާތްތަކުގެ ހިތްތަކުގައި ޝައްކު އުފައްދައި މަސްވެރިކަން ހަލާކުކުރުމަށް ވަކިފަރާތްތަކަކުން ކުރަމުން ގެންދާ މަސައްކަތް އަޅުގަނޑު ކުށްވެރިކުރަން.
00:28ރައީސް ޔާމީން
ދިވެހިރާއްޖެއަކީ އިގްތިސާދީ ގޮތުން ކުރިއަރާފައިވާ ގާއުމަކަށް ހެދުމަށްޓަކައި ސަރުކާރުން އަޅާ ކޮންމެ ފިޔަވަޅެއް އަދި ހިންގާ ކޮންމެ މަޝްރޫއެއް ނުވަތަ ހަރަކާތެއް ހިންގާނީ، އެކަމުގެ ސަބަބުން ގާއުމުގެ މިނިވަންކަމަށާއި އިސްތިގްލާލަށް އެއްވެސް ބުރުލެއް ނާރާނެގޮތަށް.
00:28ރައީސް ޔާމީން
ޔޫތުސިޓީ ބިނާކުރުމަށްޓަކައި ހުޅުމާލޭގެ ދެވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް މިހާރުވަނީ ބަޔަކާ ހަވާލުކުރެވިފައި. މި މަސައްކަތް އަންނަ އަހަރުގެ މެދެއްހާތާނގައި ނިމޭނެ. ޒުވާނުންގެ ސިޓީ ވެގެންދާނީ، ވަޒީފާގެ ފުރުސަތުތަކާއި، މުނިފޫހިފިލުވުމާއި އުނގެނުމުގެ ފުރުސަތު ޒުވާނުންނަށް ތަނަވަސްކޮށްދޭނެ ނާރެހަކަށް.
00:27ރައީސް ޔާމީން
އެއަރޕޯޓް މާސްޓަރ ޕްލޭންގެ ދަށުން ގެނެވޭނެ ބަދަލުތަކުގެ ތެރޭގައި މިހާރު އޮތް ރަންވޭގެ އިތުރަށް، އިތުރު ރަންވޭ ހެދޭނެ. ހަމައެހެންމެ، ސަރަހައްދީ ވައިގެ ބަނދަރުތައް ތަރައްގީކޮށް، އިތުރު ވައިގެ ބަނދަރުތަކެއް ގާއިމުކުރުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރެވެމުން.
00:27ރައީސް ޔާމީން
އިބްރާހީމް ނާސިރު އިންޓަރނޭޝަނަލް އެއަޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއެއް މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން އެއަޕޯޓްގެ މާސްޓަ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ދުނިޔޭގެ އެންމެ ނަންހިނގާ އެއަޕޯޓްތަކުގެ ތެރޭގައި ހިމެނޭ ސިންގަޕޫރުގެ ޗަންގީއާއެކު އެބަ ކުރިއަށްދޭ. އަދި މި މާސްޓާ ޕްލޭންގެ ދަށުން އިމާރާތް ކުރެވޭ އާ ޓާމިނަލް އިމާރާތް ކުރެހުމުގެ މަސައްކަތް މިހާރު ދަނީ ހިނގަމުން.
00:27ރައީސް ޔާމީން
ހިތަދޫ ބަނދަރާއެކު ހދ. ކުޅުދުއްފުށީ ސަރަހައްދީ ބަނދަރުވެސް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ ދަށަށް ބަދަލުކޮށް، ހިތަދޫ ބަނދަރަށް ގެނެވޭ ތަރައްގީ ކުޅުދުއްފުށީ ބަނދަރަށްވެސް ގެނެވިގެންދާނެ.
00:26ރައީސް ޔާމީން
ހިތަދޫ ސަރަހައްދީ ބަނދަރު ތަރައްގީކޮށް، އެތަނުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި، އެ ބަނދަރު މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ ދަށަށް ބަދަލުކުރުމަށް ސަރުކާރުން މިހާރުވަނީ ނިންމާފައި. މި ގެނޭވޭ ބަދަލާއެކު، އެ ބަނދަރުން ދެވޭ ޚިދްމަތްތައް އިތުރަށް ފުޅާކޮށް، ޒަމާނީ ވިޔަފާރި ބަނދަރަކުން ދެވޭފަދަ ގިނަ ޚިދްމަތްތަކެއް އައްޑޫ ސިޓީއާއި، މި ސަރަހައްދުގެ ރައްޔިތުންނަށް ލިބިގެންދާނެ.
