25 Jul 2014, 22:17
ސްކޮޓްލޭންޑް ގެ ގްލާސްގޯގައި މިހާރު ކުރިއަށްދާ ކޮމަންވެލްތު ގޭމްސްގައި ޣައްޒާގެ ރައްޔިތުންނަށް ތާއީދުކުރާކަން ފާޅުކުރި މެލޭޝިއާގެ އެތުލީޓެއްގެ މައްސަލަ ބަލަން ފަށައިފި އެވެ.
ބައިސިކަލް ދުއްވުމުގެ ފިރިހެނުންގެ ބައިގައި ބައިވެރިވާ އަޒީޒުލް ހަސަނީ އަވާންގެ މައްސަލަ މުބާރާތުގެ ކަންތައްތައް ބަލަހައްޓާ މީހުން ބަލަން ފެށީ އޭނާ ރޭހުގައި ބައިވެރިވި އިރު އަތަށް ލައްވާފައި އޮތް ދެ އަންގީގައި " ސޭވް ގާޒާ" ޖަހާފައި އޮތުމުންނެވެ. ކަނާތުގައި " ސޭވް" ވައަތުގައި " ގާޒާ" ލިޔެފައި އޮތް މަންޒަރު އަވާން ވަނީ ބީބީސީގެ ކެމެރާތަކަށް ދައްކާލާފައެވެ.
ރޭހުގެ ކުއާޓަ ފައިނަލަށް މިހާރު ގޮސްފައިވާ އަވާން އާ މެދު ޑިސިޕްލިނަރީ ފިޔަވަޅު އަޅާނެ ކަމަށް ބެލެވޭ އިރު އޭނާ މުބާރާތުން ވަކިކުރުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.
ކޮމަންވެލްތު ގޭމްސް ފެޑެރޭޝަނުގެ ތަރުޖަމާނަކު ބުނިކަމަށް އިނގިރޭސިވިލާތުގެ ދަ އިންޑިޕެންޑެންޓް ނޫހުން ބުނީ އަވާން އާ މެދު އެއްވެސް ފިޔަވަޅެއް އަޅާނީ އޭނާގެ މައްސަލަ ރަނގަޅަށް ތަހުގީގުކުރުމަށް ފަހުގައި ކަމަށެވެ. ތަރުޖަމާނު އަދި ބުނެފައި ވަނީ އަވާންގްއާ ބެހޭ ރިޕޯޓެއް ފޮނުވަން ޗެފް ޑިމިޝަންއަށް މިހާރު އަންގާފައި ވާނެ ކަމަށެވެ.