00:26ރައީސް ޔާމީން
އައްޑޫ ސިޓީ ޒަމާނީ ސިޓީއެއްގެ ގޮތުގައި ތަރައްގީކޮށް، އެ ސިޓީގައި ވިޔަފާރީއާއި، އިގްތިސާދީ ހަރަކާތްތައް އިތުރުކުރުމަށްޓަކައި ގަން އިންޓަރނޭޝަނަލް އެއަޕޯޓާއި، ހިތަދޫ ސަރަހައްދީ ބަނދަރުގެ ފެންވަރުމަތިކޮށް، އެތަނުގައި އިގްތިސާދީ ހަރަކާތްތައް އިތުރުކޮށް އެތަންތަން ހިންގުން ހަރުދަނާކުރުމަކީ، ސަރުކާރުގެ ވަރަށް މުހިންމު އަމާޒެއް. މިގޮތުން، ގަން އިންޓަނޭޝަނަލް އެއަޕޯޓް ތަރައްގީކުރުމުގެ ބިޔަ މަޝްރޫއެއް މިހާރުދަނީ ހިނގަމުން.
00:26ރައީސް ޔާމީން
ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ގާނޫނު އައުމާއެކު، މި ސަރުކާރުން ހިންގާނެ އެންމެ މުހިންމު އިގްތިސާދީ މަޝްރޫއަކީ، އިހަވަންދިއްޕޮޅު އިންޓަރގްރޭޓެޑް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް، އާދެ، އައިހެވަން މަޝްރޫއު. މިއީ، ރާއްޖޭގެ އުތުރުގެ ސަރަޙައްދަށް ބޮޑު ތަރައްގީއެއް ގެނެސް، އުތުރުގެ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތުތައް އިތުރުކޮށްދީ ރައްޔިތުންގެ ތަނަވަސްކަން އިތުރުކޮށްދޭނެ މަޝްރޫއެއް. އުތުރުގެ ތަނަވަސްކަމުގެ މައި ދޮރޯށި.
00:25ރައީސް ޔާމީން
ސްޕެޝަލް އިކޮނޮމިކް ޒޯންތަކެއް ގާއިމް ކުރުމުގެ ބިލް ގާނޫނަކަށް ވެގެން އައުމުން، ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ލިބި، ރާއްޖެ އަންނަ އިންވެސްޓްމަންޓްތައް އިތުރުވެގެންދާނެ. މިއާއެކު، ވަޒީފާގެ ފުރުސަތުތައް އިތުރުވެ، ރާއްޖޭގެ އިގުތިސާދު، ފަތުރުވެރިކަމަށް ބިނާވެފައި އޮތްއޮތުން ކުޑަކުރެވި، ރާއްޖޭގައި ވިޔަފާރިއާއި ސިނާއީ ހަރަކާތްތައް ފުޅާވެގެންދާނެ. އަދި، ރާއްޖޭގެ އުފެއްދުންތެރިކަން އެތައް ގުނައަކަށް އިތުރުވެ، ރާއްޖޭގައި ދައުރުވާ ބޭރު ފައިސާގެ މިންވަރު އިތުރުވެގެންދާނެ.
00:24ރައީސް ޔާމީން
އިގްތިސާދީ ގޮތުން ގައުމު ނިކަމެތިކުރުމަށް މަސައްކަތްކުރުމަކީ، މިނިވަންކަން ނަގާލުމަށް ކުރެވޭ މަސައްކަތެއް. އެހެންކަމުން، ރާއްޖޭގައި މިއޮތް ހަމަޖެހުން، ސިޔާސީ އެކިއެކި ބޭނުންތައް ފުއްދުމަށްޓަކައި ނަގައިނުލުމަށް ރާއްޖޭގެ ރައްޔިތުންނަށާއި، ރާއްޖޭގައި ހަރަކާތްތެރިވާ ސިޔާސީ ޕާޓީތަކަށާއި، ސިޔާސީ ވެރިންނަށް، މި ފުރުސަތުގައި އަޅުގަނޑު ގޮވާލަން.
00:24ރައީސް ޔާމީން
ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރުން ހުއްޓުވުމަށް މަސައްކަތް ކުރުމާއި، ދިވެހި މަސްވެރިން ރެޔާއިދުވާލު ބުރަ މަސައްކަތް ކޮށްގެން ބާނާ މަސް، ގަންނަ ފަރާތްތަކުން މަސްގަތުން ހުއްޓުވުމަށް މަސައްކަތްކުރުމަކީ، އުދާސްކަމާއި ހާސްކަން އުފެއްދުމަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން ގަސްދުގައި ކުރާކަމެއް.
00:24ރައީސް ޔާމީން
ރައްޔިތުންގެ ރުހުމާއި ލޯބި ހޯދުމުގައި ކާމިޔާބީ ހާސިލު ނުވުމަކީ، ގައުމު ނަފްރަތާއި ހަސަދައިގެ ފުންވަޅުގަނޑަށް ވައްޓާލަންޖެހޭ ސަބަބެއްކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން.
00:22ރައީސް ޔާމީން
އިސްރާއީލުން ފަލަސްތީނާމެދު ގެންގުޅޭ އަނިޔާވެރި، ހަރުކަށި ސިޔާސަތު ދޫކޮށްލައި ފަލަސްތީނާއެކު ސުލްހަ ގާއިމުކުރުމުގެ މަސައްކަތް ފަށަންދެން، އިސްރާއީލުގައި އުފައްދާ ތަކެތި ރާއްޖޭގައި ވިއްކުން ނުވަތަ ރާއްޖެއަށް އެތެރެކުރުން މިހާރުވަނީ މަނާކުރެވިފައި. އަދި ރައީސް ނަޝީދުގެ ސަރުކާރުން އިސްރާއީލާއެކު ގުޅުން ބަދަހިކުރުމަށް 2010 ވަނަ އަހަރު ސޮއިކޮށްފައިވާ "ގުޅުން ބަދަހިކުރުމުގެ" ތިން އެއްބަސްވުމަކަށް އަމަލުކުރުން މިހާރުވަނީ ހުއްޓާލާފައި.
00:22ރައީސް ޔާމީން
ފަލަސްތީނުގެ ރައްޔިތުންނަށް، ރާއްޖޭގެ ރައްޔިތުންގެ ފުރިހަމަ ތާއީދާއި އެއްބާރުލުން އަބަދުވެސް އޮންނާނެ ކަމުގެ ޔަގީންކަން، މި ފުރްސަތުގައި ފަލަސްތީނުގެ ސަރުކާރަށާއި ރައްޔިތުންނަށް އަޅުގަނޑު އަރުވަން.
00:22ރައީސް ޔާމީން
އިސްރާއީލުން ފަލަސްތީނުގެ ނިކަމެތި ރައްޔިތުންނަށް ދެމުންދާ އަނިޔާތަކާއި ހަމަލާތަކުގައި، ވަރަށްގިނަ އަދަދެއްގެ ކުޑަކުދިންނާއި ޒުވާނުން މަރައި، ހިންގަމުންގެންދާ ލާއިންސާނީ އަމަލުތައް، މިއަދުވެސް އަޅުގަނޑު ވަރަށް ބޮޑަށް ކުށްވެރިކުރަން. އަދި ފަލަސްތީނުގެ މައްސަލަ ހައްލުކުރުމަށްޓަކައި ދުނިޔޭގެ ބާރުގަދަ ގައުމުތަކުން އިސްނަގައިގެން، އދ.ގެ އެހީތެރިކަމާއެކީގައި، އަވަސް މަސައްކަތްތަކެއްކޮށް، ޔަހޫދީން، ތަކުރާރުކޮށް ފަލަސްތީނަށް ދެމުން ގެންދާ އުދުވާނުތަކަށް ހުއްޓުމެއް ގެންނަންޖެހޭ.
00:20ރައީސް ޔާމީން
އަންނަ އަހަރަކީ، ދިވެހިރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރޭ ރަން ޔޫބީލް އަހަރު. މިނިވަންކަމުގެ ރަން ޔޫބީލް، ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަށް ސަރުކާރުން ނިންމައި، އެކަމުގެ ޢަމަލީ މަސައްކަތްތައް މިވަނީ ފަށާފައި.
00:19
ރައީސުލްޖުމްހޫރިއްޔާ ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް މިނިވަން ދުވަހުގެ ތަހްނިޔާ ފޮނުއްވައިފި.
00:17
ރައީސް ޔާމީން ދިވެހި ގައުމާ މުހާތަބުކުރައްވަން ފައްޓަވައިފި.
00:16
ހޯމް މިނިސްޓަރުގެ ވާހަކަފުޅު ނިންމަވާލައްވައިފި.
00:15ހޯމް މިނިސްޓަރު އުމަރު
އިގްތިސާދީ ހާއްސަ ސަރަހައްދުތަކެއް ކަނޑައެޅިގެން ދާއިރު، ހިފެހެއްޓެންޖެހޭ ކަންތައްތަކެއް ހުންނާނީ ހިފެހެއްޓިފައި.
00:14ހޯމް މިނިސްޓަރު އުމަރު
ގައުމެއްގެ މިނިވަން ކަމާ އެގައުމެއްގެ އިގްތިސާދީ މިނިވަން ކަމަކީ ގުޅި ލާމެހިފައިވާ ދެކަން.
00:12ހޯމް މިނިސްޓަރު އުމަރު
ވޭތުވެދިޔަ 30 އަހަރު ތެރޭގައި ރައީސް މައުމޫނު ވަނީ ފިކުރީ ހަމަލާތަކާއި އުދުވާނީ ހަމަލާތަކުން ރާއްޖެ ސަލާމަތްކޮށްދެއްވާފައި.
00:08ހޯމް މިނިސްޓަރު އުމަރު
ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންގެންދާ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް ރައީސް ޔާމީން އުފުއްލަވަމުންގެންދަވާ ޝިއާރުތަކުގެ ސަބަބުން ރާއްޖެއަކީ ފުރިހަމަ މިނިވަން ދައުލަތެއްކަން ހާމަވޭ.
00:04
މިރޭގެ މި ހާއްސަ ޖަލްސާގައި އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒް ހުސައިން އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުރު ދައުލަތުގެ ވަޒީރުން ވެސް ބައިވެރިވެވަޑައިގަންނަވާ.
00:03
މަރުހަބާ ދެންނެވުމުގެ ގޮތުން ހޯމް މިިނިސްޓަރު އުމަރު ނަސީރު ވާހަކަފުޅު ދައްކަވަނީ.
00:01
ގައުމީ ސަލާމް. ދިވެހި ސިފައިންގެ ބޭންޑު.
23:59
މިހާރު ކުރިއަށް ދަނީ ގައުމީ ދިދަ ނެގުން.
23:55
މިހާރު ކުރިއަށް ދަނީ ދެންމެ އިސްލާމިކް މިނިސްޓަރުގެ ނާއިބު، އަލް ގާރީ އަލީ ވަހީދު އަބްދުއް ރަހްމާން ކިޔަވާވިދާޅުވި ގުރުއާނުގެ އާޔަތްތަކުގެ ދިވެހި ތަރުޖަމާ.
23:53
ކީރިތި ގުރުއާނުގެ ބަރަކާތުން ޖަލްސާ ފައްޓަވައިދެއްވައިފި.
23:51
މިނިވަންދުވަހުގެ ރަސްމީ އިހްތިފާލުގައި ވައިވެރިވެވަޑައިގަތުމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއާއި އަދި ކުރީގެ ދެ ރައީސުން ކަމަށް ވާ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި، ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި އަދި ވެސް ދައުލަތުގެ އިއްޒަތްތެރިން ޖުމްހޫރީ މައިދާނަށް ހާޒިރުވެ ވަޑައިގެންފި.